ޑިޕްރެޝަން އަދި އެންޒައިޓީ ހުންނަ މީހުންނަށް ބޮޑަށް އުނދަގޫވަނީ ކަންކަމަށް ސަމާލުކަން ދިނުމަށެވެ. އަދި ނިދުމާއި ކެއުމުގެ އާދަތަކުގެ ސަބަބުން ވެސް ސަމާލުކަން ދޭ މިންވަރު ވަރަށް ބޮޑަށް ބަދަލުވެއެވެ. ދުނިޔޭގައި ނުރައްކާތެރި ބަލިމަޑު ކަމެއް ފެތުރި އާންމު ދިރިއުޅުމަށް ބޮޑު ބަދަލެއް އައުމުން ނޭނގި ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ ތަހަންމަލް ކުރާ މީހުން އިތުރަށް ހާސްވުމާއި ކަންބޮޑުވުމަކީ ވެދާނެ ކަމެކެވެ.

އެގޮތުން އެއް މިންވަރަކަށް ސަމާލުކަން ނުދެވުމާއި ރަނގަޅަށް މަސައްކަތް ކުރަން އުނދަގޫވުމާއި ބައެއް ދުވަސް ދުވަހު އާދަޔާ ޚިލާފަށް މަސައްކަތް ކުުރުމަކީ ވެސް ވެދާނެކަމެވެ. މިއީ މޫޑަށް އަންނަ ބަދަލަކުން އެކަނިވާ ކަމެއް ނޫނެވެ. ތިމާގެ ގާތް އެކުވެރިޔަކު ނޫނީ އާއިލާ މީހަކު މިފަދަ ކަމެއް ތަހައްމަލު ކުރާ ނަމަ އެހީވާށެވެ. އޭނާގެ ހާލު ގިނަގިނައިން ބަލާ، އެކުގައި ވަގުތު ހޭދަ ކުރެވޭނަމަ ވީހާވެސް ބޮޑަކަށް އެފަދަ މީހަކަށް ވަގުތު ދޭށެވެ.

އެހެނީ ބަލިމަޑުކަމެއް ފެތުރެމުން ދާނަމަ މިފަދަ މީހުން ތަހައްމަލް ކުރާ ކަންކަން ގޯސް ވާން ފުރުސަތު އޮތުމެވެ. ކަމަކާ ނުލާ ދެރަވުމާއި، އާދަޔާ ޚިލާފަށް އެކަނިވެރިވުން އިހުސާސް ވުމަކީ މި ހާލަތުގައި ވަރަށް އާއްމު ކަމެކެވެ. ޚާއްސަކޮށް މި ބަލިމަޑު ކަމުން އަރައިގަނެވި އާއްމުން ހާލަތަށް ރުޖޫއަވާނެ ވަގުތެއް ނޭނގުމަކީ އެފަދަ މީހުންގެ ކަންބޮޑުވުން އިތުރުވާނެކަމެވެ.

އެންޒައިޓީ ނޫނީ ޑިޕްރެޝަން ހުންނަ މީހެއްގެ ރަހުމަތްތެރިއެއް ނޫނީ އާއިލާ މީހެއް ނަމަ މިވަގުތު ބަލަންވީ އޭނާ ހުރީ އެކަނި ނޫންކަން އިހުސާސްކޮށްދެވޭތޯއެވެ. އޭނާ އަކީ މުހިންމު މީހެއް ކަމާއި އޭނާ އަށް ކުރެވޭ އިހުސާސްތަކަކީ މުހިންމު އިހުސާސްތަކެއްކަން ބުނެދޭށެވެ. ހަމައެހެންމެ އާއިލާ އާއި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންނަކީ މިފަދަ ބަލިތައް ގަބޫލުކުރާ ބަޔަކަށް ނުވާ ނަމަ ޑިޕްރެޝަން އާއި އެންޒައިޓީ ހުންނަ މީހުންނަށް ދިމާވާ ތަކުލީފުތައް އިތުރަށް ބޮޑުވާނެއެވެ. އެހެންކަމުން ގާތް މީހަކަށް ދެރަ ގޮތެއް ވުމުގެ ކުރިން މި ހާލަތަކީ އެ މީހުންނަށް ތިމާގެ ބޭނުން ޖެހިފައިވާ ހާލަތެއްކަން ދަނެ އެ މީހުންނާ އެކުގައި ވާށެވެ.

ކިޔުންތެރިންގެ ހިޔާލު