(ދެވަނަ ބައި/ ފަހު ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ބައެއް ގޭގޭގައި ދިއްލާފައި ހުރި ފުޅި ބައްތީގެ ފަނޑުއަލިކަން މަގުމައްޗަށް ފޭދިފައި ހުއްޓަސް އެކަމުން މާބޮޑު މަންފާއެއް ނުކުރެއެވެ. ހަސަންފުޅަށް ގެއަށް އާދެވުމާއެކު ބަދިގެ ތެރޭގައި ހުރި ތެއްޔަކަށް މަސްތައް ލާފައި ގެއަށް ވަނެވެ. ކުއްލިއަކަށް ފެނުނު މަންޒަރުން އޭނާގެ ދެ ލޯ ތަންމިނަށް ހުޅުވުނެވެ. މީހާގެ ގައިން ހީބިހިތަކެއް ނަގައިގެން ދިޔައެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. އޭނާގެ އަންހެނުން އައިސާމަނިކެ ފައިކޮޅުން ބޮޑުސިންގާ ކުކުޅެއް ހުރަސްކުރަނީއެވެ.

ހަސަންފުޅު ބަލާކަށް ނުހުރެއެވެ. އެނާ އެ ދިޔަ ގޮތަށް ގޮސް ވަޅު ދޮށުން ތާހިރުވެލައިގެން ވުޟޫކޮށްގެ އައިސް ރުމާ ބޮލުގައި އަޅައި އެއްޗެއް ކިޔަވަން ފެށިއެވެ. އެޔާއެކު އެ ކުކުޅު ހުރިތަނަށް ހުއްޓުނެވެ. އެ ބޮޑު ކުކުޅުގެ ހަރަކާތް ހުރީ އެއްކޮށް ހުއްޓިފައެވެ. ހަސަންފުޅު ކިޔަވަމުން ކިޔަވަމުން ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން އެ ކުކުޅުވެސް ބޭރަށް ނުކުތެވެ. ހަސަންފުޅު ކުރިއަށް ހިނގައިގަތެވެ.

ހަސަންފުޅު ހިނގަމުން ދިޔަވަރަކަށް ކުކުޅުވެސް އޭނާގެ ފަހަތުން ހިނގަމުން އައެވެ. ހަސަންފުޅު މަޑު ހިނގުމެއްގައި ކިޔެވެލި ކިޔަވަމުން ގޮސް ވަނީ ވަލުތެރެއަށެވެ. ކިޔެވުން ހުއްޓައި ނުލައި ވަލުތެރެއިން ގޮނޑުދޮށަށް ނުކުމެވެން އޮތް މަގުން އޭނާ ބޭރަށް ނުކުންނަން ހިނގަމުން ދިޔައެވެ. އޭރުވެސް އޭނާގެ ފަހަތުން އެ ބޮޑު ކުކުޅު އާދެއެވެ.

ހަސަންފުޅަށް ގޮނޑުދޮށަށް ނުކުމެވުމާއެކު ކުއްލިއަކަށް ހުއްޓުނެވެ. ދެ ފަސް ބެދޭ ހިސާބަށް އައިސް އެ ކުކުޅުވެސް ހުއްޓުނެވެ. ހަސަންފުޅު ތުންތަޅުވަމުން މަޑުމަޑުން އެ ކުކުޅު ވަށައިގެން ވަށްބުރެއް އެޅިއެވެ. އެ ވަށްބުރު އެޅާފައި ހަސަންފުޅު ގެއާ ދިމާއަށް ހިނގައިގަތެވެ. އަވަސް ފިޔަވަޅުތަކެއް ބަހައްޓަމުންނެވެ. ފަސް އެނބުރި ބަލާލުމެއް ނެތިއެވެ.

ހަސަންފުޅަށް ގެއަށް އާދެވުނުއިރު އައިސާމަނިކެ އިނީ ބޮޑުއަށިމަތީގައެވެ. ހަސަންފުޅު ގޮސް އައިސާމަނިކެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެހެނަސް އައިސާމަނިކެ ފަރާތަކަށް ދިމާއަކަށް ގުޑާނުލައި އިންގޮތަށް އިނީއެވެ. ހަސަންފުޅުގެ މެޔަށް ފެން އަރައިގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހިންދިރުވައިލެވުނެވެ.

"އައިސާމަނިކޭ!" ހަސަންފުޅު ނިކަން ލޯބިން އައިސާމަނިކެއަށް ގޮވައިލިއެވެ.

"އަހާ! ހަސަންފުޅާ! ކޮންއިރަކު މަހުން ލެފީ؟" އައިސާމަނިކެއަށް ކަމެއްވީ ކަމެއް ނޭނގެއެވެ.

"ހަމަ ދެންމެ ލެފީ! އަހަރެން އެބަ އަންނަން އަތިރިއަކަށް ގޮސްލާފަ! މަސްތައް ހުންނާނެ ބަދިގެ ތެރޭގައި." ހަސަންފުޅު ގޮނޑުދޮށާ ދިމާއަށް މިސްރާބުޖެހިއެވެ.

ހަސަންފުޅު އަވަސް އަވަހަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގޮސް ކުކުޅު ހުރި ހިސާބަށް ދިޔައެވެ. އޭނާގެ ދެ ލޯ ތަންމިނަށް ހުޅުވުނެވެ. އޭނާ އެޅި ވަށްބުރެއް ފެންނާކަށް ނެތެވެ. އެ ވަށްބުރުގެ ތެރޭގައި ހުރި ބޮޑު ބިޔަ ކުކުޅެއްވެސް ފެންނާކަށް ނެތެވެ. ހަސަންފުޅަށް ބޭއިޚްތިޔާރުގައި ވަށައި ހޯދައިލެވުނެވެ. އެހެނަސް އޭނާއަށް އެ ކުކުޅުގެ ހިލަމެއް ނުވިއެވެ.

އެ ދުވަހުގެ އެނެއް ރެއެވެ. ހަސަންފުޅު ހަރު ހަތަރު މީހުން ގެނެސް ކިޔަވާ ކިޔަވާ ފަތިސްވެގެން ދިޔައިރުވެސް އޭނާއަށް އެ އެއްޗާ ކުރިމަތިލެވޭ ގޮތެއް ނުވިއެވެ. ޖެހިގެން އައިރޭވެސް ހަސަންފުޅު މަސައްކަތްކުރިއެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެގޮތަށް އެތަކެއް ދުވަހެއް ވަންދެއް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެކަމުން އޭނާއަށް އެއްވެސް ނަތީޖާއެއް ނުފެނުނެވެ.

ހަސަންފުޅަށް އެނގޭހާވެސް އެއްޗަކީ އޭނާއަށް އެ ކުކުޅު ފެނުނު ރެއިން ފެށިގެން އައިސާމަނިކެ ބަލިވެ އުޅޭކަމެވެ. އަދި މިއަދާ ހަމައާ ޖެހެންދެއްވެސް އެ ބަލިން އައިސާމަނިކެއަށް މިންޖުނުވެވޭކަމެވެ. އޭގެ އިތުރުން އޭނާ ކޮންމެ ރެއަކު އެކަމަށް ކިޔަވާ ކިޔެވެލި ނުކިޔަވާނަމަ، ބަލީގެ ސަބަބުން އައިސާމަނިކެ ދުނިޔެއަށް އަލްވަދާޢު ކިޔަފާނެކަމެވެ. އެ ވާހަކަ ކިޔައިދީ ނިމުނުއިރު ހަސަންފުޅުގެ ލޯ ހުރީ ފެންކަޅިވެފައެވެ. އަހަރެން ހަސަންފުޅަށް ހަމްދަރުދީ ވާހަކަދެއްކީމެވެ.

ހަސަންފުޅުގެ ވާހަކައިން އަހަރެންގެ ސިކުނޑިއަށް ވަދެގެން ދިޔައީ ދުރު ހަނދާނެކެވެ. އެއީ އެއް ރެއަކު ދަންވެފައި ހުއްޓައި ރައްޓެހިވެގެން އުޅުނު މަންޖެ ގާތުން އަހަރެން ގެއަށް ދިޔައީ ހަސަންފުޅުމެންގެ ގޭ މަގުންނެވެ. މަގު ކުރުކޮށްލުމަށެވެ. އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. އެ ރޭ އަހަރެންނަށް އެ ބުނާ ފިޔޮއް ކުކުޅެއް ފެނުނެވެ. އެހެނަސް ނިދިއައިސްފައި ހުރުމުން އެކަމަކާ މާބޮޑަކަށް އަޅައިނުލަމެވެ.

އަޅައި ނުލުން އެއީ އަހަރެންނަށް ކުރެވުނު ވަރަށް ރަނގަޅުކަމެކެވެ. އެހެންނަމަ އެ ފިޔޮއް ކުކުޅުގެ ކިބައިން ރައްކާތެރިނުވެވި އަހަރެންނަށް އުޅެން ޖެހިދާނެއެވެ. އެގޮތަށް ދެތިން ރެއަކު އެ މަގުން އަހަރެން ދިޔައީމެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ރަޙްމަތްތެރިން، އަހަރެންނަށް ދަންވަރު ގަޑީގައި އެ މަގުން ނުހިނގުމަށް ނަޞޭޙަތް ދިނެވެ. އޭރު އަހަރެންނަށް ސަބަބެއް ސާފެއް ނުވެއެވެ.

އަހަރެން ފަހުން ބެލިބެލުމުގައި އެ ފިޔޮއް ކުކުޅަކީ ކަނޑުން އަރައި ފުރޭތައެއް ކަމަށް ބައެއް މުސްކުޅި އުމުރުފުރައިގެ މީހުން ބުންޏެވެ. އަދި އޭތި އަޅައިގަނެގެން އުޅޭ މީހަކާ އޭތި އުޅޭނީ ކައިވެނިކޮށްގެން ކަމަށް ވެސް އެ މީހުން ކިޔައިދިނެވެ. އަދި އެޔާއެކު އޭތީގެ ގާތުގައި އުޅޭ ފިޔޮއްތަކަކީ އޭތީގެ ދަރިންތައް ކަމުގައިވެއެވެ. އޭތި ކޮއްޖެހާ ކޮންމެ ފަހަރަކު ފިޔޮކެއް އިތުރުވާކަމަށްވެއެވެ. އަދި އެގޮތަށް ސާޅީސް ފިޔޮއް ހަމަވާ ތަން ބަލަން ހުންނަ މީހެއްގެ ދުވަސް ދާކަމަށްވެއެވެ. ހަސަންފުޅުގެ ވާހަކަތައް ފިޔަވައި، މި ވާހަކަތައް އަހަރެންނަށް ޤަބޫލެއްނުކުރެވެއެވެ. މި ވާހަކަތައް އަހަރެންނަށް ޤަބޫލުކުރެވޭނީ އިތުރު ހެކިތަކެއް ލިބުމުންނެވެ.

މިއަދު އަހަރެންނަށް ރަޙްމަތްތެރިން އެ ނަޞޭޙަތް ދިން ސަބަބު ވަރަށް ސާފެވެ. ﷲ އިރާދަފުޅުން އަހަރެން އެކަމުން ސަލާމަތްވީއެވެ. އަހަރެންގެ ދުޢާއަކީ ހަސަންފުޅުގެ އަންހެނުން އެކަމުން ސަލާމަތްކޮށްދެއްވުމެވެ. އަދި އެންމެހާ ދިވެހި ރައްޔިތުން ޖިންނި ޝައިތާނުންގެ ކިބައިން މިންޖުކޮށް ނުބައި ރޭވުންތައް ރާވައި ސިހުރުވެރިންގެ ކިބައިން މި މުޅި އުއްމަތް ރައްކާތެރިކޮށްދިނުމެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ނިރު

    ތާކުންތާކު ޖެހޭ ވާހަކައެއްނޫން ޖިންނި ސައިތޯނުންގެ ކިބައިން ސަލާމަތްވާނެ

  2. ތެދު

    މަގޭ ރައްޓެހިކުއްޖަކު އެބަ އުޅޭ ޖިންނިއެއްގެ ކިބައިން ސަލާމަތްނުވެގެން. ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި އެކުއްޖަވެސް ރަގަޅު މީހަކަ ދިމާނުވަނީ އަދި.

  3. ޕޮފުބާ

    ޖިންނިއަށް އިންސާނުން މާކަމުދެ ހީވާގޮތުން އިންސާނުންނާ ޖިންސީ ގުޅުން ހިންގާއިރު މާއަރާމްވަނީކަމަށް މިބަލަނީ