ޕްރިޔާ ޕްރަކާސްއޭ ބުނުމުން މިހާރު އެއީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. މަލަޔާލަމް ފިލްމެއްގެ މަސައްކަތް ކުރަމުންދާ ޕްރިޔާ މިވަނީ އެ ފިލްމްގެ ލަވައެއްގެ މަންޒަރަކުން ލޯ މަރާލައިގެން އެތައްބައެއްގެ ލޯބި ހޯދާފައެވެ. ނަމަވެސް މި ލަވައިގެ ސަބަބުން އޭނާދެކެ ނަފްރަތު ކުރި މީހުންވެސް މަދެއް ނޫނެވެ.

އެލަވައިގެ ލިރިކްސްގައި ވަނީ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އަނބިކަބަލުންގެ ލޯބީގެ ވާހަކަ ކަމަށާއި އެހެން ކަމުން އެގޮތަށް ލަވައެއްގައި އެ ލިރިކްސް ބޭނުން ނުކުރެވޭނެކަމަށްބުނެ މުސްލިމުންތަކެއް ވަނީ އެމައްސަލަ ފުލުހުންނަށް ހުށައަޅައިފައެވެ. އެމީހުން ބުނެފައިވަނީ އެ ފިލްމުން އެ ލަވަ ނަގައިދިނުމަށް ނޫނީ އެ ލަވައިގެ ލިރިކްސް ބަދަލުކޮށް ދިނުމަށެވެ.

މި މައްސަލަ މިހާރުވަނީ ހައިދުރައާބާދު ޕޮލިސް ސްޓޭޝަނުން ބަލައިގަނެ އެކަމަށް ޖަވާބުދާރީ ވުމަށް މިފިލްމްގެ ޑައިރެކްޓަރ އޮމަރު ލުލޫއަށް 15 ދުވަހުގެ ނޯޓިސްއެއް ވެސް ދީފައެވެ. އެމައްސަލަ ޕޮލިސް ސްޓޭޝަނުން ބަލައިގެންފައި ވަނީ ދީނަށް އިހާނާތްތެރިކޮށް ހިތުން މަނާކުރާ ގާނޫނުގެ ދަށުންނެވެ. ޑައިރެކްޓަރ ދޭ ޖަވާބެއްގެ ގޮތުން އެ މައްސަލަ ބާތިލް ކުރުން އެކަށީގެންވާ ކަމަށްވެސް ޕޮލިހުން ބުނެއެވެ.

މިމައްސަލައާއި ދެކޮޅަށް ފިލްމްގެ ޑައިރެކްޓަރ އޮމަރު ލުލޫއާއި އެކްޓަރ ޕްރިޔާ ޕްރަކާސްއާއި ފިލްމްގެ ޓީމް ހިމެނޭގޮތަށް މިހާރުވަނީ ޕެޓިޝަނެއްގައި ސޮއިކޮށް ސްޕްރީމް ކޯޓަށް ހުށައަޅައިފައެވެ. އެ ޕެޓިޝަނުގައިވަނީ އެލަވައަކީ 1978 ގައި އޭރުގެ ލަވަކިޔުންތެރިއަކު ލިޔެ ކިޔާފައިވާ ލަވައެއްކަމާއި އޭރުއްސުރެ މިހާދުވަހަށްވެސް ކައިވެނި ހަފްލާތަކާއި އެނޫންވެސް ބޭނުންތަކު ގިނައިން ބޭނުން ކުރާ ލަވައެއްކަމަށާއި ފިލްމަށް މިހާރު 1.5 ކުރޯޑް ރުޕީސް ހަރަދުކޮށް ފިލްމްގެ ބޮޑުބައި ނިމިފައިވާއިރު އެލަވަ ފިލްމުން ނެގުމުން ބޮޑުގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި މި ލަވަ އެފިލްމްގައި ހިމަނާފައިވާނީ ވާހަކަދެއްކުމާއި މިނިވަން ހިޔާލު ފާޅުކުރުމުގެ ހުދޫދުތެރެއިން ކަމަށެވެ.

މި މައްސަލައިގައި މިމައްސަލަ ޕޮލިސް ސްޓޭޝަނަށް ޖެއްސި މުސްލިމުން ތިބީ ދޫދޭގޮތަކަށް ނޫނެވެ. އެމީހުން ބުނީ މުސްލިމުންގެ އެންމެ މާތް ނަބިއްޔާގެ ކަރާމާތަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ކޯށްގެން ނުވާނެކަމަށާއި އެމީހުން އެދެނީކީއެއް ފިލްމަށް ބޮޑުގެއްލުމެއް ލިބޭނެ ފަދަ ކަމަކަށް ނޫންކަމަށެވެ. އެމީހުނަށް އެލަވައިގެ ލިރިކްސް ބަދަލުކޮށްލުން އެއީ ބޮޑު ހަރަދެއްހިގާފާނެ ކަމަކަށް ނުދެކޭ ކަމަށް އެމީހުން ބުނެއެވެ.