ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާނޫނީ ވަކީލާ އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިންޓަވިއު އެއް ނަގަން ބޭނުންވާތީ އެކަމަށް އެދި، އަޅުގަނޑު ފޮނުވީ މެސެޖެކެވެ. އެ މެސެޖަށް ޖަވާބު ދެއްވައި މިނިސްޓަރ، އެކަމަނާގެ ވަގުތުކޮޅެއް ހުސްކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ވަޑައިގެން ކަރަންޓީން މުއްދަތު ފުރިހަމަ ކުރެއްވުމަށްފަހު، އަޅުގަނޑުމެންގެ ޓީމާ ބައްދަލުުކުރެއްވީ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހަވީރެވެ.

ރޯދަ މަހާއި ގުޅިގެން ގެނެސްދޭ ޚާއްސަ ރިޕޯޓަކަށް އިންޓަވިއު ނެގުމަށް މިނިސްޓަރު މާރިޔާ އަޅުގަނޑާއި މިނިސްޓަރުގެ ޓީމާއެކު ވަޑައިގެންނެވީ ސީދާ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށެވެ. ލޯންޗަށް އަރާވަޑައިގެން މިނިސްޓަރު އަޅުގަނޑާއި ވާހަކަދައްކަވައި ހާލު ވެސް އެއްސެވިއެވެ.

10 މިނިޓު ތެރޭގައި ލޯންޗް ކައިރިކޮށްލީ އެރަށުގެ ބަނދަރަށެވެ. ރަށު ބަނދަރުން ދިމާވި ބަޔަކު މިނިސްޓަރަށް ގޮވާލުމުން، ބޯ ޖައްސަވާފައި ހިނިތުންވެލެއްވި މަންޒަރުވެސް ގާތުން ދުށީމެވެ.

އިންޓަވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހުނު ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް އަޅުގަނޑުމެންނަށް ދެވުމުން އެތަނުގައި ތިއްބެވި އޮފިސަރުން މިނިސްޓަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެކަމަށް ޝުކުރު އަދާކުރައްވަމުން، ބޭނުންވާ ތަނެއްގައި އިންޓަވިއު ސެޓް ކުރުމަށް އިޝާރާތްކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަތުރު ފެށުނީއްސުރެވެސް މިނިސްޓަރ އަޅުގަނޑުމެންނާއި ބެހެއްޓެވި ގާތްކަމާއި އޯގާތެރިކަން، އަދި އެކަމަނާގެ ހިތްހެޔޮކަން، ފެށުމުގެ ކުރީން ފާހަގަކޮށްލާ ހިތްވީ މިފަދަ ކިތަންމެ ސަބަބުތަކެއް ހުރުމުންނެވެ. ކޮންމެއަކަސް އިންޓަވިއު، އެ ސެންޓަރުގައި ހުރި ބަގީޗާއެއް ކަހަލަތަނެއްގައި ކުރިޔަށް ގެންދެވުމަށް ސެޓް ކުރެވުމާއެކު ސުވާލުތަކަށް ޖެހިލީމެވެ.
ސްކޫލް ދައުރުގެ ހަނދާންތައް!

މިނިސްޓަރ މާރިޔާ ފާހަގަކުރައްވާ ގޮތުން އެކަމަނާ ސްކޫލް ދައުރުގައި ކިޔެވުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ. އެހެން ނަމަވެސް ކްލާސްތެރޭގައި ސަކަރާތް ޖެހުމަކީ މިނިސްޓަރ މާރިޔާވެސް ކުރެއްވި ކަމެކެވެ. އަމީނިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރެއްވި މާރިޔާއަކީ އަބަދުވެސް އެހެން ކުދިންނާ ގުޅިގެން މަސައްކަތް ކުރައްވާ ހިތްވާ ކަނބަލެކެވެ. އެހެންވެ ސްކޫލުގައި އެކަމަނާ ދެއްކެވި މި ނަމޫނާ ގިނަ ބަޔަކަށް ފެނިފައި ވެއެވެ. ހަމައެއާއެކު ކްލާސް ތެރޭގައި ހިނގާ ކޮންމެ ސަކަރާތެއްގައި ވެސް އެކަމަނާގެ ބައިވެރިވުން އޮވެއެވެ.

"ކިތަންމެ ފަހަރަކު އަޅުގަނޑު ޓީޗަރުންނާ އެކީ ޓްރަބަލްއަށްވެސް ވެއްޓޭނެ. ދެން އެހެންވިޔަސް އޭގެ އަނެއްކޮޅަށް، އަބަދުވެސް މަދަރުސާގެ ކްލާހުގެ ވަނަ ހޯދާއިރު، 1، 2 އިން ޖާގަ ހޯދަން. އަދި އެހެން ކުދިންގެ ހޯމްވޯކް ކަންކަމުގައިވެސް ހުންނާނެ އެހީތެރިވެދީފައި،" ސްކޫލް ދައުރުގެ ހަނދާންތައް އާކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ އަމީނިއްޔާގައި އުޅެއްވިއިރު، ކްލާސްކުދިންނާއެކު

މިނިސްޓަރ މާރިޔާ ވިދާޅުވީ، އެގޮތަށް އެހީތެރިކަން ފޯރުކޮށްދޭތީ، އެއިރު ކްލާސް ކުދިންވެސް އެކަން ފާހަގަކުރާ ކަމަށެވެ. އަދި އެކުދިންނާއެކު އޮންނަ ގުޅުންވެސް އެކަމުގެ ސަބަބުން ވަރަށް ޚާއްސަކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

"މާރިޔާ ފާސް ވަންޏާ ތިމަންނާ ފާސްވާނެއޭ، އެއިރު ވަރަށް ގިނަ ކުދިން ބުނެ އުޅޭ،"

ތަޢުލީމީ ޙަޔާތުގައި ދިމާވެފައި ހުރި މަޖާ ކަންކަން ހިއްސާ ކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، އެސެމްބްލީއަށް ލައިން ހަދަން ޕްރިފެކްޓު ކުއްޖާ ބަލާ އަންނައިރު، ފިލުން ފަދަ ކަންކަން އެކަމަނާއަށްވެސް ކުރެއްވިފައި ހުންނާނެ ކަމަށެެވެ. ސަކަރާތުގައި އުޅުއްވާ ދުވަސްތައް މަތީން އަދިވެސް ވަރަށް ހަނދުމަފުޅު އެބަހުއްޓެވެ.

"އަޅުގަނޑުގެ ދައްތައަކީ ޕްރިފެކްޓެއް، އަޅުގަނޑު އުޅޭގޮތުން، ދައްތަ އެންމެ ނުގަބޫލުފުޅު ވާނީ،" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާލޭގައި ވަކި ހިސާބަކަށް ތަޢުލީމު ޙާސިލް ކުރެއްވުމަށްފަހު، މިނިސްޓަރ މާރިޔާ ފަޚުރުވެރި ކާމިޔާބީތަކާއެކު ކިޔެވުން ނިންމަވާލެއްވީ އިންޑިއާއިންނެވެ. އެކަމަނާ ގްރޭޑް 10 އިންޑިއާއިން ނިންމަވާލެެއްވީ ވެސް ފަސްޓް ކްލާސް ޕާސްއަކާ އެކުއެވެ.

ކުޅިވަރަށްވެސް ހަމަ އެހާމެ މޮޅު!

މިނިސަޓަރ މާރިޔާ މޮޅީ ހަމައެކަނި ކިޔެވުމަކަށް ނޫނެވެ. ކުޅިވަރަށްވެސް އެކަމަނާ ވަރެއް ނެތެވެ. ވަކީން ޚާއްސަކޮށް ނެޓްބޯޅަ ކުޅުމާއި، ބާސްކެޓް ކުޅުމާއި، އެތްލެޓިސްގައި އެކަމަނާ އަކީ "ގަދަ" ބޭކަނބަލެކެވެ.

"އަޅުގަނޑަކީ އެންމެ ކުޑައިރު އަމީނިއްޔާގައިވެސް ނެޓްބޯޅަ ކުޅޭވެސް މީހެއް. ރާއްޖެއިން ބޭރުގައި އިންޑިއާގައި ވެސް އަޅުގަނޑު ބާސްކެޓް ކުޅެން. އަޅުގަނޑު އެތްލެޓިކްސްގެ 100 މީޓަރާއި 200 މީޓަރުގެ ބައިވެރިވެ، ކަރްނާޓިކާ ސަބް ޖޫނިއާއަގައިވެސް އަޅުގަނޑު ރެޕްރެޒެންޓް ކުރިން،" ބެންގަލޫރުގެ ކެތީޑްރަލް ހައި ސްކޫލުން ކިޔަވާ ވިދާޅުވި މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ ފަހުން މިނިސްޓަރ ކިޔަވާ ވިދާޅުވީ ސެންޗާލް ހައި ސްކޫލުންނެވެ. އަދި އިނގިރޭސިވިލާތުން ވެސް އިތުރަށް ތަޢުލީމު ޙާސިލްކުރެއްވި އެވެ. އެތަނުން މިނިސްޓަރ ވަނީ ޤާނޫނީ ދާއިރާއިން ޑިގްރީ އާއި މާސްޓަރސް ޙާސިލް ކުރައްވައި، ބެރިސްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ބެޑްމިންޓަންވެސް ކުޅުއްވައެވެ. އެގޮތުން 1980 ގެ އަހަރުތަކުގައި ރާއްޖޭގެ ބެޑްމިންޓަން ޗެމްޕިއަންކަން ވެސް އެކަމަނާ ހޯއްދެވިއެވެ.

މިނިސްޓަރއަކީ ފިޓްނެސްއަށް ވަރަށް ސަމާލުކަން ދެއްވާ ބޭކަނބަލެކެވެ. ދުޅަހެޔޮ ސިއްޙަތެއްގައި "ފިޓް" ކޮށް ހުންނެވުމަށް ލޯބިކުރައްވާތީ ޖިމަށްވެސް ވަޑައިގަންނަވައެވެ.

އެންމެ ފުރަތަމަ ބޭނުންފުޅުވީ ނަރުހަކަށް ވާން!

މިނިސްޓަރ ފާހަގަކުރެއްގޮތުގައި، ކުޑައިރު އެކަމަނާގެ އާއިލާ ބޭފުޅުން "މީނަގެ އަނގަޔަކުން ނާރާނެއޭ" މިގޮތަށް ވިދާޅުވެއެވެ. އެއިރު އެކަމަނާގެ "އަނގަ ގަދަ ވާހަކަ" ވަރަށް ބޮޑަށް އާއިލާ ތެރޭގައި ދެކެވޭކަމަށް ވިދާޅުވިއެވެ. އެހެންވެ، އަބަދުވެސް ހައްޤު ހޯދުމާއި، އިންސާފު ހޯދުމަށް ވަކާލާތު ކުރައްވާ ބޭކަނބަލަކަށް އެކަމަނާ ވާނެ ކަމަށް ޢާއިލާގެ ގިނަ މެމްބަރުން ތިއްބެވީ ނިންމައިގެންނެވެ.

ކަން މިހެން އޮތަކަސް މިނިސްޓަރ ތުއްޕުޅުއިރު ބޭނުންފުޅުވީ ނަރުހަކަށް ވުމަށެވެ.

"އިލޮށިފަތިން އިލޮށި ނަގައިގެން އެންމެ ގަޔަށް އިލޮށި ހަރަހަރާފައި އުޅުނީ، ކުޑައިރު ކުދިން އުޅޭ ނޫންތޯ ޕޮލިސް މޭންއަކަށް ވާން. ބަސް ޑްރައިވަރަކަށް ވާން. އެކަހަލަ ގޮތަކަށް އަޅުގަނޑަށްވެސް ދެވުނީ. އަޅުގަނޑު ހަނދާން ހުންނަ ގޮތުގައި އަޅުގަނޑު އެންމެ ކުޑައިރު އުޅުނީ ނަރުސް ކުއްޖަކަށް ވާހިތުން. އެކަމަކު އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ކްލަމްސީ ކަންނޭނގެ އިންޖެކްޝަނެއް ޖަހަން. ބޮޑުވީމަ އެކަން ރޭކާލައިފި. އަދި ނަރުސްކަން ކުރާހިތްވިޔަސް ކޮންމެވެސް ކަހަަލަ ހުނަރެއް އެކަމުގައި ހުންނަން ވާނެ ކަން،"

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަރުހަކަށް ވުމުގެ ހުވަފެނުން ޤާނޫނީ ދާއިރާއަށް ހިތްޖެހިވަޑައިގެން ތަޢުލީމު ޙާސިލް ކުރެއްވި މާރިޔާ ވިދާޅުވީ، އިންސާފު ހޯދުމަކީ އެކަމަނާ ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ކަމެއް ކަމަށެވެ.

