ފިރިހެން ކުދިންގެ އަންހެން ރައްޓެހިން އާދަޔާ ހިލާފަށް ގިނައިން ތިބޭ ކަމަށްވާ ނަމަ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅޭ އަންހެން ކުއްޖާ އާ ސީރިއަސް ނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ދިރިއުޅޭ ޑޭޓިން ކޯޗެއްކަމަށްވާ އަނާ ދާދި ފަހުން ވަނީ ބުނެފައެވެ.

އަނާއަކީ އަންހެން ކުދިން ބާރުވެރިކޮށް އެންމެ ފުރިހަމަ ފިރިހެން ބައިވެރިއެއް ހޯދައިދިނުމުގައި އެހީތެރިވެދޭ ޓީޗަރެކެވެ. މި މައްސައްކަތް ކުރުމަށް އަނާ ވަނީ ސްކޫލް އޮފް އެފްލުއެންސްގެ ނަމުގައި ސްކޫލެއްވެސް ހުޅުވައިފައެވެ.

ޑޭޓިންގް ކޯޗް އަނާ ބުނީ ތިމާ ރައްޓެހިވެގެން އުޅޭ ފިރިހެން ބައިވެރިޔާގެ އަންހެން ރައްޓެހިން މާގިނައިން ތިބޭ ނަމަ އޭނާ ތިމާ ދެކެ އެހާ ލޯބި ނުވާ ކަމަށެވެ. އަދި އެ ފިރިހެން ކުއްޖާ ތިމާއާ މެދު ޝައުގުވެރިކަން ގެއްލިފައިވާ ކަމުގެ ހެކިތައް އަނާ ވަނީ ކިޔައި ދީފައެވެ.

މި ވާހަކަތަކަށް ދިއުމުގެ ކުރިން އަނާ ބުނެފައި ވަނީ ފިރިހެން ކުދިންނަކީ އަބަދުވެސް މިނިވަން ކަމާ އެކު އުޅެން ލޯބި ކުރާ ބަޔަކަށް ވާއިރު، އޭނާގެ މިނިވަން ކަމަށް މާ ބޮޑަށް ބާރު ފޯރުވައި، ހިފަހައްޓައިގެން ގެންގުޅޭ ނަމަ އެމީހުން ވަރަށް އަވަހަށް ފޫހިވާނެއެވެ. އަދި މިފަދައިން އަމަލު ނުކުރުމަށް އެދި އަނާ ބުނެފައި ވަނީ އެމީހުންނަށް ކަންކަން މަނާކޮށް ހިފެހެއްޓުމުގެ ބަދަލުގައި ނުސީދާ ގޮތަކަށް ތިބާ ހިތްހަމަނުޖެހޭ ކަން ފާޅު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭރުން ރަނގަޅު މީހެއް ނަމަ ވިސްނޭނެކަން އަނާ ފާހަގަކުރިއެވެ.

އަންހެން ރައްޓިހެން ގިނަ ވުމަކީ ފިރިހެން ކުއްޖާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއާ މެދު އޭނާ ދެކޭ ނަޒަރު ބަދަލުކޮށްލާ ކަމެއްކަމުން ތިރީގައި މިވަނީ މިފަދަ ހާލަތެއްގައި ފިރިހެން ކުއްޖާގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ. މިސިފަތައް ފެނިއްޖެ ނަމަ ފިރިހެން ކުއްޖާ ސީރިއަސް ނުވާނެ ކަން ޔަގީން ކުރުމަށް އަނާ ވަނީ ހުރިހާ އަންހެން ކުދިންނަށް ނަސޭހަތްތެރިވެފައެވެ.

1. އާންމުކޮށް ރާވާފައިވާ ކަންކަން ފަސްކުރުން ނުވަތަ ކެންސަލް ކޮށްލުން

ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާއަކީ ދެ މީހުންގެ ދެމުދުގައި ރާވާފައިވާ ރޭވުންތައް އާއްމުގޮތެއްގައި ފަސްކުރާ މީހެއް ނަމަ ނުވަތަ ކެންސަލް ކުރާ މީހެއް ނަމަ އެ ދެމެދުގައިވާ ގުޅުން އިސާހިތަކު ހީނަރުވެގެން ދާނެ ކަމަށް އަނާ ބުނެއެވެ. އަދި މިއީ އަންހެން ކުއްޖާ ދެކެ ފިރިހެން ކުއްޖާ ފޫހިވާން ފަށާ ހިސާބު ކަމަށް ވެސް އަނާ ބުނެއެވެ.

2. އަބަދު ތަޅާފޮޅުން

ރައްޓެހިވެގެން އުޅޭ ދެ ބައިވެރިންގެ މެދުގައި މައްސަލަތައް އާދަޔާ ހިލާފަށް ގިނަވެ، މައްސަލަތައް ހައްލު ނުކުރެވި ދިގުލައިގެން ދިއުމަކީ ފިރިހެން ކުއްޖާ އެހެން ކުއްޖެއް ދެކެ މާ ލޯބިވާކަމުގެ ހެއްކެއް ކަމަށް އަނާ ބުނެއެވެ. އަދި އެ ދެމެދުގައި ސުލްހަ ނުވެވި ހަމަނުޖެހުންތައް ގިނަވުމަކީ އެ ގުޅުން މާގިނަ ދުވަހަށް ދެމި ނޯންނާނެ ކަމެއްގެ ގޮތުގައި އަނާ ސިފަ ކުރެއެވެ.

3. އެހެން އަންހެން ކުދިންނާ ވާހަކަ ދެއްކުން

މިއީ މައްސަލަތައް ފެންމަތިވާ ހިސާބު ކަމަށް އަނާ ބުނެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ އެހެން އަންހެން ކުދިންނާއި މާ ގިނައިން ވާހަކަ ދެއްކުމަކީ ތިމާ ދެކެ ލޯބިވާ މިންވަރު ކުޑަކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ.

4. ބައިވެރިޔާއާ ވާހަކަ ނުދައްކާ ގިނަ ވަގުތު ހޭދަކުރުން

ބައިވެރިޔާއާ ވާހަކަ ނުދައްކާ ގިނަ ވަގުތު އަނާ އަށް ގަބޫލެއް ނުކުރެއެވެ. އަނާ ބުނީ މިއީ އަންހެން ކުއްޖާ މަތިން އޭނާ ފޫހިވުމުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އަދި ކަމެއް ސިއްރުކުރާ ނަމަވެސް މިފަދައިން އަމަލުތައް ހުންނާނެ ކަމަށް އޭނާ ސިފކޮށްފައިވެއެވެ. އަނާ އިތުރަށް ބުނެފައި ވަނީ ބިޒީއޭ ކިޔާ އަބަދު ކޮންމެވެސް އުޒުރެއް ދެއްކުމަކީ ލޯބި ނުވާ ކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި ސިފަތައް މައިގަނޑު ގޮތެއްގައި ފެންނަ ނަމަ އެއީ ފިރިހެން ކުއްޖާ އަންހެން ކުއްޖާ ދެކެ ލޯބި ނުވާ ކަމެއް ކަމަށާއި ހާއްސަކޮށް އަންހެން ރަހްމަތްތެރިން ގިނަ ވެއްޖެނަމަ އެއީ ނުރައްކަލެއް ކަމަށް އަނާ ވަނީ ބުނެފައެވެ.

އަންހެން ކުއްޖެއް ނަމަ ކަންކަމާ ޝަކުވާކޮށް، ރޮއި ހެދުމުގެ ގޮތެއްވެސް ހުންނާނެއެވެ. ނަމަވެސް، ތިބާގެ ލޯބިވެރިޔާގެ ހާލަތާ މެދު ވިސްނައި ކަން ކުރަން ޖެހޭ ގޮތް ފުރަތަމަ ދަނެގަންނާށެވެ. އޭރުން ލޯބިވެރިޔާ ކުރާތީ ނުވަތަ ލޯބި ނުވާތީ އުޅޭކަށް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޫހި

    ފޫހި