ކަޅު ސައި ނުވަތަ ބްލެކް ޓީ އާއި، ގްރީން ޓީ އަކީ އެންމެން ދަންނަ، ގިނަ ބަޔަކަށް ކަމުދާ އެއްޗެއްވެސްމެއެވެ. ހަމައެހެންމެ، އެއީ އެތައް ފައިދާތަކެއް ލިބޭ، އަގުހެޔޮ ބުއިންތަކެއްވެސްމެއެވެ.

އެހެންނަމަވެސް، ސައިގެ ބާވަތްތަކުގެ އެންމެ އާއްމު ދެ ބާވަތްކަމުގައިވާ ބްލެކް ޓީ އާއި ގްރީން ޓީގެ އިތުރުން، އެހެން ޓީއެއްވެސް ވަނީ އެތައް ބައެއްގެ ހިތުން ޖާގަ ހޯދާފައެވެ. އެއީ ބްލޫ ޓީއެވެ.

ބްލޫ ޓީ އަކީ ބަޓަރފްލައި ޕީ ފްލަވަރ އިން އުފައްދާ ބުއިމެކެވެ. މި މަލަކީ ރާއްޖެއިންވެސް އާއްމުކޮށް ފެންނަ އަދި ރާއްޖޭގައި ހެދޭ ބާވަތެއްގެ މަލެކެވެ. އެހެންނަމަވެސް، މި މަލުން ސައި އުފައްދަން ފަށާފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގައެވެ.

ކަމުގެ ބައެއް މާހިރުން، މި ސަޔާ ބެހޭގޮތުން ބުނެފައިވަނީ މިއީ އެތަކެއް ޞިއްޙީ ފައިދާތަކެއް ލިއްބައިދޭނޭ ބާވަތެއްކަމަށެވެ. އެގޮތުން، މި ބުއިމުގައި އެއްވެސް މިންވަރަކަށް ކެފެއިން އެކުނުލެވޭކަމަށްވެސް އެފަރާތްތަކަށް ބުނެފައިވެއެވެ.

"ޓީބޮކްސް" ކުންފުނީގެ ސީއީއޯ ބުނެފައިވަނީ ބްލޫ ޓީގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓް އެކުލެވޭކަމަށެވެ. އެހެންކަމުން، މިއީ ޞިއްޙީ އެތައް ފައިދާތަކެއް ލިއްބައިދޭނޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ، މިއީ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރުންވެސް ރަނގަޅު އެއްޗެއްކަމަށް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުން ހަންގަނޑަށާއި އިސްތަށިގަނޑަށްވެސް އެތައް ފައިދާތަކެއް ލިބޭކަމަށް ބުނެފައިވާއިރު، ސްޓްރެސް އާއި އެންޒައިޓީއާވެސް، ބްލޫ ޓީގެ ސަބަބުން ދުރުވާނެކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު