އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑެން ގެންނަން ވޯޓު ދިން ޔަހޫދީން އެމީހުންގެ އަމިއްލަ ނަފްސާއި މެދު މިހާރު ލަދުގަންނަން ޖެހޭ ކަމަށް އެގައުމުގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް އެގޮތަށް ބުނެފައިވަނީ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ކުރަމުން އަންނާތީ، ބައިޑެން އެގައުމަށް ބައެއް ހަތިޔާރު ފޯރުކޮށް ނުދޭނެ ކަމަށް ބުނެ އިންޒާރުތައް ދެމުން އަންނާތީއެވެ.

އެކަމާއި ގުޅިގެން ޓްރަމްޕް ބުނެފައިވަނީ އެއްވެސް ޔަހޫދީ މީހަކު ބައިޑެންއަށް ވޯޓު ދީފައިވާނަމަ، މިހާރު އެމީޙުން އަމިއްލަ ނަފްސާއި މެދު ލަދުގަންނަން ޖެހޭ ކަމަށެވެ.

"ރެސްޕެކްޓް" އޭ ބުނަމުން ބައިޑެން އިސްރާއީލާއި މެދު ކަން ކުރަމުން އަންނަނީ ނިކަމެތި ގޮތަކަށް. އޭނާ އިސްރާއީލުން ދޫކޮށްލައިފި. އޭނާ އެކަން ކުރީ ހީވަނީ ސިޔާސީ ބޭނުމެއްގައި ހެން" ޓްރަމްޕް ބުންޏެވެ.

ނިރުބަވެރި އިސްރާއީލުން ވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ރަފާހަށް ވަދެގަނެ، ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މި ހަމަލާތަކުގައި އެތަކެއް ބަޔަކު ޝަހީދުވެ، ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.