ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު ބުރިޓިޝްގެ ޖާދޫ ހަދާ މީހަކު ފެނުގެ އަޑީގައި ތިން މިނިޓް ތެރޭގައި 20 ޖާދޫއެއް ހަދައި ދުނިޔޭގެ ރިކޯޑު ހޯދައިފިއެެވެ.

ނޮވެމްބަރ 18 ވަނަ ދުވަހަކީ ގިނަސް ވަރލްޑް ރިކޯޑް ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުނަރުވެރި ޖާދޫ ހަދާ މާޓިން ރީސް ވަނީ ޕައިންވުޑް ސްޓޫޑިއޯގައި ފެނުގެ އަޑީގައި ތިން މިނިޓް ތެރޭ 20 ޖާދޫއެއް ހަދައި ދުނިޔޭގެ ރިކޯޑް ގާއިމު ކޮށްފައި ކަމަށް ގިނަސް ވަރލްޑް ރިކޯޑްއިން ބުނެފައިވެއެވެ.

ޕައިންވުޑްގެ ފެނުގެ އަޑީ ސްޓޭޖުގައި ހެދުނު މި ރިކޯޑަކީ މި ތަނުގައި ހަދާފައިވާ 11 ވަނަ ގިނަސް ވަރލްޑް ރެކޯޑެވެ.

ގިނަސް ވަރލްޑް ރިކޯޑުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މާޓިންއަށް މި ރިކޯޑް ހެދުމުގައި އެހީތެރިވެދީފައިވަނީ ޔޫކޭގެ ޑައިވިން ސަރވިސަސްއިންނެވެ. ޖާދޫ ފަރިތަ ކުރުމަށް ޕޫލުގެ ޚިދުމަތާއި އަދި މި ކަންތައް ރާވާ އިންތިޒާމު ކުރުމުގެ ހުރިހާ ކަމެއް ވެސް ކޮށްދީފައިވަނީ ޔުކޭގެ ޑައިވިން ސަރވިސަސްއިންނެވެ.

މާޓިންގެ މި ދުނިޔޭގެ ރިކޯޑު ވެގެން ދިޔައީ އޭނާގެ ކުޑައިރުގެ ބިރު ކަމަށްވާ ފެނު އަޑީގައި އޮތުމުގެ ބިރު ފިލައި ދިޔަ ކަމަކަށެވެ. މާޓިން ކުޑައިރު މޫދަށް ވެއްޓި ގެނބުމުގެ ސަބަބުން ފެނުގެ އަޑިއަށް ދިޔުމަކީ އޭނާ ވަރަށް ބިރުގަންނަ ކަމެއް ކަމަށް މާޓިން ބުނެފައިވެއެވެ.

މާޓިން އިތުރަށް ބުނެފައިވަނީ 2016 ވަނަ އަހަރުގެ ގިނަސް ވަރލްޑް ރިކޯޑު ދުވަހު އޭނާ ވަނީ ''ސްކައި ޑައިވް'' ކުރަމުން ވެސް ގިނަ އަދަދެއްގެ ޖާަދޫ ހަދައި ދުނިޔޭގެ ރިކޯޑް ހޯދައިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު