މިހާރު ބޮލީވުޑް ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ޔޫކޭގެ ބަތަލާ ބަނީތާ ސަންދޫ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ނަމަވެސް ސަރުކާރު ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް ބަނީތާ މި ވަނީ ދެކޮޅު ހަދައިފައެވެ.

ބޮލީވުޑުގެ ފިލުމު ''އޮކްޓޫބަރ'' އިން ވަރުން ދަވަންއާއި އެކު ފެނިގެން ދިޔަ ބަނީތާ ޑިސެމްބަރ 20 ވަނަ ދުވަހު އިންޑިޔާއަށް އައިސްފައިވަނީ ކޮވިޑް-19 އަަށް ފައްސިވެފައިވާ މީހަކާއި އެކުގައެވެ.

ބެލިގާޓާ އިންފެކްޝިޔަސް ޑިސީސް ހޮސްޕިޓަލަށް ގެންދިޔުމަށް އެންބިއުލެންސަށް އަރަން ބުނުމުން ބަނީތާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

''ބަނީތާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ ހޯމަ ދުވަހު. މިހާރު އަލަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބާވަތްތޯ ބެލުމުގެ ފިޔަވަޅުތައް އަޅަން ފެށުނު. އެކްޓްރެސް އެމްބިއުލެންސަށް އެރުމަށް ދެކޮޅު ހެދުމުން އެކަން ސްޓޭޓް ހެލްތް ޑިޕާޓްމަންޓަށް އަންގަން ޖެހުނު'' އޮފިޝަލަކު ބުނެފައިވެއެވެ.

ބަނީތާ އެމްބިއުލެންސަށް އެރުމަށް ދެކޮޅު ހެދުމުން ބްރިޓިޝް ހައިކޮމިޝަނަށް ވެސް އަގަން ޖެހުނު ކަމަށާއި ފުލުހުންނަށް ވެސް އެންގި ކަމަށް އޮފިޝަލު ބުނެފައިވެއެވެ.

ފުލުހުން އެތަނަށް އައިސް އެމްބިއުލެންސް ކައިރީގައި ވަށައިގެން ތިބީ ބަނީތާއަށް އެތަނުން ނުދެވޭނެ ގޮތަށެވެ. އަދި ފަހުން ބަނީތާ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސްފައިވަނީ ހެލްތް ޑިޕާޓްމަންޓުގެ ހުއްދައާއި އެކު ކަމަށް ވެސް އެ އޮފިޝަލު ބުނެފައިވެއެވެ.

ބަނީތާގެ ސާމްޕަލް ނެގުމަށްފަހު އެއީ ކޮރޯނާ ވައިރަސްގެ އައު ބާވަތްތޯ ނުވަތަ ނޫން ތޯ ބެލުމަށް ކަލްޔާންގެ އިންސްޓިޓިއުޓް އޮފް ބަޔޯ މެޓިކަލް ގެނޮމިކްސް އަށް ފޮނުވާކަމަށް ވެސް އޮފިޝަލު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު