ބޮޑުބެރުގެ ދުނިޔެ އަށް އާ އަހަރާއި އެކު ވަދެގެން އައި ނަމަކީ "ހޭވައްލާ"އެވެ. އެއާއި އެކު އިސާހިތަކު މީސްމީޑިއާ ފުރާލީ "ހޭވައްލާ"ގެ އަޑުތަކާއި އެކުގައެވެ. އެތައް މަހެއްގެ ސައްލާ އަށް ފަހު އުންމީދާއި އެކު "ހޭވައްލާ" ބޮޑުބެރު ގްރޫޕުން ބޮޑުވެރުގެ ދުނިޔެ އަށް ނުުކުތީ ބޮޑުބެރުގެ ކުޅިވަރަށް ފަރިތައް އެތައް މޫނަކާއި އެކުގައެވެ. ހޭވައްލާ ތައްޔާރަށް ތިބެ މި ގްރޫޕުން މި ފެށި ދަތުރުގެ އުންމީދަކީ ރާއްޖޭގެ ބޮޑުބެރު މުޅިން އާ ހަރުފަތަކަށް ގެންދިއުން ކަމަށް މި ޓީމުން ބުނެއެވެ. އަދި އުފެއްދުންތެރި، ފެންވަރު ރަނގަޅު ހުށަހެޅުންތަކެއް އާއްމުންނާއި ހަމަ އަށް ގެނެސްދިނުމަކީ ހޭވައްލާގެ މުޅި ޓީމު އެކަމަކަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރާ އެއް މަޤްސަދެވެ.

"ހޭވައްލާ"ގެ ޓީމު އެކުލަވާލާފައިވާ ގޮތަށް ބަލާ އިރު ދެކެފަރިތަ އެތައް މޫނެއް މި ޓީމުން ފެންނަން އެބަތިއްބެވެ. އެގޮތުން "ހޭވައްލާ"ގެ ބާނީ އަދި ލަވަލިޔުންތެރިޔާ އަހުމަދު ވަލީދު ނުވަތަ މަގްބޫލު ނަމުން ނަމަ "ފިއްޓެ" އޭނާގެ ބޮޑުބެރުގެ ހަޔާތުގައި ކަޑަތު ނުކުރާ މަރުހަލާއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބޮޑުބެރު ގްރޫޕެއްގައި "ވޯޓަރ ބޯއި"އެއްގެ މަސައްކަތުން ފަށައިގެން، ބެކްގްރައުންޑް ވޯކަލިސްޓް، ލީޑް ވޯކަލިސްޓް އަދި އެއަށް ފަހު މިއަދު ހޭވައްލާގެ ފައުންޑަރ މެމްބަރަކަށް ވުމާއި ހަމައަށް ވެސް ފެނިގެންދަނީ އޭނާގެ އިސްނެގުމާއި ކެރުމެވެ.

ހޭވައްލާގެ ފައުންޑަރ މެމްބަރުން ލާރާ، ޒަރެ އަދި ފިއްޓެ

ހޭވައްލާގެ ފައުންޑަރ މެމްބަރުންގެ ތެރޭގައި ހިމެނޭ ނައުޝާދު ލަތީފް (ޒަރޭ) އަކީ ދެވަނަ ތަޢާރަފަކަށް ބޭނުން ނުވާނެ ކުޅަދާނަ ފަންނާނެކެވެ. ދައުލަތުގެ މީޑިއާއިން 2015 ވަނަ އަހަރު ގެނެސްދިން ބޮޑުބެރު ޗެލެންޖް އިން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ފަންނާނަކަށް ޒަރޭ ވީ އޭނާގެ ހިތްގައިމު އަޑުގެ ސަބަބުންނެވެ. އެއަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3ގައި އަޑުއަހާލަން ހިތްގައިމު އެތައް ހުށަހެޅުމެއް ހުަހަޅާދިން ޒަރޭއަކީ މިހާރު މިއުޒިކް ސިނާއަތުގައި އަޑު އަހާލަން އިވޭނެ އެންމެ ހިތްފަސޭހަ، ރީތި އެއް އަޑަށް ވާނެކަން ޔަގީނެވެ.

ހޭވައްލާގެ ފައުންޑަރ އަބްދުﷲ މުރުޝިދު (ލާރާ) އަކީވެސް ފިއްޓެ އާއި ޒަރޭ އަށް ދޫކުރާނެ ނަމެއް ނޫނެވެ. ތަފާތު އުސްލޫބެއްގެ ވެރި ލާރާ އޭނާގެ ނަން ފަވާލީ 2012 ވަނަ އަހަރުގެ ބޮޑުބެރު ޗެލެންޖްގައި އޭނާގެ ތަފާތު އަޑުން އިއްވާލި "ގައިދުރު ނުކިޔާ" މިލަވަ އާއި އެކުގައެވެ. އަދި ފާއިތުވި އަށް އަހަރު މިއުޒިކުގެ ދުނިޔޭގައި އޭނާ ފައިހަމަކޮށްލީ ދުވަހަކަށް ވުރެ ދުވަހެއް އޭނާގެ ހުށަހެޅުންތައް ފުރިހަމަ ކުރަމުންނެވެ.

ޓީމްގެ ދެން ތިބި ވޯކަލިސްޓުންނަކީވެސް ހުނަރުގެ ގޮތުން ބަލާ ނަމަ ފާހަގަކޮށްނުލާ ދޫކޮށްލެވޭ ވަރުގެ ބައެއް ނޫނެވެ. އެގޮތުން އިބްރާހިމް ހަސަން (ތުއްތު) އަކީ އެ ފަންނާނަކަށް އަބަދުވެސް ބަރޯސާ ވެވޭ ހޭވައްލާގެ ޓީމުގެ ބަހުން ނަމަ "މިސްޓަރ ރިލައަބްލް"އެވެ. ގްރޫޕް ކުރިއަރުވާ، ފުރިހަމަ ކުރަން އަބަދުވެސް ތައްޔާރަށް ހުންނަ ތުއްތު އަކީ ޖާޒުބީ އަޑެއްގެ ވެރިއެކެވެ. އޭނާގެ ކޮންމެ ހުށަހެޅުމަކީ ވެސް ލޮތްބާއި އެކު ހުށަހަޅާދޭ ފުރިހަމަ ހުށަހެޅުމެކެވެ.

ހަމައެހެންމެ ޒުވާން ވޯކަލިސްޓު އަހުމަދު ސާއިހު އަކީ ތަފާތު އެކި ލަވަތައް ހުށަހަޅާދެ، އުޖާލާ ކުރިމަގެއް އޮތް ފަންނާނެކެވެ. ދެން ހުރީ އަލީ ޝިފާންއެވެ. އޭނާ އަކީވެސް މި ދާއިރާގައި ކާމިޔާބު އަދި ފާގަތި ކުރިމަގެއް އޮތް ފަންނާކަށް ވާނެ ކަމުގެ އިތުބާރު "ހާވައްލާ"ގެ ޓީމަށް އެބައޮތެވެ. މިޓީމުގެ ތެރެގައި ހިމެނޭ ފުރުޝާން މުހައްމަދު (ފުރުޓޭ)އަކީ އޭނާގެ ނެށުމުގެ ހުނަރުން އެތައް ބަޔަކު ސިއްސުވާލާނެ ފަދަ ހުނަރުވެރިއެކެވެ.

ދެން އޮތީ ނެށުންތެރިންގެ ވާހަކައެވެ. މޫސާ ފާކިރު (ބިސް -ޓީ)، އިބްރާހިމް ސަމީހު (ޕޮނޭ)، ހުސެއިން އަހުމަދު (ބެންޖޯ)، ހުސެއިން ޝިނާހު (ޝާޑު)، މުހައްމަދު އީމާން އިބުރާހިމް (އުތީ) މިއިން ކޮންމެ ނަމަކީވެސް ނެށުމޭ ބުނެފި ނަމަ ކެކި އުތުރި އަރާނެ ނަމެކެވެ. ހުށަހެޅުންތައް ފުރިހަމަކޮށްދިނުމުގައި މި ނެށުންތެރިންގެ ފާޑާއި ނެށުމުގެ ވައްޓަފާޅި އަދާކުރާ ދައުރަކީ އުނި ނުކުރެވޭނެ މުހިންމު ބައެކެވެ. ހޭވައްލާގެ ޓީމަށް ފުރިހަމަކަން ގެނެސްދެނީ މި ނެށުންތެރިންގެ ފައިހަމަކުރުމާއި، ފަރި ހަރަކާތްތަކާއި އެކުގައެވެ.

