(އައްޑޫ ސިޓީ، ހުޅުދޫ) ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ ފޯކާސްޓަރަކަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އަލީ ވާފިރަކީ އެ ދާއިރާ އަށް މާބޮޑު ޝައުގުވެރިކަމެއް ހުރެގެން ނުކުތް ބޭފުޅެއް ނޫނެވެ. ވާފިރު އެތަނަށް ވެންނެވީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައެވެ. އެންމެ ފަހުން، އެ ތަނުގައި އޭނާ ސާޅީހަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފިއެވެ.

"އަޅުގަނޑު މޫސުމާ ގުޅުން ހުރި ކަމަކަަށް ޝައުގުވެރިކަން ހުރެގެން ނޫން ދާއިރާއަށް ވަދެވުނީ، ވަދެވުނީ ވަޒީފާއަކަށް ދިއުމުގެ ބޭނުމުގައި ގޮސް ވަދެވުނީ، މާލޭގައި އިންޓަނޭޝަނަލް އެއާޕޯޓް ރައީސް ނާސިރް އިއުލާނު ކުރައްވައިގެން މުވައްޒަފުން ހޯދުމަށްޓަކައި ކުރި މަސައްކަތުގެ ތެރޭގައި،" ވާފިރު ވިދާޅުވިއެވެ.

ވާފިރު "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ފޮޓޯ: ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ވާފިރު ވިދާޅުވީ، އެތަނުގެ އެކި ސެކްޝަންތަކަށް ކުދިން ނެގި އިރު، އޭނާ ވަޑައިގަތީ އޭރުގެ މެޓް ސެންޓަރަށް ކަމަށެވެ. އޭރު އެތަން އޮތީ އެއާޕޯޓް ދަށުގައެވެ. އަދި އޭނާ އަށް އެތަނުން ތިން މަސް ދުވަހުގެ ތަމްރީނު ދިނެވެ. އޭނާއާއެކު އޭރު އެތަނަށް އެހެން ތިން ކުއްޖަކު ވެސް ވަޒީފާއަށް ވަނެވެ.

"އެ ޓްރެއިނިން އަށް ފަހު ވަރަށް ގިނަ ދުވަހު ޓްރޭނީއެއްގެ ގޮތުގައިވެސް ހުރިން، ގާތްގަނޑަކަށް ދޮޅު އަހަރެއް ފަހުން އަޅުގަނޑަށް މެޓް އޮބްޒާވަރެއްގެ ވަޒީފާ ލިބުނީވެސް،" ވާފިރު ވިދާޅުވިއެވެ.

ވާފިރު ވިދާޅުވީ، އޭނާ ގަމު މެޓް ސެންޓަަރަށް ވެސް އައީ ޓްރޭނީއެއްގެ ގޮތުގައި ހުރެގެން ކަމަށެވެ. އެއީ 1970 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ހިސާބެވެ. އެތަނުގައި މަސައްކަތް ކުރާތާ ދުވަސްކޮޅެއް ފަހުން، އޭނާ ވަނީ މާލެއަށް ބަދަލުކޮށްފައެވެ. މާލެއަށް ބަދަލު ކުރި ފަހުންވެސް އޭނާއަށް ވަޒީފާ ރަނގަޅަށް ހަމަނުޖެހެއެވެ. އެކަމާ އޭނާ ހިތްހަމަ ނުޖެހިގެން ވަޒީފާ ދޫކޮށްލިއެވެ. އެކަމަކު ފަހުން އަނެއްކާ ވަޒީފާއަށް ވަންނަން މަޖުބޫރުވީއެވެ.

މެޓް އޮފީހުގައި ފޯކާސްޓާއެއްގެ ގޮތުގައި މަަަސައްކަތް ކުރެއްވި ވާފިރު.--- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެގޮތަށް ވަޒީފާ ކަންތައް ހަމަނުޖެހުނު، އެހެންވެ އަޅުގަނޑު ދިޔައީ ރިސޯޓަށް، އޭރު ބޮންޑެއްވެސް އޮވޭ، އަޅުގަނޑު ގޮސް އުޅުނީ ބަނޑޮހުގައި، އެތަނުގައި އުޅެނިކޮށް ޑިޕާޓްމެންޓް އޮފް މީޓްރޮލޮޖީ އުފެދުނީ، އެތަނުން އަޅުގަނޑަށް ގުޅާފައި ބުނި އަޅުގަނޑުގެ ބޮންޑް އޮތީމަ، ވަޒީފާއަށް ގެންނަން ޖެހެއޭ، އެހެން ނޫނީ ބަންދުވެސް ކުރާނެއޭ، އެކަމުގެ ބިރަށް އަނެއްކާވެސް އައީ،" ވާފިރު ވިދާޅުވިއެވެ.

ވާފިރު އެނބުރި ދިއުމުން އެ ޑިޕާޓްމެންޓުން ވަނީ އިތުރު މުވައްޒަފުންނާއެކު ދާއިމީކޮށް އޭނާ އައްޑޫއަށް ފޮނުވަދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އޭގެ ފަހުން އޭނާ އައްޑޫ އަށް ވަޑައިގެން ގަމުގައި ވަޒީފާއަށް އަދާ ކުރައްވަނިކޮށް 1985 ވަނަ އަހަރު އޭނާއަށް އޮސްޓްރޭލިއާއިން ކޯހެެއް ލިބުނެވެ. އެ ކޯސް ނިންމާފައިވެސް އޭނާ އެނބުރި އައީ ގަމަށެވެ. އަދި އޭގެ ފަހުން އެކި ތަންތަނަށް އޭނާ ތަމްރީނު ހެދުމަށް ދިޔައެވެ. ވާފިރު ގަމަށް ބަދަލު ކުރި އިރު، ކޮންމެ ދުވަހަކު އޮފީހަށް ދިއުމަށް ކަނޑު ދަތުރު ކުރެއެވެ. އެއީ އޭނާ ދިރިއުޅުމުން ގެންދިޔައީ ހުޅުދޫގައި ކަމަށް ވާތީއެވެ.

އަލީ ވާފިރު- ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ވާފިރު ޓްރޭނީއެއްގެ ގޮތުގައި އުޅުމަށްފަހު ބަދަލުވީ، އޮބްޒާވަރަކަށެވެ. އޭގެ ފަހުން އެސިސްޓެންޓް ސުޕާވައިޒަރަކަށް މަގާމުގެ ކުރިއެރުން ލިބުނެވެ. އަދި ސީނިއާ ސުޕާވައިޒަރެއްގެ މަގާމާއި، އެސިސްޓެންޓް ފޯކާސްޓެއްގެ ގޮތުގައި ވެސް ވާފިރު އުޅުއްވިއެވެ. އަދި ފޯކާސްޓަރެއްގެ މަގާމުގައި ހުރެފައި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމަށް ބަދަލު ވިއެވެ. އަދި ޑެޕިޔުޓީ ޑިރެކްޓަރެއްގެ މަގާމުވެސް ފުރިއެވެ.

އޭނާ ރިޓަޔާ ކުރިއިރު ހުރީ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ވާފިރު ވިދާޅުވި ގޮތުގައި، ވާފިރު މަސައްކަތް ކުރައްވަން ފެއްޓެވި އިރު، އެހާ ވަސީލަތްތަކެއް ނުހުރެއެވެ. އޭރު ފޯކާސްޓެއްވެސް ނަހަދައެވެ. އޭރު ޖެހެނީ ސާފޭސް އޮބްޒަވޭޝަން ހަދައި، ރިޕޯޓްތައް ސްރީ ލަންކާގެ ވެރިރަށް ކޮލަންބޯ އޮބްޒަވޭޓަރީއަށް ފޮނުވާށެވެ. އެސްއެސްއީ ސެޓެއް މެދުވެެރިކޮށް އެ އެއްޗެހި ކޮލަންބޯއަށް ފޮނުވުމުން، އެ މީހުން ފޯކާސްޓްކޮށްފައި އަނބުރާ ފޮނުވައެވެ.

"އެ އެއްޗެހި އެކޮޅަށް ފޮނުވީމަ އެ މީހުން ފޯކާސްްޓް ކޮށްފައި ފޮނުވަނީ، އެކަހަލަ ގޮތަކަށް އައީ، އައިސް ފޯކާސްޓް ފަހުން ހަދަން ފެށި،" ވާފިރު ވިދާޅުވިއެވެ.

ރާއްޖޭގެ މެޓް އޮފީހުގައި ފޯކާސްޓް ހަދަން ފެށީ 1981 ނޫނީ 1982 ހިސާބުގައި ކަމަށް އޭނާ ފާހަގަކުރިއެވެ. އެއީ އެ އޮފީހުގައި މަސައްކަތް ކުރި ދެ ބޭފުޅަކު ޕާކިސްތާނަށް ފޮނުވައިގެން ފޯކާސްޓިންގ ޓްރެއިނިންގ ދިނުމަށް ފަހުއެވެ.

އެންމެ ފުރަތަމަ މެޓް އޮފީހެއް މާލެ އެއާޕޯޓްގައި ހެދިއިރު، ދެ ވަނަ އޮފީހުން ހުންނަނީ އައްޑޫގައެވެ. ތިން ވަނަ އޮފީސް، ހުންނަނީ ކާޑެއްދޫގައެވެ. ކައްދޫގައި، ހަނިމާދޫގައި އެއާޕޯޓް ހެދުމާއެކު މި ތަންތަނުގައިވެސް އޮފީސް ގާއިމް ކުރިއެވެ.

"މިހާރު އެއާޕޯޓް ހަދާ ހުރިހާ ތަނެއްގައި މެޓް އޮފީހެއް ނީންނާނެ، މިހާރު ބޭނުން ކުރަނީވެސް އޮޓޯމެޓިކް ވެދާ ސްޓޭޝަންތައް،" ވާފިރު ވިދާޅުވިއެވެ.

ވާފިރު ވިދާޅުވިގޮތުގައި، އޭނާ އެ ތަނުގައި އުޅުއްވިއިރު އޮޓޯމެޓިކް ވެދާ ސްޓޭޝަންތައް އެހާ ގިނައެއް ނުވާނެއެވެ. އޮޓޯމެޓިކް ވެދާ ސްޓޭޝަންތައް އިތުރުވެގެން ގޮސްފައި ވަނީ 2015ގެ ފަހުންނެވެ.

ކުރިން މެޓް އޮފީހުގައި މޫސުން ބެލުމަށް ސެޓެލައިޓް ރިސީވިންގ އާއި އަޕާ އެޔާ އޮބަޒަވޭޝަން އާއި ރޭޑިއޯ ސަައުންޑް އޮބަޒަވޭޝަން ހުރެއެވެ. އަދި ޓެމްޕަރޭޗަރ، ޕްރެޝަރ، ހިއުމިޑިޓީ މި އެއްޗެއްސަަށް ބަލައި ފޯކާސްޓް ކުރެއެވެ.

"ސާފޭސް އޮބްޒަވޭޝަން، ސާފޭސް ޕްރެޝާ، ޓެމްޕަރޭޗަރ ދެން ކްލައުޑް އޮބްޒަވޭޝްންތައް ބަލައި، މި އެއްޗެހި ހޯދައިގެން، ޑޭޓާ އާއި ހުރިހާ އެއްޗެއް ކަލެކްޓްކޮށްގެން، އެނަލައިޒްކޮށްގެން ފޯކާސްޓް އިޝޫ ކުރަނީ". ވާފިރު ވިދާޅުވިއެވެ.

އައްޑޫއަށް ބޮޑު ވިއްސާރަގަނޑު އައީވެސް އޭނާ ގަމުގައި ހުއްޓާއެވެ. އޭރު އޭނާ ވެސް ހުންނެވީ ޑިއުޓީގައެވެ. އެއީ 1991 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހެވެ. އެ ދުވަހު އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާ ކުރެއްވޭތޯ ބެއްލެވިއެވެ.