ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލަޒިޒް ކޮށްފިއެވެ.

އެމްޓީސީސީން ވިދާޅުވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުންފުންޏާއި ހަވާލުކޮށްފާއިވާ މިމަޝްރޫއަކީ ޖުމްލަ 113.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229،663،36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި މިމަޝްރޫޢުގެ ބޭނުމަކީ ބަނދަރަކާއިއެކު ކޯލްޑް ސްޓޯރޭޖް ގެ ވަ ޞީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި އެކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، އެކުންފުނިން އަންނަނީ ކަނޑައަޅާފައި އޮންނަ މުއްދަތެއްގައި މަޝްރޫއުތައް ނިންމުމުގެ އަމާޒުގައި މަސައްކަތް ކުރަމުންނެވެ.

އެކުންފުނީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒު ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮންތާރ

    އަނެއްކާ އިންޑިޔާ ޔައް ކިތައް ހެކްޓަރ ކަނޑައަޅަފަތޯ ވަނީ މީކުރަންޖެހޭ ސުވާލެއް މިހާރު ހަމަ ކޮންމެ ދިވެހި ރައްޔިތަކު މިދާވަރުން ދަންޏާ އަހަރެމެން ގައުމުނަ އަހަރުމެންބާލާނޭ މީހަކު ބުނެފައި އެބަހުރި އޮސްޓުރޭލިޔާއައް ހިޖުރަ ކުރަން ރަނގަޅުވަނޭ