(އެއްވަނަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

"އެންމެ ރަނގަޅު! ބޭބެއާ އެހެން ކަމަކާ ދިމާވިތަ؟" އަހަރެންގެ ހިތް އިތުރު އެހެން ވާހަކައެއް އަހަން ބޭނުންވިއެވެ. "މި ބުނީ މި ހާލުގެ ވާހަކައިގެ އިތުރުން؟"

"އެހެން ބައިވަރު ކަންކަމާ ދިމާވޭ!" ހަސަންފުޅުގެ ޖުމުލަ ވަރަށް ކުރެވެ.

"ވަރަށް ބޮޑު ކަމަކާ ދިމާވިތަ؟" އަހަރެން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައީމެވެ.

"ބޭބެއާ ވަރަށް ބޮޑު ކަމަކާ ދިމާވި! އެއީ ފިޔޮއް ކުކުޅެއްގެ އުނދަގޫ! އެއީ ބޭބެއަށް ދިމާވި އެންމެ ބޮޑު ކަންތައް!" ހަސަންފުޅުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމުގެ ކުލަވަރެވެ. "އެކަމަކު ބުނަން. އެ ވާހަކަ ކިޔައި ދެވޭކަށް މިއަދު ވަގުތެއް ނެތް. ﷲ އިރާދަކުރެއްވިއްޔާ އެހެން ދުވަހަކުން ކިޔައި ދޭނަން."

އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަހަރެންނަށް ހުސޭނު ކިޔައި ދިން ވާހަކަ ޤަބޫލުކުރެވުނެވެ. އެހެނަސް ޤަބޫލުކުރުމާއި ނުކުރުން އެއީ އެ މީހެއްގެ ހައްޤެކެވެ. އަހަރެންނަށް ދެން އިންތިޒާރުކުރެވެން ފެށީ ހަސަންފުޅު ބުނި ފިޔޮއް ކުކުޅުގެ ވާހަކައަށެވެ.

އާދައިގެމަތިން ފަތިސް ނަމާދުކޮށްލައިގެން އަހަރެން އަތިރިމައްޗަށް ނުކުންނަން ދިޔައީމެވެ. ފަތިހުގެ ގޮވެލީގެ އަޑުން މުޅި މާހައުލުވަނީ ގުގުމާފައެވެ. ދޫނިސޫފާސޫފީގެ ނަލަނަލަ އަޑުން ރާގަކަށް ގޮވުމުގައި އެކަތި އެނެކެއްޗަށް ދުލެއް ނުދެއެވެ. އެއީ އަޑުއަހާލަން ފަސޭހަ ރީތި ރާގެކެވެ. އެ ރާގުން މީހާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ.

އަތިރިމައްޗަށް ނުކުމެވުމާއެކު އަހަރެންގެ މޫނުގައި ތެތްފިނި ވައިރޯޅިތައް ބީހެން ފެށިއެވެ. އަހަރެންގެ އިޚްތިޔާރަކާނުލައި އަހަރެންނަށް ލޯ މަރައިލާ ފުންނޭވާއެއް ލެވުނެވެ. އެކަމުން އެ ލިބޭ އުފާވެރިކަމަކީ ޤުދްރަތްތެރިކަމުގެ ފުރިހަމަކަން ދައްކުވައިދޭ މިޘާލެކެވެ. އެފަދަ މާހައުލަކުން ވަކިވެގެން ދާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ހަސަންފުޅެވެ. އޭނާ އަތިރިމަތިން އަރައިގެން އައީ އަނގައިގާ ހުރި ފެންފޮދު ޕޫސްލާފައި ބުރުވަމުންނެވެ. ބަލައިބެލުމަށް ހަސަންފުޅު ދޮންވެލިލައި ރަނގަޅަށް ދަތް އުނގުޅައި އަނގަތެރެ ލޮނުން ސާފުކުރީއެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އަހަރެން ހަސަންފުޅު މިސްރާބު ބަހައްޓާފައި ހުރި ފިނިއަށްޓާ ދިމާއަށް ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއް ބަހައްޓަމުންނެވެ.

"ބޭބެ! ހާލުކޮޅު ކިހިނެއްތޯ؟" ފިނިއަށްޓާ އަރައި ހަމަވުމުން އަހަރެން ހަސަންފުޅަށް ގޮވާލީމެވެ.

"އަހާ! ހާދަ ފަތިހަކާ ތި އުޅޭނީ؟" ބޭބެ ރަނގަޅު." ހަސަންފުޅު މުންޑު ކޮށިކޮށްލައި ފިނިއަށީގައި އިށީނެވެ.

"ލައްބަ! އަހަރެން އަބަދުވެސް އަތިރިމައްޗަށް އަންނަން." އަހަރެން ހަސަންފުޅު ގާތުގައި އިށީނީމެވެ. "ބޭބެ ވާހަކައެއް އަހާލަންތަ؟"

"ހޫން! އަހާބަލަ!"

"ބޭބެގެ ދަރި ހުސޭނު މިހާރު އެ ހާލުގެ ކިބައިން ސަލާމަތްވީތަ؟" އަހަރެން ވާހަކަ ފެށީ ހުސޭނަށް ދިމާވި ހާލުގެ ވާހަކަ އިންނެވެ.

"އާނ! އެކަން އެ ރޭން އެރެއަށް ނިމިއްޖެ!" ހަސަންފުޅު ފިނިއަށީގައި ހަމަޖެހިލިއެވެ. "އެކަމަކު ބުނަން! އެ ސޮރު ސަލާމަތްވީ ހަމަ ކިރިޔާ. އެ ރޭ އެ ސޮރު ބޭރަށް ނުކުތްނަމަ އޭނާގެ ދުވަސްދާނެ."

"އެހެންތަ! ބޭބެ ބުނީމެއްނުން ފިޔޮއް ކުކުޅެއްގެ ވާހަކަ! ކިހިނެއް ކިހިނެއްވީ ކަމެއްބާ، އެއީ؟" އަހަރެން ވާހަކަ އަޑުއެހުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެލީމެވެ.

ހަސަންފުޅު އެ ފިޔޮއް ކުކުޅުގެ ވާހަކަ އަހަރެންނަށް ކިޔައިދޭން ފެށިއެވެ. ހަސަންފުޅަކީ ފަންޑިތަވެރިއެކެވެ. އެ ފަންނުގައި އޭނާއަށް ނޭނގޭ އެއްޗެއް މަދުވާނެއެވެ. އެހެނަސް އޭނާ ޤަބޫލުކުރާގޮތުގައި އެކަމުގައި ދަސްކުރަންޖެހޭ އެއްޗެހި ވަރަށް ގިނައެވެ. އެކަމުގައި މީހާ ވަކި ހިސާބަކަށް ހިނގައްޖެނަމަ، މީހާ ދީނުން ބޭރުވާ ތަން އާދެއެވެ. އެއީ ޝިރުކުކުރުމެވެ.

ޝިރުކީ ފަންޑިތައަކީ ހަރާމް އެއްޗެކެވެ. އެޔަށް ކިޔައި އުޅޭ ނަމަކީ ސިހުރެވެ. ސިހުރާ ޚިލާފަށް ރުޤްޔާކުރުން ދީނުގައި ހުއްދަކުރެއެވެ. އެހެނަސް ސުންނަތުން ޘާބިތުވާ ރުޤްޔާގެ ބޭސްވެރިކަމުގެ އިތުރުން އިތުރުކަމެއް ކުރުން ހުއްދައެއް ނުވާނެއެވެ. އެހެންނަމަވެސް އެ ޒަމާނުގައި، ޓަވީދު ލިޔުން ފަދަ ފަންޑިތަތަކަކީ ހަރާމް ދަރަޖައިގެ ފަންޑިތަކެއްކަން ގިނަ ބަޔަކަށް ނޭނގެއެވެ.

އެހެންކަމުން ޓަވީދު ލިޔެގެން އަޅައިގެން އުޅޭ މީހުން މަދެއްނުވާނެއެވެ. އެއްބަޔަކު އަތުގައި ޓަވީދު އަޅާފައި އޮންނައިރު އެނެއްބަޔަކު ޓަވީދު އަޅަނީ ކަރުގައެވެ. ހަށިރައްކަލަކަށް އުނަގަނޑުގައި ޓަވީދު އަޅާ މީހުންވެސް މަދެއް ނުވާނެއެވެ. ހަސަންފުޅަކީ ވެސް ގިނަ ޢަދަދެއްގެ ބަޔަކަށް ޓަވީދު ލިޔެދޭ މީހެކެވެ. އެކަމަށް ކަމޭހިތައިގެން މީސްމީހުންނަށް އެކަން ކޮށްދީ އުޅޭ މީހެކެވެ. އޭނާ އެކަން ކުރަނީ އިތުރު ކަމެއްގެ ގޮތުގައެވެ.

ހަޤީޤަތުގައި ހަސަންފުޅަކީ މަސްވެރިއެކެވެ. އޭނާއަކީ މަސްވެރިކަމުން ލިބޭ އެއްޗަކުން ދިރިއުޅުން ބައްޓަން ކުރާ މީހެކެވެ. ހަސަންފުޅު މިރޭވެސް އެދަނީ މަހުން ލަފައިގެންނެވެ. ކަނާއަތުގައި ހަތަރު ކަނޑުމަސް އެލުވާލައިގެންނެވެ. އޭރު އިޝާ ނަމާދު ނިމި ގަޑިން ދިހައެއް ޖަހަން ވެދާނެއެވެ. އާއްމުގޮތެއްގައި އިޝާ ނަމާދުގެ ކުރިން މަސް ބާނައިގެން ލެފިޔަސް އެނެއްބައި ރޭރޭ އާދެވޭއިރު ދިހައެއް އެގާރަ ޖަހާނެއެވެ.

އިހު ދިވެހިންނަކީ އިޝާ ނަމާދަށްފަހު ބޭކާރު ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި ތަންމަތިތައް މައްޗަށް އަރައި ނިދާ ބައެކެވެ. ނުނިދައި އުޅޭނީ މުހިއްމު މަސައްކަތްތަކުގައި އުޅޭ ވަރަށް މަދު ބައެކެވެ. އެހެންކަމުން އެ ވަގުތުގައި މުޅި ރަށް އޮތީ ނިދާފައެވެ. ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭނގޭނެއެވެ.

ބައެއް ގޭގޭގައި ދިއްލާފައި ހުރި ފުޅި ބައްތީގެ ފަނޑުއަލިކަން މަގުމައްޗަށް ފޭދިފައި ހުއްޓަސް އެކަމުން މާބޮޑު މަންފާއެއް ނުކުރެއެވެ. ހަސަންފުޅަށް ގެއަށް އާދެވުމާއެކު ބަދިގެ ތެރޭގައި ހުރި ތެއްޔަކަށް މަސްތައް ލާފައި ގެއަށް ވަނެވެ. ކުއްލިއަކަށް ފެނުނު މަންޒަރުން އޭނާގެ ދެ ލޯ ތަންމިނަށް ހުޅުވުނެވެ. މީހާގެ ގައިން ހީބިހިތަކެއް ނަގައިގެން ދިޔައެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. އޭނާގެ އަންހެނުން އައިސާމަނިކެ ފައިކޮޅުން ބޮޑުސިންގާ ކުކުޅެއް ހުރަސްކުރަނީއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުނަރޭ

    ހަމަ ހުރިހައިތާކު ކޮން ޓަވީދެކޭ އެ ލިޔަނީ.

    • Lol
    • ޓަވީދު

      ވެދާނެ އެއީ ފާޑެއްގެ ފަންޑިތައަކަށް
      ރަނގަޅު ބަހެއްތިއީ ބަސްފޮތަށް އިތުރުކޮށްލަން