ކީޕިން އަޕް ވިތު ކާޑޭޝިއަން ޝޯ އަކީ ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ އެއް ޝޯ ކަމަށް ވާއިރު މިއީ އެއް ޝޯއަކުން އެންމެ ނުފޫޒު ގަދަ މީހުން ގިނައިން ފެންނަ ޝޯކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަބަދުވެސް މީސްމީޑިއާގައި ވަރަށް ގިނަ ޕޯސްޓްތައްކޮށް އުޅޭ ފަންނާނުން ހިމެނޭ މި ޝޯއަކީ ރޭންކިން އަށް ބަލާއިރު އެންމެ ކުރީގައި ހިމެނޭ އެއް ޝޯއެވެ.

ކްރިސް ޖެނާ ނަމަކަށް ކިޔާ އަންހެނަކާ އޭނާގެ ދަރިންގެ ދިރިއުޅުމުގެ މައްޗަށް ގެނެސްދޭ ހަގީގީ ޝޯއެއް ކަމަށްވާ ކީޕިން އަޕް ވިތު ކާޑޭޝިއަންގެ އެންމެ މަޝްހޫރު މޫނުތަކުގެ ތެރޭގައި ޒުވާން ބިލިއަނަރު ކައިލީ ޖެނަ ހިމެނެއެވެ. މީސްމީޑިއާ މެދުވެރިކޮށް އާއްމުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކައިލީ އަށް އެންމެ ފަހުން ހަޖޫ ޖެހީ އޭނާގެ ޝަވަރުގެ ފެން ޕްރެޝަށް ދަށް ވުމުން ޖެހި ޖޯކުތަކާ އެކުގައެވެ.

އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ހަދާފައިވާ ފެން ޝަވަރު ދައްކާލި އިރު އެތަނުގައި ހުރީ އަގުބޮޑު ފިޔާތޮށި ކުލައިގެ މާބްލް ޖަހާފައެވެ. އިންސްޓަގްރާމް މެދުވެރިކޮށް ކައިލީ އޭނާގެ ފާހަނާ ދެއްކުމުން ފޭނުން ވަނީ އޭނާގެ ޝަވަރުގެ ފެން ޕްރެޝަރު ދަށް ކަމަށް ބުނެ އެ ކަމަށް ޖޯކު ޖަހާ މަލާމާތްކޮށްފައެވެ. އޭނާ އަށް މަލާމާތްކޮށް އެތައް ސަތޭކަ މީމްއެއް ވެސް މިކަމާ މެދު މީސްމީޑިއާގައި ވަނީ ދައުރުކުރަން ފަށައިފައެވެ.

މި ވީޑިއޯތަކުގެ ޖަވާބު ކައިލީ ދިނީ އޭނާ ހިއްސާކުރި އާ ފޮޓޯ އަކާ އެކުގައެވެ.

" ތިމީހުން ގޮތެއް ނޭނގެ އަހަންނަކީ މުއްސަންޖެއް" މިިއީ ކައިލީގެ ފޮޓޯގެ ކެޕްޝަންގައި ލިޔުނު ލިޔުމެވެ. އޭނާ މިގޮތަށް ލިޔެފައި މިވަނީ ކައިލީ އެހާ މުއްސަނދި އިރު ޝަވަރުގެ ޕްރެޝަރު ރަނގަޅު ކޮށްލެވޭހާ ފައިސާ ނެތީތޯ ސުވާލުކޮށް މީހުން ކުރި މަލާމާތަށް ރައްދު ދީކަމަށް ބެލެވެއެވެ. އަދި މިއީ އެފަދަ ޖޯކުތަކުން ކައިލީ ފަހަތަށް ނުޖެހޭނެކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސް މަޖައްލާތަކުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު