މާލޭގައި އުޅެން ޖެހުމަކީ ބޮޑު ތަކުލީފެކެވެ. ހާއްސަކޮށް ރާއްޖެ ތެރެއިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންނެވެ. އެ މީހުން ދިރިއުޅެމުންދާ ގެއަށް ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސަ ދައްކައެވެ. އެޑްވާންސްގެ ގޮތުގައި އެހާ ފައިސާއެއް ނަގާތީ، މިގޮތަށް އެޕާޓްމެންޓްތަކުގައި ދިރިއުޅޭ މީހުން ތިބެނީ ދަރާ ވިކިފައެވެ.

މިއީ މާލޭގައި މިހާރު ދިރިއުޅެމުންދާ، ކުލި ދައްކާ މީހުން ހާލަތެވެ. މިފަދަ ހާލެެއްގައި އެތައް ބަޔަކު އުޅެމުންދާއިރު، އެޕާޓްމެންޓް ދޭނެ ކަމަށް ބުނެ މި މީހުންގެ އަތުން މަކަރާއި އޮޅުވައިލައިގެން ފައިސާ ހޯދަމުންދާ މައްސަލަ މި ވަނީ ބޮޑުވެފައެވެ.

މިއީ އެފަދަ ހާދިސާއެކެވެ. މިއީ ޕޮލިސް މީޑިއާ ސައިޓްގައި ލިޔެފައިވާ ވާހަކައެކެވެ.

ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދަދިނުމުގެ މަގުސަދުގައި މުޖާހިދު (އަސްލުނަމެއް ނޫން) އާއިލާ މާލެ ގެނެސް މާލެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށިއެވެ. ނަމަވެސް ބުރަ މަސައްކަތުން ލިބޭ އާމްދަނީން ތަނުގެ ކުއްޔަށާއި އެހެނިހެން ހަރަދުތައްކޮށް ފަހަށް ރައްކާކުރާނެ ފައިސާއެއް މުޖާހިދު އަތަކު ނުހުރެއެވެ. ގޭގައި މުޖާހިދުގެ ދެމަފިރިންނާއި ދެކުދިންގެ އިތުރުން ދޮންތައާއި ދޮންތަގެ ދެ ކުދިންނާ އަދި ރައްޓެއްސެއްގެ ދެކުދިން ދިރިއުޅެއެވެ. ނަމަވެސް އެ އެޕާޓްމަންޓަކީ ދެ ކޮޓަރީގެ އާދައިގެ އެޕާޓްމަންޓަކަށްވެފައި އެހާ ގިނަ ބަޔަކު ދިރިއުޅެން ޖެހުމުން ދަތިތަކާއި ކުރިމަތިވިއެވެ. އެހެންކަމުން މުޖާހިދުގެ ދޮށީ އަންހެން ދަރިފުޅާއި ދޮންތައާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅުވެސް މާލެއިން ވަޒީފާއެއް ހޯދައިގެން ވަޒީފާއަށް ދާން ފަށައިފިއެވެ. މުޖާހިދުގެ ބޭނުމަކީ އާއިލާ ތަނަވަސްކަމާއެކު އުޅޭވެނެ ވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހޯދުމެވެ. އަދި މިހާރު ދިރިއުޅޭ ތަނަކީ ތަންކޮޅެއް ކުޑަ ތަނަކަށްވެފައި މި އެޕާޓްމަންޓްގައި ދިރިއުޅެން ދީފައިވާ މުއްދަތުވެސް ހަމަވުމާއެކުގައެވެ.

އެހެންކަމުން ކުއްޔަށް ދޭ ތަނެއް ލިބޭތޯ މުޖާހިދު މަސައްކަތް ފެށިއެވެ. އަދި ރައްޓެހިންނަށް ގުޅައިގެންވެސް ކުއްޔަށްްދޭ އެޕާޓްމަންޓެއް ލިބޭތޯ ބެލިއެވެ. މިގޮތުން އެއްދުވަހަކު ރައްޓެއްސަކު މެދުވެރިވެގެން އެޕާޓްމަންޓް ކުއްޔަށްދޭ މީހެއްގެ ނަންބަރު ހޯދިއެވެ. އެމީހާއާ ގުޅައިގެން އެމީހާ ބުނި ގެއަށް ދިޔައެވެ. އެމީހާއާ ބައްދަލުވުމުން، ތިން ކޮޓަރީގެ ރީތި އެޕާޓްމަންޓެއް ދައްކައި، ތަނުގެ އެޑްވާންސަކީ -/50،000ރ (ފަންސާސް ހާސް ރުފިޔާ) ކަމުގައި ބުންޏެވެ. އަދި އެ އެޕާޓްމަންޓް މަރާމާތުކުރުމުގެ ހުރިހާ ކަމެއް ނިމޭނީ އަންނަ މަހު ކަމުގައިވެސް ބުންޏެވެ. އެހެންކަމުން މުޖާހިދު އެނބުރި ގެއަށްގޮސް ގޭގައި ދިރިއުޅޭ އެންމެންގެ މަތިން އެޑްވާންސަށްވާ ފައިސާ ހޯދައި ހަމަ ނުވުމުން ބެންކުން ލުއި ލޯނެއް ނަގައި އެ ފައިސާ ހަމަކޮށްގެން އެމީހާއަށް ގުޅިއެވެ. އަދި އެމީހާ ބުނިތަނަށްގޮސް އެ ފައިސާ ހަވާލުކުރިއެވެ.

