މީހަކާ އެއްކޮށް އުޅެން އުނދަގޫ ވާހަކަ އާއި އެ މީހެއްގެ ސަބަބުން އުނދަގޫ ވާ ވާހަކައަކީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. ނަމަވެސް ސުވާލަކީ އެއްކޮށް އުޅެން އުނދަގޫ މީހުން ދެނެގަންނާނީ ކިހިނެތްތޯއެވެ؟ ނުވަތަ އަމިއްލަ މީހާ އަކީ އެއްކޮށް އުޅެން އުނދަގޫ މީހެއްކަން ދެނެގަންނާނީ ކިހިނެތްތޯވެސް ހިތަށް އަރާފާނެއެވެ. މިކަމާ މެދު ސައިކޮލޮޖިސްޓުން ކުރި ދިރާސާއަކުން ވަނީ ބައެއް ކަންކަން ހޯދިފައެވެ.

އެ ދިރާސާގައި ބައިވެރިވި 532 މީހުންގެ ތެރެއިން 57 އިންސައްތަ މީހުންނަކީ އަންހެނުންނެވެ. އެ ދިރާސާގައި ކުށަށް ހުށަހެޅިދާނެ އާދަތަކާއި ރުންކުރުވުމާއި ހާސްވުމާއި ޑިޕްރެޝަން ފަދަ ކަންކަން މީހާގެ ގައިގައި ހުރި މިންވަރު ދެނެގަތުމަށް ވަނީ ހުށަހަޅައިފައެވެ.

އަދި މީހުންނާ އެއްކޮށް އުޅޭ މިންވަރާއި އެކުގައި ކުރާ މަސައްކަތްތައް ކުރާ މިންވަރާއި މާލީ ހޭދަ ކުރާ ގޮތާއި ވާހަކަދައްކާ ގޮތް ވެސް ވަނީ ދިރާސާކޮށްފައެވެ. ހަމައެހެންމެ އަމިއްލަ އެދުން ބޮޑު މިންވަރާއި ގާތް މީހުންނާއި މެދު ކަންތައް ކުރާ ގޮތްވެސް ވަނީ ބަލައިފައެވެ.

ގޯލްޑް ބާގް (2006)ގެ ކެރެކްޓަ ޑިވެލޮޕްމެންޓަށް ކުރި ދިރާސާއިން އެނގެނީ އެއްކޮށް އުޅެން އުނދަގޫ މީހުންގެ މި ހަތް ސިފަ ހުންނަ ކަމެވެ.

1) އެހެން މީހުންނާ މެދު ހަމްދަރްދީ ނުވުން: ބަލިވިޔަސް ނޫނީ ދެރަ ކަމެއް ވިޔަސް އެކަމަކީ މާބޮޑު މައްސަލައެއް ކަމަކަށް އެފަދަ މީހުން ނުދެކޭނެއެވެ. އަދި ހަމްދަރުދީވެ އަޅާލުމާއި، އެ މީހެއްގެ ހާލަތާ މެދު ވިސްނުމުގެ އާދައެއް ނުހުންނާނެއެވެ.

2) ވަކި ބަޔަކީ މާ މޮޅު ބައެއް ކަމަށް ހީކުރުން: މީހުންނާ އެއްކޮށް އުޅެން އުނދަގޫ މީހެއްގެ ހުންނާނެ އެއް ސިފައަކީ ތިމާއަކީ ނޫނީ ވަކި ބަޔަކީ އެހެން މީހުންނަށް ވުރެ މަތީ ނޫނީ ޚާއްސަ ބައެއްކަމުގައި ދެކުމެވެ. މީގެ ސަބަބުން ތަފާތުކުރުމާއި އަޅާ ކިޔުންތަކަށް ފުރުސަތު ލިބެއެވެ.

3) އަވަހަށް ރުޅި އައުން: އެއްކޮށް އުޅެން އުނދަގޫ މީހުންނަކީ އެއްވެސް ސަބަބަކާ ނުލާ، ނޫނީ މާބޮޑު ސަބަބެއް ނެތި ރުޅި އިސްކުރާ މީހުންނެވެ. އަދި ރުޅި އައީމަ އެއްވެސް ކޮންޓްރޯލެއް ނެތި އެ ރުޅި އެހެން މީހުންނަށް ދައްކާ މީހުންނާއި އެއްކޮށް އުޅެން އުނދަގޫ ވެދާނެއެވެ.

4) އެހެން މީހުން ދަށްކޮށްލުން: އެހެން މީހުންނަކީ މާ ބޮޑު މުހިންމު ބައެއް ނެތްކަން ދައްކާ މީހުންނާއި އެއްކޮށް އުޅެން ވަރަށް އުނދަގޫ ވާނެއެވެ. އެއީ ކާކުހޭ ތިމަންނަ އާއި މެދު އެއްޗެކޭ ބުނަން، މިހެން ހީވާ ނަމަ އެ ހެދެނީ ގޯހެކެވެ.

5) ޝައްކުކުރުން: އެހެން މީހުންނަށް ފަސޭހައިން ޝައްކު ކުރާ މީހުންނަކީ އިތުބާރު ދަމަހައްޓަން ނޭނގޭ ބައެކެވެ. އެހެންކަމުން އެފަދަ މީހުންނާއި އެކު އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

6) އޮޅުވާލާ ކޮންޓްރޯލްކުރުން: އެހެން މީހުންގެ އަމަލުތައް ކޮންޓްރޯލްކޮށް، އެހެން މީހުންނަށް ނުފޫޒު ފޮރުވާނަމަ އެ މީހުންނާއި އެކު އުޅެން އުނދަގޫ ވެއެވެ. އެކި ނިންމުންތައް ނިންމާ އިރު ތިމާ ބޭނުން ގޮތަށް ކަންތައް ނުކުރާ ނަމަ، ރުޅި އައިސް ފިއްތުންތައް ކުރިމަތިކުރުވުމަކީ އެއީ ވަރަށް އަމިއްލަ އެދުން ބޮޑު ގޮތެކެވެ.

7) އެހެން މީހުންގެ މައްޗަށް ގަދަވެގަތުން: ބާރު ފޯރާ ހިސާބުގައި ތިބޭ މީހުންގެ މައްޗަށް ގަދަވެގަނެ، އެ މީހުންނަށް ބިރު ދައްކާ ނަމަ އެއީ ނުރަނގަޅު ކަމެކެވެ. ގުޅުން ކަނޑާލާނެ ކަމަށް ނޫނީ ތިމާގެ ފުށުން ލިބޭ އެ ނޫންވެސް ކަމެއް އުނިކޮށްލާނެ ކަމުގެ ބިރު ދެއްކުމަކީ އެކަމުގެ ނޭދެވޭ އަސަރުކޮށް ތިމާއަކީ އެކުގައި އުޅެން އުނދަގޫ މީހެއްގެ ގޮތުގައި ފެންނާނެ ކަމެކެވެ.