އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ސޯނަމް ކަޕޫރު ބޮލީވުޑުގައި މަސައްކަތް ކުރާތާ މިއަދަށް 13 އަހަރު ފުރުނީއެވެ. ސޯނަމް ކަޕޫރު ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ 2007 ވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީގެ ''ސާވަރިޔާ''އިންނެވެ.

ސޯނަމް ކަޕޫރަށް ސާވަރިޔާގެ ރޯލު ލިބުނު ގޮތް ކިޔައިދެމުން އޭނާ ބުނެފައިވަނީ އެ ރޯލު ލިބުނީ އޭނާގެ އަމިއްލަ މަސައްކަތުން ކަމަށެވެ.

ފިލުމު ''ޒޯޔާ ފެކްޓާ''ގެ ޕްރޮމޯޝަނެއްގައި ސޯނަމް ބުނެފައިވަނީ އޭނާ ކޮލެޖަށް ދާން ބޭނުން ނުވާ ކަމަށާއި ސަންޖޭ ލީލާއާއިއެެކު ފިލުމުގައި މަސައްކަތް ކުރަން ބޭނުންވާ ވާހަކަ އޭނާގެ މަންމަ ސުނީތާ ގާތު ބުނުމުން ވަގުތުން އެކަމަށް އިންކާރު ކުރިކަމަށެވެ.

ސުނީތާ މިކަމަށް އިންކާރު ކުރުމުން އަނިލް ކަޕޫރު އެކަމަށް އެއްބަސް ކުރުވުމުގެ މަސައްކަތް ފެށިއެވެ. ސަންޖޭ ލީލާއަކީ ކާކުކަން ރަނގަޅަށް ނޭނގޭތީ އަނިލް ކަޕޫރު އެކަމާ އެއްބަސް ކުރުވީ ވަރަށް އުދަނގުލުން ކަމަށް ވެސް ސޯނަމް ބުނެފައިވެއެވެ.

ސަންޖޭ ލީލާގެ އޮފީހަށް ސޯނަމް ދިޔަ ފުރަތަމަ ދުވަހު ސޯނަމް އައީ އެކްޓް ކުރުމަށް ނޫންކަމަށާއި އެސިސްޓެންޓް ޑައިރެކްޓަރުކަން ކުރަން ބޭނުންވާތީ ކަމަށް ބުނުމުން ސަންޖޭ ވަނީ އެކަމަށް އިންކާރުކޮށް ސޯނަމް އެކްޓް ކުރުމަށް ހުށަހަޅައިފައެވެ. އެއިރު ސޯނަމްއަކީ ކާކުގެ ދަރިއެއްކަން ސަންޖޭއަކަށް ނޭނގެއެވެ.

އޭގެފަހުން ސޯނަމްއަކީ އަނިލް ކަޕޫރުގެ ދަރިއެއްކަން ސަންޖޭއަށް އެނގުމުން އޭނާ ވަރަށް ރުޅިއައި ކަމަށް ސޯނަމް ބުންޏެވެ. އަދި އެކްޓް ކުރުމަށް ސޯނަމްގެ މައިންބަފައިން އެއްބަސްވާނެތޯ އޭނާ ސުވާލު ކުރިކަމަށް ވެސް ސޯނަމް ބުނެފައިވެއެވެ.

''ސާވަރިޔާ'' ފިލުމުގައި މަސައްކަތް ކުރިއިރު އޭނާގެ އުމުރުންވީ 17 އަހަރެވެ. އަދި ފިލްމު އިންޑަސްޓްރީން އޭނާއަށް ފުރަތަމަ ފިލުމު ލިބިފައިވަނީ އަނިލް ކަޕޫރުގެ ސަބަބުން ނޫންކަމަށް ސޯނަމް ބުނެފައިވެއެވެ.