އޭގެ އެއްމަސް ފަހެވެ. ކުއްޔަށްހިފި އެޕާޓްމަންޓަށް ބަދަލުވުމަށް މުޖާހިދުގެ އާއިލާ ފޮށިތަންމަތި ބަންދުކުރަން ފެށިއެވެ. އަދި އެެޕާޓްމަންޓް ކުއްޔަށްދިން މީހާއަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މިގޮތަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދީ ފަހުން އެމީހާ ފޯނު ނިއްވާލީއެވެ. އެކަމާ މުޖާހިދު ވަރަށް ކަންބޮޑުވިއެވެ. އެހެންކަމުން އެމީހާ ކުއްޔަށްދޭންބުނި އެޕާޓްމަންޓް ބެލުމަށް މުޖާހިދުގެ ދެމަފިރިން އެ އެޕާޓްމަންޓަށް ދިޔައެވެ. ދިޔައިރު ސިޑި ކައިރީ ފައިވާންތަކެއް ހުރުމުން އެ އެޕާޓްމަންޓްގައި ބަޔަކު އުޅޭކަން އެނގުނެވެ. އެހެނކަމުން ދޮރުގައި ޓަކި ޖަހާލިއެވެ. މިގޮތަށް ދެތިން ފަހަރަކު ޓަކި ޖަހާލުމުން މެދު އުމުރުގެ އަންހެނަކު ދޮރު ހުޅުވިއެވެ. ވާހިދު (އަސްލުނަމެއް ނޫން) ކިޔާ މީހަކު އުޅޭތޯ މުޖާހިދު އެ އަންހެން މީހާ ގާތު އެހިއެވެ. ވާހިދުގެ ރަށާއި އެޑްރެހާ ބުނުމުންވެސް އެއީ ކާކުކަމެއް އެ އަންހެން މީހާއަކަށް ނޭނގުނެވެ. އެހެންކަމުން މުޖާހިދު އެ އެޕާޓްމަންޓު ކުއްޔަށްހިފައި އެޑްވާންވެސް ދައްކާފައިވާ ކަމުގައި އެ އަންހެންމީހާ ގާތު މުޖާހިދު ބުންޏެވެ. އެ ގެ އަކީ އެ އަންހެންމީހާގެ މަންމަގެ ގެ ކަމާ އަދި އެ އެޕާޓްމަންޓަކީ ގެ ބަހާފައި އޭނައަށް ލިބުނު ބައިގައި ހަދާފައިހުރި އެޕާޓްމަންޓެއް ކަމުގައި އެ އަންހެންމީހާ ބުންޏެވެ. އަދި އެ ތަނަށް އެމީހުން ބަދަލުވީ ހަދާ ނިމުމުން މިދިޔަ މަހު ކަމުގައިވެސް ބުންޏެވެ.

މިއީ ހަމަ އެންމެ މީހެއްގެ ވާހަކައެވެ. ދިރިއުޅުމަށްޓަަކައި މުޖާހިދުގެ އާއިލާއިން ކުރި ފޮނި އުންމީދުތައް ވެއްޔާ މޮޑެވިއްޖެއެވެ. މަކަރުވެރިއެއްގެ ސަބަބުންނެވެ.

ފުލުހުން ވިދާޅުވީ، އެ މުވައްސަސާއަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު، ގިނަ މައްސަލަތަކުގައި މުއާމަލާތް ކުރާ ފަރަތަކީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ ގުޅުންހުރި ފަރާތްތޯ ޔަގީން ނުވުމާއި ތަން ކުއްޔަށް ދޭން ވާހަކަ ދައްކާ ފަރާތްތުގެ ވަނަވަރު އޮޅުވާލުމާއި އެޑްވާންސަށް ފައިސާ ދޭއިރު ކާކުކަން ޔަގީންނުކޮށް ފައިސާ ޓްރާންފަރ ކުރުމާއި ނުވަތަ ނަގުދު ފައިސާ އެގްރީމެންޓަކާ ނުލައި ހަވާލުކުރުމަކީ ފާހަގަކުރެވިފައިވާ ކަންކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުއްޔަށް އުޅޭ މީހާ

    އެއްވެސް ހާލެއްގައި މިހާރު ނުވާނެ އެފަދަ މުއާމަލާތެއް ގާތްތިމާގެ މީހަކަށްވެސް ކުރާކަށް. ކޮންމެ ކަމެއްވެސް އޮންނަންވާނީ ލިޔުމުން ފެންނަން. އޭރަށް ދެން ކޮންމެވެސް ދުވަހަކުން ނަމަވެސް އޭގެ އިންސާފެއް ލިބޭނީ....

    52
    • ގެރި

      އެޖެންޑާ 19 ގަ އޮންނަ ގޮތަށް ކަންކަން އެދަނީ.. ވަރުގަދަ އެތި ދެރައެތި މައްޗަށް ކުރިހޯދާނީ.. ވެލްކަމް ޓު ޖަޒީރާ އެނިމަލް ކިންގްޑަމް

      9
      4
  2. އެމަންޖެ

    މިސަރުކާރަކު އެއްވެސް ނިކަމެއްޗަކައް އިންސާފެއް ނުލިބޭނެ އިންސާފު ލިބޭނީ މޑޕ އައް އަޅުކަންކޮއް އަންނި ބުނާގޮތް ހައްދަވާ ބޭފުޅުންނައް.

    14
    4
  3. ބެއްޔާ

    ތިޔަކަން ތިޔަގޮތައް ވަނީ ކަނޑުކޮސްކަމުން! އަޅުގަނޑުގެ ގޭގެ ގްރައުންޑް ފުލޯވެސް މީހަކައް ކުއްޔައްދިނިން! އޭނާއައިސް އެއްބަސް ވުމުގައި ސޮއިކޮއް އެޑްވާންސް ފައިސާއަދި ރެންޓްވެސް ދެއްކި! ދެން އޭނާ ކަންކުރިގޮތަކީ އައިބޭގައި އެޕާރޓްމަންޓް ކުއްޔައް ދިނުމައްޖަހާ ތަން ދައްކާ އެއްބަސްވުން އަމިއްލަޔަށް ހަދާ 3 ފަރާތެއްގެ އަތުން އެޑްވާންސް ފައިސާނެގިކަން އިގުނު ހިސާބުން އެޕާރޓްމަންޓް ބޭރުގައި ކުއްޔަށް ދޭން އުޅެފިނަމަ ގޭގެ ވެރިފަާތައް ގުޅާ މިހެންލިޔެފަ ލިއުމެއްހިއްޕީ! ދެން އޭނާ ގުޅަފަ ބުނީ ތަންދޫކޮއްލާ ވާހަކަ!

    14
  4. އަޙްމަދު

    މުޖާހިދަށްކިޔައިދީބަލަޓަކިބޭމިސްކިތްވިއްކާލިވާހަކަ/ރަގަޅައްވިއްޔާމުޖާހިދުވެސްއުޅުއްވާނީއޮފީހެއްގެޑިރެކްޓަރަކަށް

  5. ވަގުތު

    جزاك اللهُ خيراً

  6. ބަލަންވާ ވަރަށް ނުބެލުމުގެ ހިތި ނަތީޖާ

    ވަރަށް ދެރަ ހިތާމަވެރި ކަމެކެވެ. މިފަދަ މުޢާމަލާތް ކުރާއިރު، އެއީ ކޮން ގެއެއްގެ ކާކުތޯ ކަށަވަރު ކުރުމަށް އެމީހެއްގެ އައިޑީ ކާރޑުގެ އަޞްލު އަތުން ހިފައި ލޮލުން ބަލަން ޖެހޭނެ އެވެ. އެކަމަކު އެފަދަ ޔަގީން ކަމެއް ހޯދަން މިގޮތަށް ޢަމަލު ކުރަން ޖެހިލުންވާ މީހުން އަދި ވެސް ވަރަށް ގިނައެވެ. މަގޭ ނަޞޭޙަތަކީ "ލަދަކާހުރެ ތަދެއް ނުފިލާނެއެވެ." މަކަރުވެރިން ގިނަވީމައި އެފަދް މަޢުލޫމާތު ތަކަށް އެދެން މަޖުބޫރުވެފައި ވާކަމަށް ބުނާށެވެ! ހާސް ނުވާށެވެ! އެއީ ފަހަރުގައި ޞައްޙަ ތެދުވެރި މީހާ ކަމުގައި ވިޔަސް ވަރިހަމަ އެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ."

    10