ތިމާގެ ބައިވެރިޔާއަކީ ތިމާއަށް އަޅައިލާ ތިމާ ދެކެ ވަރަށް ލޯބިވާ މީހަކަށް ވެދާނެއެވެ. ހަމައެގޮތަށް ތިމާގެ ބައިވެރިޔާ އެ އަޅައިލުމާއި އެ ލޯބި ވެސް އެހެން މީހަކަށް ދީފާނެއެވެ. ތިމާއަށް ބޭވަފާތެރި ވެދާނެއެވެ.

ބައެއް ފަހަރަށް ބައިވެރިޔާގެ އުޅުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ބައިވެރިޔާ ބޭވަފާތެރިވަނީ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި ބައެއް ފަހަރަށް ޔަގީންކޮށް ކޮންމެވެސް ކަމެއް ސިއްރު ކުރާކަން އެނގެއެވެ. މިފަދަ ހާލަތްތަކުގައި ބައިވެރިޔާއަށް ޝައްކު ކުރެވެއެވެ. ބައެއް ފަހަރަށް މި ޝައްކު ޔަގީނަށްވެދެއެވެ. އަދި ބައެއް ފަހަރަށް އެއީ ހީވާ ހީވުމެއް ކަމުގައިވެ ދެ މީހުންގެ ދެމެދު ބޮޑެތި މައްސަލަތައް ޖެހެއެވެ.

އެހެން ކަމުން ބައިވެރިޔާ ބޭވަފާތެރިވަނީތޯ ނުވަތަ ނޫންތޯ ދެނެގަތުން ވަރަށް މުހިންމެވެ. ބައިވެރިޔާގެ ފަރާަތުން މި ކަންތައްތައް ފެނޭ ތޯ ބަލާށެވެ.

ފޯނު ކުރުމުން ފޯނަށް ޖަވާބު ނުދިނުން

ބުރަކޮށް އުޅުމުގެ ސަބަބުން ފޯނު ނުނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމައެފަދައިން ބައިވެރިޔާ އެހެން ލޯބިވެރިޔަކާއިއެކު ހުރުމުން ވެސް ފޯނަށް ޖަވާބު ނުދެނީ ކަމަށް ވެދާނެއެވެ.

ބައިވެރިޔާގެ ފޯނުގައި އަތްނުލެވުން

ސިއްރުން ކަމެއް ކުރާނަމަ ނުވަތަ ތިބާއަށް ބޭވަފާތެރި ވާނަމަ އޭނާގެ ފޯނު އަބަދުވެސް ގެންގުޅޭނީ ވަރަށް ފޮރުވައިގެންނެވެ. ނިދާއިރު ބާލީސް ދަށުގައި ފޯނު ބޭއްވުމާއި ގޭގައި އުޅޭއިރު އަބަދު ޖީބުގައި ފޯނު ބޭއްވުމަކީ ކޮންމެވެސް ކަމެއް ސިއްރު ކުރުމުގެ އަލާމާތެކެވެ.

އަބަދު އިތުރު ގަޑީގައި މަސައްކަތް ކުރުން

އިތުރު ގަޑީގައި މަސައްކަތް ކުރާ ކޮންމެ މީހަކީ ބޭވަފާތެރިވާ މީހެއް ނޫނެވެ. ނަމަވެސް އަބަދު އަބަދު އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އެއީ ބަލަން ޖެހޭނެ ކަމެކެެވެ. އެ އިތުރު ގަޑިއަކީ ބައިވެރިޔާ އެހެން ލޯބިވެރިއެއްގެ ގާތުގައި އުޅޭ ވަގުތަށް ވެސް ވެދާނެއެވެ.

ތިބާއަށް ފެންނާނެހެން ކުރިން ނޫޅޭ ގޮތަކަށް އުޅުން

ކުއްލިއަކަށް ބައިވެރިޔާ ލާން އުޅޭ އަންނައުނު ތަކުގެ ސްޓައިލް ބަދަލުވުމާއި މާގިނައިން ސެންޓް ނުވަތަ ސްޕްރޭ ފަދަ އެއްޗެހި ބޭނުން ކުރުމަކީ ވެސް ބޭވަފާތެރިވުމުގެ އަލާމާތަކަށް ވެދާނެއެވެ.

ބައިވެރިޔާގެ ފަރާތުން މި ކަންތައްތައް ފެންނަ ނަމަ ދެ މީހުން ވާހަކަދައްކައި ދެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ނިންމުންތައް ނިންމާށެވެ.

މިބުނެވުނު ކަންކަން ކިޔުމަށް ފަހު ޝައްކުނުކޮށް ކަންކަން ޔަގީން ކުރާށެވެ. ޝައްކަކީ އިތުރު އެތައް މައްސަލައެއްގެ ފެށުމަށް ބައެއްފަހަރު ވެއެވެ.