މިއީ ނަވާރަސަތޭކައިގެ އަހަރުތަކުގައި ދުނިޔޭގެ ހުރި އެންމެ އުފެއްދުންތެރި އެއް ޑައިރެކްޓަރެވެ. އޭރު ގިނަ ބައެއްގެ މަގްބޫލްކަން ހޯދި، އަދި އޭރު ދުނިޔޭގެ އެންމެ ބިރުވެރި ފިލްމުތައް އުފެއްދުމުގެ ފަހަތުގައި ހުރި "މާސްޓާ އޮފް ސަސްޕެންސް" އެވެ. އެއީ ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްގެ ވަރުގަދަ ހުނަރުގެ ސަބަބުން ފިލްމީ ސިނާއަތުގައި އޭނާއަށް ދީފައިވާ ލަގަބެވެ.

ދުނިޔޭގެ އެންމެ އުފެއްދުންތެރި ބިރުވެރި ފިލްމުތައް އުފެއްދި ޑައިރެކްޓަރު އަލްފްރެޑްގެ އަސްލު ދިރިއުޅުމުގައި އޭނާ އެންމެ ބިރު ގަންނާނީ ކޯއްޗެއް ދެކެ ހެއްޔެވެ؟ މިއީ ފިލްމީ ސިނާއަތުގައި އަލްފްރެޑްގެ ފިލްމުތައް ރަސްކަން ކުރަމުން ދިޔަ ދުވަސްވަރު ވެސް ގިނަ ބަޔަކު އުފެއްދި ސުވާލެކެވެ. މީޑިއާތަކުން އޭނާއާ އެ ސުވާލު އަމާޒު ނުކުރާ ފަހަރެއް ވެސް ނާދެއެވެ.

"އަސްލު ހަގީގީ ދިރިއުޅުމުގައި ތިމާ އެންމެ ބިރު ގަންނަ ކަންކަމާއި ތަކެއްޗަށް އެ ގަންނަ ބިރު ފިލުވައިލަން އެންމެ ފަސޭހަ ގޮތަކަށް އޮންނާނީ އެ ކަންކަމާއި ތަކެތީގެ މައްޗަށް ފިލްމެއް އުފައްދާލުން،" މިއީ އަލްފްރެޑް އެންމެ މަޝްހޫރު ބަސްކޮޅެވެ. އޭނާ މިހެން ބުނެފައިވަނީ ވެސް އޭނާ އެންމެ ބިރު ގަންނަ ކަމަކާ ނުވަތަ އެއްޗަކާ ގުޅޭ ގޮތުން ކުރެވުނު ސުވާލަކަށް ދިން ޖަވާބަކަށެވެ.

ކޮންމެ ގޮތެއް ވިޔަސް ފިލްމީ ސިނާއަތުގައި މަސައްކަތް ކުރާ މީހަކަށް މާ ގިނަ ދުވަހަކު ފިލައިގެނެއް ވެސް ނޫޅެވޭނެއެވެ. އާންމު ގޮތެއްގައި ޑައިރެކްޓަރު އަލްފްރެޑަށް ކުރިމަތި ކުރުވާ އެ ސުވާލުގެ ޖަވާބު ލިބިގެން ދިޔައީ ވަރުގަދަ ސްކްރިޕްޓްއެއް ހިމެނޭ ފިލްމެއްގެ މަސައްކަތުގެ ތެރެއިންނެވެ.

"ދަ ބާޑްސް" ގެ ޓައިޓަލް ދެވިފައިވާ ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް އޭނާއަށް ފެނުނު ކާ އެއްޗަކާ އެކު އުނދަގޫ ވެގެން އުޅުނެވެ. އަދި އެ ވަގުތު އޭނާ ކައިރީ ހުރި ރިޕޯޓަރެއް ކައިރީގައި ސުވާލެއް ކޮށްލިއެވެ. ދުވަހަކު ވެސް ބިހެއް ފެނި އުނދަގޫ ވެގެން އުޅުނީ ހެއްޔެވެ؟ އަދި ބިސް ތަޅާލުމުން ނުކުންނަ ބިހުގެ ދޮންގަނޑަށް ވުރެ ބިރުވެރި އެއްޗެއް ތިމަންނަ ނުދެކޭ ކަމަށް ބުންޏެވެ.

ކިޑްނީ ފެއިލް ވެގެން 1980 ގައި ދުނިޔެ ދޫކޮށް ދިޔަ އިރު އޭނާގެ މަސައްކަތް މިއަދު ވެސް ފިލްމީ ސިނާއަތުގައި ފާހަގަކުރެވެއެވެ. ހަޔާތުގައި އޮސްކާ އެވޯޑެއް ކާމިޔާބުވެފައި ނެތް ނަމަވެސް ދިރިއުޅުމުގެ ފަހުކޮޅުގައި އޭނާ ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އެޗީވްމަންޓް އެވޯޑެއް ދީފައިވެއެވެ. އަލްފްރެޑްގެ ހިޗްކޮކްގެ ފިލްމެއް ބަލާލިން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު