ކައިވެނި ކޮށްގެން އުޅުނު އަނބިމީހާ ދޫކޮށް ދިއުމުން އައި ރުޅީގައި އިންޑިއާ މީހަކު އޭނާގެ ގާތް 18 އަންހެނަކު މަރާލައިފިއެވެ.

ފުލުހުން ބުނީ، އިންޑިއާގެ ހައިދްރަބާދުގައި، އެ ފިރިހެން މީހާ މަރާލާފައި ވަނީ އޭނާ އާއި ގާތް ގުޅުމެއް ބާއްވަމުން އައި އަންހެނުން ކަމަށެވެ. އޭނާ މިވަގުތު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނެފައިވަނީ މި މައްސަލަތަކުގެ އިތުރުންވެސް އޭނާ މީގެ ކުރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ އެންމެ ފަހުން މަރާލާފައިވަނީ ހަމަ އެ ސަރަހައްދަގައި ދިރިއުޅެމުން އައި ވެންކަޓައްމާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ މަރާލުމަށްފަހު އެ ފިރިހެން މީހާ ވަނީ އަންހެން މީހާގެ މޫނު ވަކި ކުރަން ނޭނގޭ ވަރަށް އަންދާލާފައެވެ. އެއީ ކާކުކަން ހޯދުމަށް ފުލުހުން ވަނީ 20 ދުވަހުގެ ތަހުގީގެއް ހިންގާފައެވެ.

ފުލުހުން ބުނީ، އޭނާ މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 21 މައްސަލައަކާއި ގުޅިގެން ކަމަށެވެ. އޭގެ ތެރޭގައި 16 މަރުގެ މައްސަލައެއް ހިމެނޭއިރު، ބައެއްގެ ތަންތަނަށް ގެއްލުން ދިން ކަމުގެ ހަތަރު މައްސަލައަކާއި އަދި ފުލުހުންގެ ބަންދުގައި ހުރެ ފިލި މައްސަލައެއް ހިމެނެއެވެ.

އޭނާ އެންމެ ފުރަތަމަ އެފަދަ ކަމެއް ކުރަން ފަށާފައިވަނީ 2003 ވަނަ އަހަރުއެވެ. އޭރު އޭނާ ވަނީ ހުސްކޮށް ތިބޭ އަންހެނުންނަށް ލާރި ދީގެން ޖިންސީ އެދުން ފުއްދުމާއިގެން އުޅެފައެވެ. އަދި އޭނާ ބޭނުންވާ ކަމެއް ކޮށް ނިމުމުން މަސްތުވާތަކެތިދީ މަރާލައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ އެންމެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ އުމުރުން 21 އަހަރުގައެވެ. އެހެން ނަމަވެސް ދުވަސްކޮޅެއް ނުވަނީސް އޭނާ ކައިވެނި ކުރި އަންހެން މީހާ ވަނީ އެހެން ފިރިހެނަކާއި އެއްކޮށް އޭނާ ދޫކޮށް ގޮސްފައެވެ. އޭގެ ފަހުން އޭނާ އަންހެނުންނަށް ވަކި ހާއްސަކޮށް ނަފްރަތު ކޮށްގެން ކުރާ ކަމެއް ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު