މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަޅާ ވޭނާއި އެމީހުން ތޮޅޭ ތޮޅުމުގެ ވާހަކަތައް ކިޔައިދިން ޑޮކްޓަރަކަށް ރޮވިއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ހޮސްޕިޓަލުތަކުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އާއިލާ އެއްވެސް ބަޔަކަށް އެމީހުންނަށް އަޅާ ވޭން އިއުސާސު ކުރެވޭނެހާވެސް ކައިރިއެއް ނުވެވެއެވެ. އެމީހުންނަށް އެނގޭނީ ހަމަ އެކަނި ބަލި މީހާއަށް ފަރުވާ ދިން ޑޮކްޓަރު ނުވަތަ ނަރުހުން އެމީހުން ކައިރީ ބުނާ ވާހަކަތަކެވެ. އެހެން ކަމުން އެފަދަ މީހުން އަޅާ ވޭން އިއުސާސު ކުރެވޭނެ ހަމަ އެކަނި ބަޔަކީ ފަރުވާ ދޭ ޑޮކްޓަރުންނެވެ.

މިއީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިނެސޮޓާގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިން ޑޮކްޓަރަކު އޭނާ އަށް ކުރެވިފައިވާ ތަޖުރިބާގެ ވާހަކައެވެ. އޭނާ އެކަން ކިޔާދީފައިވަނީ އެންމެ ލަފުޒަކުންނެވެ. އެއީ "ހިތްފަޅައިންދާ ވަރުވޭ" މިގޮތަށެވެ.

ހެނެޕިން ހެލްތް ކެއާގައި މަސައްކަތް ކުރަމުން ޑޮކްޓަރެއް ކަމަށްވާ ޝާލީ ޒީ އަކީ އެއް ޝިފްޓެއްގައި ގިނަ އަދަދެއްގެ ކޮވިޑް-19ގެ ބަލި މީހުން ބަލަމުން އަންނަ ޑޮކްޓަރެކެވެ.

ޒީ ބުނީ ގޮތުގައި އޭނާ ވަނީ ބަލި 2 މީހުން ހޮސްޕައިސް (ބަލި މީހުންނަށް ފަރުވާ ދޭ ގެއެއް) އަކަށް ފޮނުވާފައެވެ. އޭގެ ތެރެއިން އެކަކު ދިޔައީ ނަރުހުން ތިބޭ ކަހަލަ ތަނަކަށެވެ. އެތަނަށް ދިޔަ މީހާ 14 ދުވަހު ކަރަންޓީނުވާން ޖެހޭއެވެ. އެހެން ކަމުން ޒީ ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި އެ މީހާ ދިރި ހުންނާނެ ކަމެއް ނޭނގޭ ކަމަށެވެ. އަދި ހޮސްޕައިސް ކެއާގެ ގޮތުގައި ދެން ދޫކުރި އަނެއް ބަލި މީހާއަކީ 41 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ބިރުގަންނަނީ އެކަނި މަރުވެދާނެތީ ކަމަށް ޒީ ބުންޏެވެ.

"މީގެ އިތުރުން ކައިވެނި ކޮށްގެން އުޅޭތާ 60 އަހަރުވެފައިވާ ދެމަފިރިންވެސް ގުނަމުން ދަނީ އެމީހުންގެ އުމުރުގެ 80 ހައިގެ އަހަރު ކަމަށާއި އެދެމީހުންނަށް ފަރުވާ ދިނުމަށް އެއް ކޮޓަރިއަކަށް ވަނީ ލެވިފައި. އަންހެން މީހާ ދުވަހުން ދުވަހަށް ދިޔައީ ބަލި ވަމުން. އޭނާ މަރުވާތަން ބަލަން ހުރީ އޭނާގެ ފިރިމީހާ. އެ މަންޒަރު ފެނިފައި ފިރިހެން މީހާވެސް ހުރީ ބިރުން ރޮވިފައި" ކަރުނަ ފޮހެލަމުން އަސަރާއި އެކު ޒީ ބުންޏެވެ.

ޒީ ބުނެފައިވަނީ އެފަދަ ފަރާތްތަކަށް ފަރުވާ ދޭ މީހުންގެ ހިތަށް ކުރާނެ އަސަރާއި އިހުސާސްތައް އެކަން ތަޖުރިބާ ނުކުރާ ފަރާތްތަކަށް ނޭނގޭނެ ކަމަށެވެ.

މީގެ އިތުރުން ޒީ ބުނެފައިވަނީ އޭނާ އާއި އެކީ މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރުންނާއި ނަރުހުންވެސް މިއަދު ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި އާއިލާއިން ފައްސިވާ މީހުން އެކަހެރި ކުރުވޭނެ ގޮތްވެސް ނެތް މަންޒަރު ފެންނަ ކަމަށެވެ.

ޒީ ބުނެފައިވަނީ އޭނާ ކޮވިޑް-19 ޖެހިގެން ރަނގަޅުވަމުން ދިޔަ އަންހެނަކަށް ފަރުވާވެސް ދީފައިވާ ކަމަށެވެ. އެ އަންހެން މީހާއަށް ޒީ ވަނީ މަހެއް ވަންދެން އައިސީގައި ފަރުވާ ދީފައެވެ. ނަމަވެސް ޑޮކްޓަރުންނަށް އަދިވެސް މި އަންހެން މީހާގެ އާއިލާއާއި ބައްދަލުވެފައެއް ނުވެއެވެ.

"އަހަރުމެން ކޮންމެ ދުވަހަކު އެ މީހާގެ އާއިލާއަށް އޭނަގެ ހާލަތު ކިޔައިދެން ގުޅަން. އެކަމަކު ދުވަހަކުވެސް މީހަކާއި ދިމަލެއް ނުވޭ. އޭގެ ފަހުން އަހަރުމެންނަށް އެނގުނީ އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅު ކޮވިޑް-19 ޖެހިގެން މަރުވެފައިވާކަން. މި ހުރިހާ ހާދިސާއެއް ހިނގާފައިވަނީ އަންހެން މީހާ ހޮސްޕިޓަލުގައި އޮއްވާ. މިގޮތަށް މިކަން ދިމާވުމުން އެ މީހާ ކައިރީ އާއިލާ މި ބަލީގައި ނެތިގެން ގޮސްފިއޭ ބުނާނީ ކިހިނެއް؟" ޒީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު