31 އަހަރުގެ މުޙައްމަދު އާސިފަކީ ކާމިޔާބު ވިޔަފާރިއެއް ހިންގަމުންދާ މީހެކެވެ. ބުރަ ބޮޑު މަސްއޫލިއްޔަތެއް ކޮނޑު އަޅައިގެން އޭނާ މަސައްކަތް ކުރަމުންދާއިރު، އެއީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާގެ ވިޔަފާރިއެކެވެ. ރޯދައަކަސް އެނޫން ދުވަސްވަރަކަސް އެތައް ޚިދުމަތްތަކެއް ދޭން ޖެހެއެވެ. އޭނާވެސް އެތައް މަސައްކަތްތަކެއްވެސް ކުރަން ޖެހެއެވެ.

އަވަށްޓެރި އިންޑިޔާއަށް ނިސްބަތްވާ އާސިފަކީ، ދުވާލު ކިތަންމެ ބުރަކޮށް ވިޔަފާރި ހިންގުމުގައި ހަރަކާތްތެރިވާ މީހެއްކަމުގައިވިޔަސް، ރޭވުމުން އެއީ އިމާމެކެވެ. އެތައް ބަޔަކަށް އިމާމުވެ ތަރާވީސް ކުރާ މީހެކެވެ.

އައިޓީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، އެދާއިރާގައި ދުވަސްތަކެއް ވަންދެން އުޅެފައިވާ މީހެއްކަމުގައިވިޔަސް، އެއީ ކީރިތި ޤުރުއާން ހިފްޛުކޮށްފައިވާ މީހެކެވެ.

"ޓައިމްސް އޮފް އިންޑިޔާ" ނޫހާ ވާހަކަ ދައްކަމުން އާސިފް ބުނެފައިވާ ގޮތުގައި، ކޮންމެ ދުވަހަކުވެސް އޭނާއަށް ނިދެނީ ހެނދުނު ހައެއް ޖަހާ ބޮޑުވާ ފަހުންނެވެ. އޭގެފަހުން، ކުޑަ ވަގުތުކޮޅަކަށް ނިދާލުމަށްފަހު އަނެއްކާވެސް ހޭލާ، އެނބުރި މަސައްކަތަށް ރުޖޫއަވަނީ ކޮންމެ ދުވަހެއް ހެނދުނު 11 ޖަހާއިރުއެވެ.

އޭނާ ބުނެފައިވާ ގޮތުގައި ރަމަޟާން މަހު ނިދުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިކަމުގައިވިޔަސް، އެކަމުން ދަތިތަކެއް ކުރިމަތިނުވެއެވެ. އިންޑިޔާފަދަ އެހެން ދީންތަކުގެ މީހުންވެސް އުޅޭ ތަނެއްގައި، މިގޮތަށް ބަދަލު ގެނައުން ވާނީ ދަތިކަމަކަށެވެ.

އާސިފް ބުނެފައިވާ ގޮތުގައި މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ އަރަބި ބަސް ދަސްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް