އެމެރިކާ އިން ދަން ޖައްސާ އަވަހާރަކޮށްލި އިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިނުގެ ޔޮޓެއް، ހޮޓަލެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ. ހޮޓަލެއްގެ ގޮތުގައި މި ޔޮޓު ބޭނުންކުރަން ފަށާފައިވަނީ، އެއަށް އެހާ ގިނަ ބަދަލުތަކެއް ނުގެނެހެވެ.

ނޫސްތަކުން ބުނާގޮތުގައި ދިގު މިނުގައި 82 މީޓަރު ހުންނަ މި ޔޮޓަށް ދީފައިވާ ނަމަކީ "ބަސްރާ ބްރީޒް" އެވެ. ސައްދާމުގެ ޒަމާނުން ފެށިގެން، މި ޔޮޓަށް މި ނަން ދީފައިވާއިރު، މިއީ 1981 ވަނަ އަހަރު ބަނދެފައިވާ އުޅަނދެކެވެ.

ސައްދާމް ހުސައިން

މި ޔޮޓު ބަނދެފައިވާއިރު، މީގައި ޕްރެޒިޑެންޝަން ސުއިޓްގެ ކޮޓަރިއަކާއި އިތުރު 17 ކޮޓަރިއާއި ފަޅުވެރިން ތިބުމަށް ޚާއްޞަ ކޮޓަރިތައް އަދި ކްލިނިކްތައްވެސް ޤާއިމްކޮށްފައިވެއެވެ. އަދި، ޔޮޓުގައި އެންމެ ފެންވަރު ރަނގަޅު އާލާތްތައް ބޭނުންކޮށްފައިވާއިރު ދޮރުފޮތިތައްވެސް ހަދާފައިވަނޫ ފަށުވިންނެވެ. ހަމައެހެންމެ، ފާޚާނާތަކުގައި ރަނުން ހަދާފައިވާ އާލާތްތައްވެސް ބޭނުންކޮށްފައިވެއެވެ.

30 މިލިޔަން ޑޮލަރަށް މި ޔޮޓު ވިއްކާލުމަށް، އިރާޤު ސަރުކާރުން މީގެ އަހަރުތަކެއް ކުރިން މަސައްކަތްކޮށްފައިވީނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާއިރު، މިއީ މިހާރު ބަޞަރާގެ ބަނދަރުގައި އަޅާފައި އޮންނަ ބޯޓުތަކުގައި މަސައްކަތް ކުރާ ސީ ޕައިލެޓުން، އަރާމުކޮށްލަން މަޑުކުރާ ހޮޓަލެއްގެ ގޮތުގައި އޮންނަ ޔޮޓެކެވެ. އަދި، މި ޔޮޓަކީ މިހާރު އެއްގޮތަކަށް ދަތުރުކުރާ އުޅަނދެއްވެސް ނޫނެވެ.

2003 ވަނަ އަހަރުގެ ތެރޭގައި ސައްދާމް ޙުސައިން ދަން ޖައްސާ އަވަހާރަކޮށްލިއިރު، އެހެން ބައެއް ޔޮޓުފަހަރުވެސް، އޭނާގެ މިލްކިއްޔާތުގައި ހުރިކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު