(ދެވަނަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ފަރުހާދުގެ ޖުމުލަތަކުން ތަށި ދޮވުމުގެ މަސައްކަތް އިޚްލާސްތެރިކަމާއެކު ކުރަމުން އައި ޒުވާނާއަށް ރޮވުނެވެ. ވީ ދެރައިންނާ ހިތަށް ވީ ތަދަކުން އޭނާ އެ ހުރި ތަނަށް އެނބުރިގެން ވެއްޓުނެވެ. އެޔާއެކު ބަދިގެ ތެރޭގައި މަސައްކަތް ކުރަން ތިބި މުވައްޒަފުން އޭނާ ހޭހަން ކުރެވޭތޯ މަސައްކަތް ފެށިއެވެ. އޭރު ފަރުހާދު ފަސް އެނބުރި ބަލައިވެސް ނުލައި ބަދިގެއިން ނުކުމެގެން ދިޔައީ ބޮޑާވެރިކަމާއެކުގައެވެ.

"އެއީ ކުރިން މިތަނުގައި ތަށި ދޮންނަން އުޅުނު ފަރުހާދެއް ނޫން!" އެތަނުން އެއް މުވައްޒަފަކު ހިތާހިތުން ބުނެލިއެވެ.

ފަރުހާދަށް ލިބުނު މަޤާމުން ބޮޑު މުސާރައެއް އޭނާއަށް ލިބެއެވެ. އޭނާއަށް ވަކިން ކޮޓަރިއެއް ވެސް ލިބުނެވެ. ރިޒޯޓްގެ ގިނަ ބަޔަކު އޭނާއަށް އިހްތިރާމްކުރެއެވެ. އަދި އެއްބަޔަކު އޭނާގެ ނުފޫޒު ގަދަކަމުން އެކަމަށް ޖެހިލުންވެސް ވެއެވެ.

އެޔާއެކު އޭނާ ބަލަހައްޓަން ޖެހޭ ކަންތައްތައް ގިނަވިއެވެ. ކުރިން ކުރަމުން އައި ނަމާދުތަކަށް ވަގުތު ހުސްކުރެވޭކަމަކަށް އޭނާއަށް ނުވެއެވެ. ހުސްވަގުތު ނެތުމުން ޤުރްއާން ކިޔެވޭ ކަމަކަށް ނުވެއެވެ. މައިންބަފައިންނަށް ގުޅޭނެ ވަގުތެއް އޭނާއަކަށް ނުލިބެއެވެ. އަބަދާ އަބަދުމެ އުޅެނީ ވަޒީފާގެ މަސައްކަތްތަކުގައެވެ.

"އާނ! މަންމާ ހުރިހާ ކަމެއް ވެސް ރަނގަޅު! މިގަޑީގައި ވަރަށް ބުރަކޮށް މިއުޅެނީ. ފަހުން ގުޅާނަން." ފަރުހާދުގެ މަންމަ ގުޅުމުން، އޭނާ ޖުމުލަތައް ފައްޗަކަށް އަމުނާލާފައި ފޯން ބޭއްވިއެވެ.

"މިހާރު ހުރިހާ ކަމެއް ސެޓަޕްވީތަ؟" އަތިރިމަތި އެކިއެކި ކުލަބޮކިތަކުން ޖަރީކުރަން ތިބި ކުދިންނާ ފަރުހާދު ވާހަކަދެއްކިއެވެ.

"ޔޭސް. ސަރ!"

"ރަނގަޅު! މިފަހަރުގެ ކްރިސްމަސް ޖެހޭނެ ޕާރފެކްޓް ވާން." ފަރުހާދުގެ އަތުގައި އޮތް ސިނގިރޭޓް ރޯކޮށް ދެތިން ފަހަރު އެތެރެހައްޓަށް ދުންތައް ދަމައިލިއެވެ.

"ޕާރފެކްޓް ވާނެ!"

ދުންފަތުގެ އިސްތިޢުމާލުކުރުން އެއީ ފަރުހާދުގެ އާދައަކަށްވަނީ ވެފައެވެ. ވަގުތުކޮޅެއް ލިބޭއިރަށް ސިނގިރޭޓެއް ރޯކޮށްލާނެއެވެ. ފަތުރުވެރިން ނެތް ތަނަކަށް ދެވޭއިރަށް ސިނގިރޭޓެއް ރޯކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅިއަށް ހަދައިލާނެއެވެ. ނަމާދާއި ޤުރްއާނަކީ އޭނާގެ ރަހްމަތްތެރިންނަށް ވީދުވަސް ފަސްދީ ހިނގައްޖެއެވެ. މިހާރު އޭނާގެ ރަހްމަތްތެރިންނަކީ ސިނގިރޭޓާއި ތަފާތު ވައްތަރުތަކުގެ ކާނާއާއި ބުއިންތަކެވެ.

ކްރިސްމަހަށް މުޅި ރިޒޯޓް ޖަރީކޮށްފައި އޮތީ ފަރުހާދުގެ ބެލުމުގެ ދަށުންނެވެ. އެތައް ބައެއްގެ ތައުރީފް ފަރުހާދަށް އޮހިގެން ދިޔައެވެ. އެހެނަސް އެ ހުރިހާ މަސައްކަތެއް ނިންމައި ދިނުމުގެ މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތުގެ އަގު އޭނާ ވަޒަން ނުކުރެއެވެ. އެއީ މުޅިން އޭނާގެ ޚިޔާލާއި ބުރަ މަސައްކަތް ކަމަށް އެކި މީސްމީހުންގެ ގާތުގައި ބުނަމުން ދިޔައެވެ. އޭނާ ހުރި މަޤާމުން މަތީ މަޤާމަކަށް ދިއުމުގެ ބޭނުމުގައެވެ.

"ފަރުހާދު! މިރޭގެ ޕާރޓީގެ ކަންކަން ހަމަޖައްސައިފިންތަ؟" މެނޭޖަރ ފަރުހާދަށް ގުޅިއެވެ.

"ލައްބަ! ސަރ! ވަރަށް ފުރިހަމައަށް ރާވާފައި އޮންނާނެ." ފަރުހާދު ފަޙުރުވެރިކަމާއެކު ވާހަކަދެއްކިއެވެ. "މިފަހަރު ރިޒޯޓްގެ އިންކަން ވަރަށް މައްޗަށް އަރާނެ! ގިނަ އަދަދެއްގެ ގެސްޓުން މި ރިޒޯޓަށް އަންނަން ފުރުޞަތެއް ދިނުމަށް އަޅުގަނޑަށް އެބަ ގުޅާ."

"ދެން އެމީހުންނަށް ފުރުޞަތެއް ދޭންވީނުން؟" މެނޭޖަރ އުފަލާއެކު ބުނެލިއެވެ.

"ސަރ! ހުރިހާ ބުކިންއެއް މިހާރު ހަމަ ފުލް! އަޅުގަނޑަށް ނެތް ހަމަ އެއްގޮތެއްވެސް ހަދާ ދެވޭކަށް." ފަރުހާދު އިހުނަށްވެރެއް ފޮނިވިއެވެ.

"ނައިސް! އިތުރު ގޮތެއް އޮތީޔާ ފަރުހާދު ބޭނުން ބަޔަކަށް ފުރުޞަތުދީ." މެނޭޖަރ ހުރީ ފަރުހާދުގެ އަތް މައްޗަށް ހުރިހާ ކަމެއް ދޫކޮށްލާފައެވެ. "އަހަރެން އެބަ ފޮނުވަން ވީ.ވީ.އައި.ޕީ ފަތުރުވެރިއެއް! ނިކަން ރަނގަޅަށް އޭނާ ބަލަހައްޓާތި! އެންމެ ފުރިހަމައަށް އެޓެޓައިންކޮށްދޭންވާނެ!"

"ނޯ ޕްރޮބްލަމް!"

ފަރުހާދާ ކޮންމެ ކަހަލަ ފަތުރުވެރިއެއް ހަވާލުކުރި ނަމަވެސް އެ ފަތުރުވެރިއަކު ރިޒޯޓުން ފުރައިގެން ދާނީ ހިނިތުންވުމާއެކުގައެވެ. އެނބުރި ރިޒޯޓަށް އަންނާނެ ކަމަށް ބުނަމުންނެވެ. ހިތް ދިވެހިރާއްޖޭގައި ފޮރުވާފައެވެ. ފަރުހާދުގެ ބެލުމުގެ ދަށުންނެވެ. އޭނާއަށް އެތަކެއް ބައިވަރު ހަދިޔާއެއް ދީފައެވެ. ބައެއް އަންހެން ކުދިން ފަރުހާދަށް ފުރުޞަތު ދޭންވެސް ދެއެވެ.

އެހެނަސް ފަރުހާދު ޤަބޫލުކުރާ ގޮތުގައި ޒިނޭއާއި ރަލަކީ އޭނާގެ މަޤާމް ހަލާކުކޮށްލާނެ އެއްޗެކެވެ. އެހެންވުމުން ފަރުހާދު އެޔާ ދުރުގައި އުޅެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އެއީ އޭނާގެ މަޤާމްގެ ދަހިވެތިކަމުގެ ސަބަބުންނެވެ. ނޫނީ އެ މަޤާމަށް އޭނާގެ ހިތްޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ.

"ފަރުހާދު!"

"ޔޭސް!" އަންހެން ކުއްޖަކު ފަރުހާދަށް ގޮވައިލުމުން އޭނާ ފަސް އެނބުރި ބަލައިލިއެވެ.

ފަރުހާދުގެ ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނި އޭނާގެ އަނގަ ނުހުޅުވުނީ ހަމަ ކިރިޔާއެވެ. ރީތިކަމުގެ މިޘާލެކެވެ. ރޫފަ ހެޔޮ ހަށިގަނޑެކެވެ. ވަރުގަދަ ފަންފަން ކަޅުކުލައިގެ ދިގު އިސްތަށިގަނޑެކެވެ. ދޮންދޮން މޫނެކެވެ. ރަތްކުލައިން ފަވާލެވިފައިވާ ތުންފަތެކެވެ. ހިމަހޯލި ނޭފަތެކެވެ. ބޮޑު ދެ ލޮލެވެ. އެ ލޮލުގައިވާ ވަރުގަދަ އެސްފިޔަތަކުން ފަރުހާދުގެ ހިތް ފަތަހަކޮށްލައެވެ. އަޖައިބުކުރުވަނިވި ހިތިފަތު ބުމައެކެވެ. ފަރުހާދަށް އެ އަންހެންކުއްޖާއަށް ނަޒަރު ހުއްޓައިލާގެން ހުރެވުނީއެވެ.

"ޔުރ މެނޭޖަރ ޓޯލްޑް މީ ޓް މީޓް ޔޫ!" އެ އަންހެންކުއްޖާ ފަރުހާދާ ވާހަކަދައްކަން ފެށިއެވެ.

"އޯ! އޮފްކޯރސް!" އެ އަންހެންކުއްޖާގެ ޖުމަލައިން ފަރުހާދު ސިހިގެން ދިޔައެވެ. "ވަޓް އިސް ޔުރ ނޭމް؟ ބިއުޓިޕްލް."

"އައިކާ!" އައިކާ ހިނިތުންވެލިއެވެ.

"ނައިސް!" ފަރުހާދު އައިކާއާ އަތާއަތް ޖޯޑުކޮށް ސަލާންކޮށްލިއެވެ. "ހަވްކަމް ޔޫ ފައުންޑް މީ؟"

"ޔުރ ސްޓާފް ގައިޑެޑް މީ." އައިކާ ދުރުގައި ހުރި މުވައްޒަފަކަށް އިޝާރާތް ކޮށްލިއެވެ. "އަހަރެންނަށް އެނގޭ ދިވެހިބަސް."

"ވަޓް! ރިއަލީ!" އައިކާ ދިވެހިބަހުން ވާހަކަދެއްކިލެއް ފަރިތަކަމުން ފަރުހާދު އާޝޯޚްވިއެވެ. "ކޮން އިރަކު ދިވެހިބަސް ދަސްކުރީ؟"

"ހިއްހިއް! އެންމެ ފުރަތަމަ ރާއްޖެ އާއިރު. އަހަރެންނަށް ދިވެހިބަސް ރީތިކަމުން ދަސްކުރީ!" އައިކާ ތުންފަތުގެ އެއް މިއައިން ހީލާފައި ވާހަކަދެއްކިއެވެ.

"މި ކިތައްވަނަ ފަހަރު؟" ފަރުހާދު ސުވާލަކަށްފަހު ސުވާލެއް ކުރަމުން އައިކާޔާއެކު ޕާރޓީ އޮތް ދިމާއަށް ހިނގައިގަތެވެ.

(ނުނިމޭ)