ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ ޚާނުންގެ ތެރެއިން މީސް މީޑިޔާގައި ހަރަކާތްތެރި އާމިރު ޚާން، މީސް މީޑިޔާއާއި ދުރަށް ދިޔަކަން ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައި ވަނީ، އެންމެ ފަހުން އޭނާ ކުރި ޕޯސްޓުންނެވެ.

އާމިރު ޚާންގެ ސަޕޯޓަރުންނަށް އަބަދުވެސް ތަފާތު ކަންތައްތަކެއް ދައްކުވައިދޭ އާމިރު މިފަހަރު ތަފާތު ދައްކުވައިދިނީ މީސް މީޑިޔާއާއި ދުރުވުމުންނެވެ.

ތަފާތު، މާނަ ފުން މެސެޖު ގެނެސްދޭ ފިލުމެއް ނުވަތަ މީސް މީޑިޔާގައި ކޮށްލާ ޕޯސްޓަކުން ނަމަވެސް ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭ އާމިރު ޚާން މިފަހަރުގެ ޕޯސްޓުން ސަޕޯޓަރުން ރޮއްވާލައިފިއެވެ.

މި ޚަބަރު އާމިރު ދީފައިވަނީ މާރޗް މަހުގެ 14 ވަނަ ދުވަހު އޭނާގެ އުފަންދުވަހު ބޮލީވުޑުގެ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ފޮނުވާފައިވާ އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކަށް ޝުކުރު އަދާކުރަން ކުރި ޕޯސްޓުގައެވެ.

''އުފަންދުވަހުގެ އެންމެހާ ތަހުނިޔާތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަހަރެން މި ހުރީ އެކަމާ ވަރަށް އުފާވެފައި. އަނެއް ޚަބަރަކީ މިއީ އަހަރެން މީސް މީޑިޔާގައި ކުރާ އެންމެ ފަހު ޕޯސްޓު. މިހާރު މީސް މީޑިޔާގައި މާބޮޑަށް ހަރަކާތްތެރިވެވޭތީ މީސް މީޑިޔާއާއި ދުރަށް ދިޔުމަށް މި ނިންމީ. އެންމެ ކުރިން ވެސް މުޢާމަލާތު ކުރިގޮތަށް ދެން ވެސް އެކަން ކުރިއަށް ގެންދެވޭނެ. އެންމެން ދެކެ ވެސް ވަރަށް ލޯބިވޭ'' އާމިރު ޚާން ޕޯސްޓުގައި ލިޔެފައިވެއެވެ.

އާމިރު ޚާންގެ މި ފަހު ޕޯސްޓު ވަނީ އޭނާގެ ހުރިހާ މީސް މީޑިއާ އެކައުންޓެއްގައި ވެސް ހިއްސާ ކޮށްފައެވެ. މީގެ ކުރިން ވެސް ނޫހަކަށް ދިން އިންޓަވިއުއެއްގައި އާމިރު ޚާން ވަނީ އެއް އަހަރު ދުވަހަށް ފޯނާއި ދުރަށް ދާނެ ކަމަށާއި އަދި އެ ދުވަސްވަރު އޭނާއާއި މުޢާމަލާތު ކުރެވޭނީ އޭނާގެ މެނޭޖަރުގެ ފަރާތުން ކަމަށް ބުނެފައެވެ.