އިންޑިއާގެ މަހަރާޝްތުރާގެ ނާލާސޮޕާަރާގައި ހަނޑޫ އުފައްދުމުގެ ކުޑަކުޑަ ވިޔަފާރިއެއް ކުރަމުންދާ ގަންޕަތު ނައިކް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހަކަށް ކަރަންޓް ބިލު ފެނުމުން "ލޭ މައްޗަށް" ގޮސްފިއެވެ.

ހިތުގެ ބަލި ހުންނަ މީހެއް ކަމަށްވާ ގަންޕަތުއަށް އޭނާގެ އެއް މަހުގެ ކަރަންޓް ބިލު ލިބުނު އިރު ބިލުގައި 80 ކްރޯރް އިންޑިއަން ރުޕީސް އަރާފައިވާތީ އޭނާގެ ލޭ މަައްޗަށް ގޮސް އިތުރު ޓެސްޓުތައް ހެދުމަށާއި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ރިޕޯޓްތަކުގައި ވެއެވެ.

މަހަރާޝްތުރާ ސްޓޭޓް އިލެކްޓްރިސިޓީ ޑިސްޓްރިބިއުޝަން ކޮމްޕެނީ ލިމިޓެޑް (އެމްއެސްއީޑީސީއެލް) ގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ބުނެފައިވަނީ ގަންޕަތު ނައިކްގެ ކަރަންޓް ބިލަށް 80 ކްރޯރް ރުޕީސް އަރާފައި ވަނީ އެމީހުންނަށް ރީޑިން ނެގުމުގައި ދިމާވެފައިވާ އޮޅުން ބޮޅުންތަކެއްގެ ސަބަބުން ކަމަށެެވެ.

އިންޑިއާގެ ނޫޙެއް ކަަމަށްވާ ''އިންޑިއާ ޓުޑޭ'' ގައި ބުނެފައިވާ ގޮތުގައި އެ އެޖެންސީގެ ފަރާތުން ވަނީ އެއީ އެމީހުންގެ ކުށެއް ކަމަށް ގަބޫލު ކޮށްފައެވެ.

އެމްއެސްއީޑީސީއެލްގެ ފަރާތުން ބުނެފައި ވަނީ ގަންޕަތުއަށް ހަވާލު ކުރެވުނު ބިލު މިހާރު ވާނީ ނަގާފައި ކަމަށާއި އަދި އެ ބިލު ރަނގަޅު ކުރުމަށްފަހު ރަނގަޅު ބިލު ގަންޕަތުއާ ހަވާލު ކުރާނެ ކަމަށެވެ.

އެޖެންސީގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ހަ ނަންބަރު ޖަހަން ޖެހޭ ތަނަކަށް އެމީހުންނަށް ނުވަ ނަންބަރު ޖެހިފައިވާ ކަމަށެވެ.

ގަންޕަތުގެ ކާފަ ދަރި ނީރަޖު ބުނެފައިވަނީ ކަރަންޓް ބިލު ލިބުނު އިރު އެމީހުން ތިބީ މަސައްކަތް ކުރަން ކަމަށާއި ކަރަންޓް ބިލު ފެނުމުން މަސައްކަތް ކުރަން ތިބި އެންމެން ވެސް ހައިރާންވެ އަންތަރީސްވި ކަމަށެވެ.