ދިވެހި ރާއްޖެއާ ބެހޭގޮތުން ވީޑިއޯ ހެދުމަކީ ވަރަށް ގިނަ ވްލޮގަރުން ކުރާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް މިގޮތަށް ދައްކުވައިދޭ ވީޑިއޯތަކުގައި ޙަޤީޤަތުގެ ބަދަލުގައި ހުންނަނީ ވަކިކޮޅަކަށް ބުރަވެ، މަދު ބަޔަކު އުޅޭގޮތް ޘަޤާފަތުގެ ނަމުގައި ދައްކުވައިދީފައެވެ. މަޝްހޫރު ވްލޮގަރ ނުސައިރު ޔާސީން (ނަސް) ކަން ދިމާވީ މިފަދަ ގޮތަކަށެވެ.

ނަމަވެސް ދިވެހިންގެ ޙަޤީޤަތް ރިސޯޓެއްގައި އުޅެފައި ވީޑިއޯއެއް ހަދާލިޔަކަސް ނޭނގޭނެކަމާއި ދިވެހިންގެ ގޮތް އެނގޭނީ ދިވެހިންގެ ތެރެއަށް ގޮސް ދިވެހިންގެ ތެރޭގައި އުޅުމުން ކަމުގައި ވްލޮގަރ ޑްރޫ ބިންސްކީ މިވަނީ ބުނެދީފައެވެ. ޑްރޫގެ 27 ވަނަ އުފަން ދުވަހާއި ދިމާކޮށް ޑްރޫ އިޙްތިޔާރު ކުރީ އޭނާގެ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކުރާށެވެ. ނަމަވެސް އޭނާގެ އުފަންދުވަސް ހޭދަކޮށްފައިވަނީ އަގުބޮޑު ރިސޯޓެއްގައެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށެއް ކަމުގައިވާ މާފުށީގައެވެ.

މިއަދު ޑްރޫ ފޭސްބުކް މެދުވެރިކޮށް އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާ މިއަދު އުޅުނު ރަށް ކަމުގައިވާ މާފުށްޓާ ބެހޭގޮތުންވަނީ މުޅި ދުނިޔެއަށްވަނީ މައުލޫމާތު ހާމަކޮށްފައެވެ. އެރަށުގެ މީހުންގެ މެޙްމާންދާރީއާއި އެރަށު މީހުންގެ އުޅުމާއި ބުޅުންވަނީ ޑްރޫގެ ވީޑިއޯގައި ސިފަކޮށްފައެވެ. މިވީޑިއޯގައި ޑްރޫވަނީ މިސްކިތަކަށް ޒިޔާރަތްކޮށް ރޯދަ ވިއްލުމުގެ ކަންތައް ހުންނަގޮތް ދައްކުވައިފީފައެވެ. މީގެ އިތުރުން ޑްރޫގެ މިވީޑިއޯގައި ތަރާވީޚް ނިންމައިގެން ދިވެހިންކާ ކެޔުންތައްވެސްވަނީ ދައްކުވައިދީފައެވެ. މިވީޑިއޯގައި ގިނަ އަދަދެއްގެ ދިވެހިންގެ ބަސް ހިމަނާފައިވާއިރު، ރާއްޖޭގެ މަޝްހޫރު ދެ ފޮޓޯގުރާފަރުން ކަމަށްވާ ސޮއްޓިއާއި އިޝާންވެސް މިވީޑިއޯއިން ފެނިގެންދެއެވެ.

ތެދު މައުލޫމާތު ތަކެއް ހިމެނޭ މިވީޑިއޯގައިވަނީ ޑްރޫވަނީ ދިވެހި ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަށް ޕުރަމޯޓްކޮށްދީފައެވެ. މިގޮތުން މިވީޑިއޯގައި ބުނެފައިވަނީ ރާއްޖެއަށް ފަތުރުވެރިން އައިސް ތިބެވޭނީ ހަމައެކަނި އަގުބޮޑު ރިސޯޓްތަކުގައި ނޫންކަމުގައި ބުނެ، ބަޖެޓްގައި ރާއްޖެއަށް އައުމުގެ ފުރުސަތުވެސް އޮތްކަން މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ.

މީގެ ކުރިން ޑްރޫ ހެދި ވީޑިއޯގައި ބުނެފައިވަނީ ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ އަމާންތަން ކަމުގައެވެ. މިވީޑިއޯއަށް ނަސްވަނީ ފާޑު ކިޔާފައެވެ. ނަސްއަކީވެސް ރާއްޖެއަށް ޒިޔާރަތްކުރި ވްލޮގަރ އެއް ނަމަވެސް ދިވެހިންގެ ޘަޤާފަތޭ ބުނެ ބައެއް މީހެއްގެ ދެކޭ ގޮތް ވީޑިއޯ މެދުވެރިކޮށް ފެތުރުމެގެ ސަބަބުން ނަސްއަށް ދިވެހިންގެ އެތައް ބައެއްގެ ނަފްރަތުވަނީ ލިބިފައެވެ.

ދިވެހި އަންހެނެއް ބުރުގާ ބާލަން ބޭނުންވި ނަމަވެސް ބުރުގާ ނުބޭލުހުރީ ދިވެހި މުޖުތަމަޢުގެ ސަބަބުން ކަމަށް ބުނެ ހަދާފައިވާ ވީޑިއޯގެ ސަބަބުން މީގެ ކުރިން ނަސްއަށް ސަޕޯޓްކުރި ބައެއް ދިވެހިން ނަސްދެކެ މީހާރުވަނީ ފޫހިވާން ފަށާފައެވެ. ނަސްވަނީ ނަސްގެ ފޭސްބުކް ޕޭޖް ކަމުގައި "ނަސް ޑެއިލީ" ރާއްޖޭ މީހުންނަށް ނުފެންނަ ގޮތަށް ބުލޮކް ކޮށްފައެވެ.