ދުނިޔޭގެ 71 އިންސައްތައަކީ ކަނޑެވެ. އަދި ދުނިޔޭގެ ހަމުތަކުގެ އެެވްރެޖު އާމްދަނީގެ 60 އިންސައްތަ ހިއްސާކުރަނީވެސް ކަނޑުން ލިބޭ ނިއުމަތްތަކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއްކަމުގައި ކަނޑުވީ ހިނދު އެތަންތަނަށް ފަރުވާ ބެހެއްޓުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ވަރަށްވެސް ބޮޑު މަސްއޫލިއްޔަތެެއްކަން ކަށަވަރެވެ.

ކަނޑަށް ލިބެމުންދާ ގެއްލުންތަކާއި އިންސާނީ އަމަލުތަކުގެ ސަބަބުން ކަނޑަށް ލިބެމުންދާ ގެއްލުންތަށް އެންމެ ގާތުން ފެންނާނެ އެއްބަޔަކީ ފެތުންތެރިންނާއި ޑައިވަރުންނެވެ. އެގޮތުން ކަނޑަށް ލިބެމުންދާ ގެއްލުންތަށް އެ ފަރާތްތަކުގެ ވާހަކަ ރެޔާއި ދުވާލު އެފަރާތްތަކުން ދަނީ ދައްކަމުންނެވެ.

އެގޮތުން ކަނޑަށް ލިބެމުންދާ ގެއްލުންތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ވާހަކަ އެންމެ ހަރުކޮށް ދައްކާ އަދި ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހޯދައިފައިވާ އެއް ފަރާތަކީ މަޝްހޫރު ފެތުންތެރިޔާ ލެކޮމިޓް އެވެ. އުމުރުން 51 އަހަރުގެ ބެން އަކީ އޭނާގެ އުމުރުން 14 އަހަރުން ފެށިގެން ރަސްމީ ސިފައެއްގައި ފަތަމުންގެންދާ ފެތުން ތެރިއެކެވެ. އަދި އޭނާއަކީ މީގެ ކުރިން އެތްލާންޓިކް ކަނޑުގެ ދެބައިކުޅަ އެއްބައި ފަތާފައި ހުރަސްކޮށް ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދައިފައިވާ މީހެކެވެ.

މިހާރު އެތްލާންޓިކް ކަނޑު ފަތާފައި އެއްކޮށް ކަޑައްތު ކުރުމުގެ މަސައްކަތް ކުރަމުންދާ ލެކޮމިޓް ބުނި ގޮތުގައި އޭނާ އެޓްލާންޓިކް ކަނޑު ފަތާފައި ހުރަސްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަނޑަށް ލިބެމުންދާ ގެއްލުންތަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެވުމަށް ކަމަށެވެ.

" އަހަރެން އެޓްލާންޓިކް ކަނޑު ފަތާފައި ހުރަސް މިކުރަނީ ކަނޑަށް ލިބޭ ގެއްލުމާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކުރުން. އަހަރެން އާދޭހާއި އެކު އެދެން މޫދަށް ކުނި ނޭޅުމަށް. ފަރުތަކަށް ގެއްލުން ނުދިނުމަށް. އެއީ އެކަމުގެ ސަބަބުން އަހަރެމެން ފަހުން ހިތާމަކުރަން ޖެހިދާނެތީ" ލެމޮޓިކް ބުނެފައިވެއެވެ.

އެޓްލާންޓިކް ކަނޑު ހުރަސްކުރުމަށް ލެމޮޓިކް ކޮންމެ ދުވަހަކު 8 ގަޑިއިރު މޫދުގައި ހޭދަކުރެއެވެ.