އަހަރެން ދޫކޮށްލާފައި ދިއުމުން މުޅި ދުނިޔެ ނިމުނީއޭ އަހަންނަށް ވިސްނުނެވެ. އަހަރެންގެ ދިރިއުޅުން މިހިސާބުން ނިމުނީ ކަމަށާއި އިތުރަށް ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށް ވިސްނުނެވެ. އަހަރެން ތިބާއާ އެކުގައި ވީއިރު އަހަރެންގެ ހުރިހާ ކަމެއް ދޫކޮށްލާފައި ހަމައެކަނި ތިބާގެ ބައިވެރިއާ ކަމުގައި ހުރެދިނީމުއެވެ.

ތިބާ އަހަރެން ދޫކޮށްފަ ދިއުމުން އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭރު އަހަރެން ހީކުރީ އަހަރެން ދިރިއުރުމުގެ މާނައެއް ނެތްކަމަށެވެ. ތިބާ އަކީ އަހަރެންގެ ހަޔާތަށް އުފާވެރިކަން ގެނެސްދީ އަހަރެންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭން އެނގުނު ފުރަތަމަ މީހާވެސްމެއެވެ. ނަމަވެސް އެދުވަސްތައް ނިމި އެދިޔައީއެވެ.

ތިބާ އެނބުރި އާދޭތޯ އަހަރެންގެ ގިނަ ވަގުތު ރޮއި ހޭދަ ކުރި ދުވަސްތައް އަހަރެންގެ ހަނދާނުން ފިލައިގެން ނުދެއެވެ. އަހަރެން ހުރިހާ ކަމެއް ގުރުބާން ކޮށްގެންވެސް ތިބާގެ އަޑު އަހާލާ ތިބާގެ މޫނު އަދި އެއްފަހަރު ނަމަވެސް ދެކިލަން ބޭނުންވިއެވެ.

އަހަންނަކީ މޮޔަވެގެން އުޅޭ މީހެކޭ ވެސް ހިތައް އަރާނެއެވެ. އަހަރެން އެކަން ގަބޫލުވެސް ކުރަމުއެވެ. އެކަމަކު ކުރާނީ ކީތް ހެއްޔެވެ. މިއީ އޭރު އަހަރެންގެ ކަންތައް ހުރި ގޮތެވެ. އޭރު އަހަރެންގެ ނަފްސަށް ފާއިދާ ހުރި އެއް ކަމެއްވެސް އަހަރެން ނުކުރަމެވެ. ސަބަބަކީ އަހަރެން ތިބާއާ ދޭތެރޭ ވިސްނުން ނޫން އެހެން އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީއެވެ.

ތިބާގެ މޮޅު ހިޔާލީ ފޮނި ވާހަކަތައް އަބަދު ހެން ސިކުނޑީގައި އެނބުރެމުން ދެއެވެ. އަހަރެން ނިދުނަސް ހުވަފެނުގައި ފެންނަނީ ތިބާ އާއި އެކީ އުފާ ވެރިކަމާ އެކީ އުޅޭ މަންޒަރުތަކެވެ. ތިބާ އަހަންނާ ވަކިވެގެން އެދިޔަ ގޮތް އިއްސާސް ވެ އަހަރެންގެ ކުރިމަގު އުޖާލާކޮށް ކުރިއަށްނުދެވޭނެ ކަން އަހަރެންގެ ޒަމީރު އަހަންނަށް ވިސްނުވަ ދިނެވެ.

އޭރު އެކަމައް އަލިމަގެއްވެސް އަހަންނަކަށް ނުފެނެއެވެ. އެ އަޑިގަނޑުން އަރައިގަންނަން އޭރު ކައިރީ އުޅުނު ރައްޓެހިންގެ ވެސް ހިތްވަރެއް ނުލިބުނެވެ. އާއިލާގެ ފަރާތުން ވެސް ލިބުނީ މަލާމާތުގެ ބަސްތަކެވެ. އަހަންނަށް ގަބޫލު ކުރެވުނީ އަހަރެން ނޭވާލާ ހިނދަކު އަހަރެން އުޅެން ޖެހޭނީ މި ހިތްދަތި ކަމުގައި ކަމެވެ.

ނަމަވެސް ކަންތައްތައް އަހަރެންގެ ދިިިރިއުޅުމުގައި ވެގެން ދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އެ ހިތްދަތިކަން މިހާރު އަހަރެންނަކަށް އިހްސާސް އެއް ނުވެއެވެ. މިހާރުވެސް އަހަރެން ތިބާ މަތިން ހަނދާންވެއެވެ. ނަމަވެސް ތިބާއާ ނުލާ ނޫޅެވޭނެ އޭ ހިތަކަށް ނާރައެވެ. އެހިސާބުން ފެށިގެން އަހަންނައް ތިބާ ނެތަކަސް އުފަލުގައި އަހަންނަށް އުޅެވިދާނެކަން އަހަރެންގެ ޒަމީރު އަހަންނަށް ވިސްނައިދިނެވެ. މިއަދު ނޫނީ މާދަމާ އަހަރެން ހަމަޔަކަށް އެޅޭނެކަން އަހަންނަށް ޔަގީން ވެގެން ދިޔައެވެ.

އަހަރެންގެ ދިރިއުޅުމުން ތިބާ ދިއުން އެއީ އަހަންނައްޓަކައި ތިބާ ކޮށްދިން ރަނގަޅު ކަމެއްކަން އަހަންނަށް ވެސް ވިސްނުނެވެ. ތިބާގެ ގިނަ ހަގީގަތްތަކެއް އަހަންނަށް ވެސް އެނގިގެންދިއުމާ އެކީގަވެސް މެއެވެ.

ތިބާއަކީ އަހަންނަށް ދިރިއުޅުމުގައި ކުރެވުނު ވަރަށް ވެސް ބޮޑު ތަޖްރިބާއެކެވެ. އަހަރެންގެ ދިރިއުޅުން ތިބާއާ ނުލާ ނޫޅެވޭނެ ކަމާ އަހަރެންގެ ހަޔާތް ތިބާ ދިއުމުން ނިމިގެން ދިޔައީ ކަމައް އަހަންނަށް ވިސްނިފަ އޮތް ގޮތުން އެއީ މުޅިންވެސް މޮޔަ ވިސްނުމެއް ކަން އަހަންނަށް ވިސްނުނެވެ.

އަހަރެން ޒިންމާދާރު އަންހެނަކަށް ވީ އަހަރެން ތިބާ ދެކެވީ ލޯތްބަކުން ނޫން ކަން އަހަންނަށް ވިސްނުނެވެ.ތިބާގެ ފަރާތުން އެތައްކަމެއް ދަސް ވެސްވިއެވެ. ނޭނގޭ އެތައްމެ ކަމެއްވެސް އެނގިގެންދިޔައެވެ. މައުލޫމާތުގެ ހަޒާނާ ވަރަށް ވެސް މުއްސަންދި ވެގެންދިޔައެވެ. ތިބާ އަށް އެކަންތަކުގައި ޝުކުރުވެރިވެސް ވަމުއެވެ.

ތިބާގެ ފޮނި ފޮނި ވާހަކަތަކުގެ ޖާދޫގައި ތިބާއަހަރެން ޖެއްސުވީމުއެވެ. އެކަމަކު ތިބާ އަހަރެންގެ ދިރިއުޅުން ހަލާކުކޮށް ނުލަމުއެވެ. ތިބާ އަހަންނަކަށް ގެއްލުމެއް ނުދެއެވެ. އަހަންނަށް ކުރީކޮޅުގައި އެހެންމީހެއްދެކެ ތިބާދެކެވީ ލޯބި ނުވެވޭނެ ކަމަށް ހީކުރެވެއެވެ.

ތިބާ ދިއުމަށްފަހު އެހެން ދެވަނަ މީހަކާ ތިބާއާ މެދު އުފެދުނު ގުޅުމެއް ނުބޭއްވިދާނެ ކަމާއި ތިބާ އާއި މެދު ބޭއްވުނު ގާތްކަމާއި ތިބާއަށް ކުރެވުނު އިތުބާރު ނުކުރެވޭނެ ކަމުގެ ބިރު ހީވާން ފެށިއެވެ. ތިބާ އަހަންނަށް ހަދާލި ގޮތް އެހެން މީހުންވެސް ހަދާނެއޭ ވިސްނެއެވެ. ތިބާ އަހަރެން ދޫކޮށްފަ ދިއުމުން އެ ހިތްދަތި ވޭނީ ދުވަސް ތަކުން އަހަރެން ސަލާމަތްވެފަ ހުއްޓާ އަނެއްކާ ވެސް އެފަދަ ކަމެއް ދެން ދިމާވާ މީހެއްގެ ފަރާތުން ވެސް ވެދާނެ ބިރު އަދިވެސް އަހަރެންނަށް އޮވެއެވެ.

ކޮންމެ ގޮތެއްވިޔަސް ތިބާގެ ފަރާތުން ލޯބި ވުމަކީ ކިހިނެތްވާ ކޯއްޗެއްކަން އަހަންނަށް ދަސްވެގެންދިޔައެވެ. އޭގެ ސަބަބުން ލިބޭ ހިތްދަތިކަމާ ކެކުޅުން ތަކުން ސަލާމަތް ވާން ވަގުތު އަހަރެން އަހަންނަށް ދޭންޖެހޭ ކަންވެސްމެއެވެ. ތިބާ ހުއްޓަސް ނެތަސް އަހަރެން ދިރިއުޅުމައިގެން އަހަރެން ދާންޖެހޭ ކަމެވެ. ތިބާ އަހަންނަށް ދަސްކޮށް ދިނީ އެއްވެސް މީހަކަށް އަހަރެންގެ ހަޔާތާ ކުޅެން ފުރުސަތު ދީގެން ނުވާނެކަމެވެ.

ތިބާ އަހަރެން ދެކެ ލޯބި ނުވިކަމުގަވީ ނަމަވެސް އަހަރެންގެ އަމިއްލަ ނަފްސު ދެކެ އަހަރެން ލޯބި ނުވި ވަރަކަށް އެހެން މީހަކު ނުވާނެ ކަން އަހަންނަށް ބުނެދިނީމުއެވެ. އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިއަކީ ހުދު އަހަރެން ކަމުގައި ހަދަން ޖެހޭ ކަން ތިބާ އަހަންނަށް ވިސްނައިދީފީ މުއެވެ.

އާއެކެވެ ! ހަގީގީ ލޯތްބަށް އެއީ ވާ އެއްޗެއްކަން ގަބޫލު ކުރަން އަހަންނަށް ވަރަށްވެސް އުނދަގޫ އެއްޗަކަށް ތިބާ ހަދާލީމުއެވެ. ނަމަވެސް އަދިވެސް އަހަރެން އުންމީދު ކަނޑާނުލަމެވެ. އަހަރެން ކަންކަމުގައި ގެންގުޅޭ އަޒުމްގައި ތިބާ ކުޅެލީމުއެވެ އެހެނަސް އަހަރެންނަކީ ކެރިގެން ކަންކަމާ ކުރިމަތިލާން ފަސްޖެހޭނެ މީހަކަށް ތިބާ އަހަރެން ނަހަދަމުއެވެ.

އާއެކެވެ! ތިބާ އަހަރެންގެ ވަރަށް ގިނަ ކަންތަކަށް ބަދަލު ގެނެވުއީމެވެ. އެބަދަލުތަކާ އެކީ އަހަރެން މިހާރު ވެސް ހުރީ ހަމަ އެގޮތުގައެވެ.

އަހަރެން ކިތަންމެ ރުޅި އައެއް ކަމަކު އަހަރެން އެއްވެސް ގޮތަކުން ތިބާއަކަށް އެއްވެސް ދެރައެއް ގެއްލުމެއް ލިބުމަކަށް ނޭދޭނަމެވެ.

އާއެކެވެ! ތިބާ އަހަންނަށް ހިތްދަތިކަން ދިނީ މުއެވެ. އެ ހިތްދަތިކަމުން އަހަރެން ސަލާމަތްކުރާނަމެވެ. އެއްވެސް ޝައްކެއް ނެތެވެ. ތިބާ އަހަރެން ހިތްކުދިކުދި ކުރީމުއެވެ. އެކަމަކު ތިބާ އަހަރެން ހަލާކުގެ ތެރެއަށް ވައްޓާ ނަޖިސްކޮށް މުޖްތަމައުގެ ތެރޭގައި އަހަރެންގެ ނަން ވެއްޔާ މޮޑެނުލަމުއެވެ. އެއީ މިއަދު އަހަރެންގެ ކުރިއެރުމުގެ ވެސް އެންމެ ބޮޑު އެއް ސިއްރެވެ. އަހަރެންގެ ކާމިޔާބުވެސްމެއެވެ.