ހޭވައްލާގެ ބެރުވެރިން

ބެރުވެރިންގެ ލައިނަށް ބަލާނަމަ އެންމެ ކުރިން ފެންނަ އާދަމް ޖައިލަމް (ޖައި) އަކީ ބޮޑުބެރުގެ ހުނަރުވެރި ބެރުވެރިންގެ ތެރެއިން އެކަކަށް ވާނެއެވެ. އަބްދުﷲ ޝަހުލް (ސައްލެ ކުޑޭ) އާއި އެކު ބެރުޖަހާލަން ފަސޭހަ ވުމާއި އޭނާ މި ގްރޫޕަށް ގެނެސްދެނީ އާރޯކަމެކެވެ. އަދި ޒުުވާން ބެރުވެރިޔާ އިސްމާއިލް ފައިރޫޒް (ފިކޫ)އަކީ އުމުރުން ހަނގުވިނަމަވެސް ތަޖުރިބާ ހުރި ފަންނާނެކެވެ. ހަމައެހެންމެ ހަސަން ޝަނާން އާއި އަހުމަދު ރާއިފް ވެސް ބޮދުބެރުގެ ދުނިޔެގައި އުންމީދު އޮތް ފަންނާނެކެވެ.

މި ގްރޫޕްގެ ފޮޓޯގްރާފަރ އަލީ އިމްކާން (އިމްކާން ޑޮޓް އެމްވީ) އަަރަމުން އަންނަ ކުޅަދާނަ ފޮޓޯގްރާފަރއެކެވެ. މި ގްރޫޕުން އަންނަނީ އެކި ހަފްލާތަކާއި، މުނާސަބަތުތަކުގައި ރީތި އެހާމެ ތަފާތު ހުށަހެޅުންތައް ހުށަހަޅާ ދެމުންނެވެ.

ހޭވައްލާގެ ޓީމުން ބުނާގޮތުން އެ ޓީމުގެ އުންމީދަކީ ބޮޑުބެރުގެ ދުނިޔޭގައި ފަވާލެވެނެ ފަދަ ނަމަކަށް ހޭވައްލާ ވުމެވެ. އަދި ޒުވާން ފަންނާނުންނާއި އެކު ނުކުތް މިޓީމަކީ ބޮޑުބެރުގެ ތަޖުރިބާ ލިބިފައި ތިބި ގިނަ ފަންނާނުން އެކުލެވޭ ޓީމަކަށް ވާއިރު، އެ ތަޖުރިބާ އާއި އެކު ބޮޑުބެރުގައި އާ ރަހަތައް ލެއްވުމަކީ މި ޓީމުގެ އުންމީދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލުފޮޅި

    މިރާއްޖޭގަ އުޅޭ ވާނުވާ ލަވަކިޔާ މީހުން ވަރަށް ޖޭ ވާނެ ބޮޑުބެރު ޖަހާ ބޮޑުބެރު ކުރިއަރަންޏާ.. ކިތަންމެ މަސައްކަތެއް ކުރިޔަސް ބޮޑުބެރު ވައްޓައެއް ނުލެވޭނެ.. އަމިއްލަ ރާގޭ ކިޔައިގެން ވާނުވާ ލަވަކިޔާ މީހުނަށް ވަރަށް ސަލާން.. ބޮޑުބެރަކީ އެއްވަނަ.. ކިތަންމެ މަސައްކަތެއް ކުރިޔަސް ބޮޑުބެރު ވައްޓައެއް ނުލެވޭނެ...

    2
    4