އިއްޔެއަކީ ދުނިޔޭގައި ފާހަގަ ކުރަމުންދާ ދުންފަތަށް ނޫނެކޭ ބުނުމުގެ ދުވަހެކެވެ. މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ދުންފަތުގެ އިސްތިޢުމާލު ކުރެވެނީ ކިހާވަރަކަށްކަން ބަލާލަންޖެހެއެވެ.

މިގޮތުން ބަލާއިރު، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ހަތް ބައިކޮށްފައި އެއްބަޔަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ. މީގެ މާނައަކީ ދުނިޔޭގައި ގާތްގަނޑަށް އެއް ބިލިޔަނެއްހާ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އުޅޭކަމެވެ.

ތަފާސް ހިސާބުތަކަށް ބަލާލާއިރު، ދުނިޔޭގައި އެންމެ ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އުޅޭ ޤައުމަކީ ޗައިނާއެވެ. ޗައިނާގެ އާބާދީގެ 1،3 ބިލިޔަން މީހުންގެ ތެރެއިން 315 މިލިޔަން މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. މިދިޔަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން ޗައިނާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. މިއީ ކުޑަ ކުދިންނާއި އަންހެނުނާއެކުއެވެ.

ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި އާބާދީގެ ނިސްބަތުން އެންމެ ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރަނީ އިންޑޮނޭޝިޔާގައެވެ. އެޤައުމުގެ އާބާދީގެ 76 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އަދި ސިނގެރޭޓް ބޭނުން ކުރާ މީހުންގެ 80 އިންސައްތައަކީ ފަގީރު އަދި ކުރިއަރަމުން އަންނަ ޤައުމުތައްކަން ފާހަގަކޮށްލަން ޖެހެއެވެ.

ދުންފަތް ހައްދާ ފަރާތްތަކަށް ބަލާލާއިރު، އަހަރެއްގެ މައްޗަށް ސިނގެރޭޓް އުފައްދާ ކުންފުނިތަކަށް ފައިދާގެ ގޮތުގައި 680 ބިލިޔަން ޑޮލަރު ލިބެއެވެ. ދުންފަތް ހައްދާ އެ އެކްސްޕޯޓް ކުރާ ޤައުމުގެ އެންމެ ކުރީގައި އޮތީ ދުންފަތުގެ އިސްތިޢުމާލް އެންމެ ގިނައިން ކުރާ ޗައިނާއެވެ.

އަހަރެއްގެ މައްޗަށް އާއްމުކޮށް 5.7 ޓްރިލިއަން ސިނގެރޭޓްގެ ބޭނުން ކުރެވޭއިރު، މިނެޓް އެއްގެ މައްޗަށް ގާތްގަނޑަކަށް 11 މިލިޔަން ސިނގެރޭޓް ބޮވެއެވެ. މިއީ މިކަމާ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސިނގެރޭޓްއަކީ ސިއްޙަތަށް އެތައް ގެއްލުންތަކެއް ދޭ އެއްޗަކަށް ވާއިރު، ތިމާގެ އަތުން އަމިއްލަ ނަފްސް ގެއްލުމެއްގެ ތެރެއަށް ވައްޓާލުމަކީ ގަޅި ކަމެއްކަން ކޮންމެ މީހަކުވެސް ޤަބޫލު ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު