ހަ ފަޔާއި، ދެ ނަގޫ ހުރި ކުއްތާއެއް އެމެރިކާގައި އުފަން ވެއްޖެއެވެ.

މި ކުއްތާގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކު ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ "އަޖައިބެއް" ކަމަށެވެ. އަދި އެގޮތަށް ވުމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ ޖަނަވާރުންނަށް ފަރުވާދީ އެތަކެތި ބަލަހައްޓަމުން އަންނަ އިދާރާއަކުން ބުނެފައިވަނީ ބަނޑުބޮޑު ކުއްތާއެއް ވިހާނެ ކަމަށް އެ މީހުންނަށް ގަބޫލު ކޮށްފައިވަނީ ޓުވިންސެއް ކަމަށާއި އެހެން ނަމަވެސް އުފަންވީ އެންމެ ޅަ ކުއްތާއެއް ކަމަށެވެ.

އެފަރާތްތަކުން ބުނެފައިވަނީ އެ ޅަ ކުއްތާގެ ހަ ފައި ހުރި ގޮތަށް ހަށިގަނޑުގެ ވަކި ހިސާބަކުން ފެށިގެން އެއް ގުނަވަނަށްވުރެ ގިނައިން ގުނަވަންތައްވެސް ހުރެދާނެ ކަމަށެވެ.

ޖަނާވާރުންނަށް ފަރުވާ ދިނުމުގެ ހާއްސަ ޑޮކްޓަރަކު ބުނެފައިވަނީ މިހާތަނަށް ހޯދި ހޯދުންތަކުން އެގޮތަށް ކުއްތާތައް އުފަންވާ ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށެވެ.

"ސްކިޕާ" ގެ ނަމުން ނަން ދީފައިވާ މި ކުއްތާ އުފަން ވެފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ އޮކްލަހޮމާގައި މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޑޮކްޓަރުން ބުނެފައިވަނީ އެ ކުއްތާ އަކީ "ހިތްވަރުގަދަ" ކުއްތާއެއް ކަމަށެވެ. އަދި މިވަގުތު އެއްވެސް ފަޔެއް ވަކި ކުރަން ނުޖެހޭ ކަމަށާއި ހުރިހާ ފަޔެއްވެސް މަސައްކަތް ކުރާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު