ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން ސެލްފް-ޑްރައިވިންގ ނުވަތަ ޑްރައިވަރަކު ނެތި އަމިއްލައަށް ދުއްވާ ކާރެއް ނެރެން މަސައްކަތް ފަށައިފި އެވެ.

އެ ކުންފުންޏާ ހަވާލަދީ މީޑިޔާތަކުން މަޢުލޫމާތު ދޭގޮތުގައި މި ކާރު ނެރެން އެޕަލް އިން އަދި ނިންމާފައި ވަނީ 2024 ގައެވެ. އެޕަލްގެ އަމިއްލަ ބެޓަރީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ މި ކާރަކީ އެންމެންނާ ރައްޓެހި ކާރަކަށް ވެގެންދާނެ އެވެ.

އައިފޯން އުފައްދާ އެޕަލް އިން ހިންގާ ޕްރޮޖެކްޓް ޓައިޓެންގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން ދަނީ ދުއްވާ އުޅަނދުތައް އީޖާދުކުރުމުގެ މަސައްކަތް ފަށާފަ އެވެ. ޓެކްގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެޕަލްގެ އަމާޒަކީ ޑްރައިވަރެއް ނެތް ވެހިކަލެއްގައި މީހުން އުފުލޭނެ ގޮތް ހެދުމެވެ. އަދި އެ ވެހިކަލް ތަކަކީ ހަރަދު ކުޑަ ބެޓަރީ ތަކެއްގެ އެހީގައި ދުއްވޭނޭ ތަކެތީގެ ގޮތުގައި ހެދުމެވެ.

މުސްތަޤުބަލުގައި އުފައްދާ މިފަދަ ޓެކް އުފެއްދުންތަކުގެ ވާހަކަތައް ވަގުތު ނުޖެހެނީސް ހާމަ ނުކުރާއިރު އެޕަލް އިން ކޮންމެ އަހަރަކު އެތައް މިލިއަން އުފެއްދުމެއް ވިއްކައި ބޮޑު ޢާމްދަނީއެއް ހޯދަމުންދާއިރު އެ ކުންފުންޏަށް މިހާތަނަށް އުފެއްދިފައި ނުވަނީ ކާރެކެވެ. އެޕަލް އިން އުފައްދަން މަސައްކަތް ކުރާ ކާރުގެ ހަގީގަތް އެނގެނީ އެންމެ ދެމީހަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެޕަލްގެ ޑިޒައިނާއި އެއްގޮތަށް ކާރު އުފެއްދިއްޖެނަމަ އެކަން ވެގެންދާނީ އާ އިންގިލާބަކަށެވެ.

އެޕަލް ކުންފުނިން ވަނީ ކާރު އުފެއްދުމުގައި ބޭރުގެ ބައެއް ފަރާތްތަކުގެ އެހީވެސް ހޯދަން ނިންމާފަ އެވެ. އެގޮތުން ބޭރުގެ އެހީތެރިކަން އެޕަލް އިން ހޯދަނީ ކާރުގެ ބައެއް ބައިބައި ފަރުމާ ކުރުމުގައި އެވެ. އެގޮތުން 'ލިޑާ' ސެންސަރުތައް އުފެއްދުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދާނެ ކަމަށް މަަޢުލޫމާތު ލިބެ އެވެ. ލިޑާ ސެންސަރުގެ އެހީގައި 3 ޑައިމެންޝަނަށް ކާރުގެ ބޭރުން މަގުމަތި ފެންނާނެ އެވެ.

މި އަހަރު އެޕަލް ކުންފުނިން ނެރުނު އެޕަލް އައިފޯން 12 އާއި އައިޕެޑް ޕްރޯގައި ލިޑާ ސެންސަރު ހިމެނެ އެވެ. މިއީ އެޕަލް ކުންފުނިން އުފެއްދި ލިޑާ ސެންސަރެކެވެ.

އެޕަލް ކުންފުން މިހާރު ދަނީ އެލްޕީއެފް ބެޓަރި ނުވަތަ ލިތިއުމް އަޔަން ފޮސްފޭޓް ބެޓަރި ތަހުލީލު ކުރަމުންނެވެ. މި ބެޓަރިއަކީ އޯވާހީޓް ނުވާ އެހެން ލިތިއުމް އަޔަން ބެޓަރި ތަކާއި ހިލާފު ބެޓަރި ތަކެވެ. އަދި މި ބެޓަރިތައް ވެގެންދާނީ އެފަދަ އެހެން ބެޓަރިތަކަށްވުރެ އަގުހެޔޮ ބެޓެރިއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕާޓޭ ގެ ޑެޑީ

    މަބުނީ ތީގެ ފުރޯޅާ އިންޖީނު ވަކިންތަ ގަންނަން ލިބެނީ؟؟