ކައިވެނީގެ ޙަޔާތް، ފިރިމީހާއާ ދިމާވި ގޮތް!

މިނިސްޓަރ ބޭރުގައި ތަޢުލީމު ޙާސިލް ކުރައްވަން އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކައިވެންޏެއް ކުރެއްވިއެވެ. އެ ކައިވެންޏަށް ފިރިހެން ބޭފުޅަކު ލިބިލެއްވިއެވެ. މިނިސްޓަރ ފުރަތަމަ ކައިވެނި ކުރެއްވީ، އެކަމަނާ އާ "އަޅުވާ ކިޔުނު" ބޭފުޅަކާ އެވެ. އެ ކައިވެންޏަށް ފަހު މިހާރު މިނިސްޓަރ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މުޙައްމަދު އާމިރު އާއެވެ. މާރިޔާ އާއި އާމިރުގެ ޒަވާޖީ ޙަޔާތަށް މިހާރު 25 އަހަރުވެއްޖެ އެވެ.

"އަބަދުވެސް ދަންނަ ބޭފުޅެއް އެއީ. އެއިރު މާލޭގައި އެކަކު އަނެކަކު ދަންނާނެ. ވަރަށް މަދު މީސްކޮޅެއް މާލޭގައި އުޅެނީ. އޭނާއާ ދިމާވީ ގެ ކައިރީގައި ހުއްޓާ އެއް ދުވަހެއްގެ އަޅުގަނޑު ކޮންމެވެސް ތާކަށް ދަނިކޮށް. އޭނާ ގޮވާލާފައި ވާހަކަ ދައްކާލާފައި ދަނިކޮށް. އޭނާ އަޅުގަނޑު ކައިރީގައި ބުނި ފޫހިވެއްޖެޔާ ގުޅާލައްޗޭ. ދެން އެހެން ދުވަހެއްގައި ދިމާވީމަ ބުނި ނުވެސް ގުޅަމެއް ނޫންހޭ. ދެން އަޅުގަނޑު ބުނިން ފޫއްސެއް ނުވެޔޭ ގުޅާކަށް. ދެން އަޅުގަނޑު ބުނިން އާމިރު ފޫހިވަންޏާ ގުޅަންވީ ނޫން ހެއްޔޭ،" މިހާރުގެ ފިރިމީހާއާއި ކުރެވުނު ފުރަތަމަ މުޢާމަލާތް ހަނދާނަށް ގެންނަމުން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އާއި ފިރިކަލުން އާމިރު

"އަޅުގަނޑު ހޯދަން ގުޅީމަ، މި އެހީ ތި ކާކުހޭ. ބުނީމަ ވަރަށް ކެރިގެން ބުނެފި މިއީ މުހައްމަދު އާމިރޭ، މ. ރުބިކަންގެޔޭ. އައީޑީ ކާޑު ނަމްބަރަށް ދާންދޭން ދޭންވީހެއްޔޭ. އަޅުގަނޑަށް ދެން ވަރަށް މަޖާވި. ވަރަށް ކެރޭ ކަން ފެނުނު،" އެ ދުވަހު ފޯނު ނެންގެވީ މާރިޔާގެ އާއިލާ ބޭފުޅެކެވެ. މާރިޔާ އެ ދުވަހު ގޭގައި ނެތީ އެވެ. ނަމަވެސް އެ ކޯލަަށް ފަހު ގޭތޭގައި އެ ވާހަކައިގެ އަޑު ގަދަވިއެވެ. އަޅުވާވެސް ކިޔަން ފެށުނެވެ.

އެގޮތަށް ދިމާވި ފަހުން ދެބޭފުޅުން ކައިވެނީގެ ޙަޔާތެއް ފެއްޓެވީ އޭގެ އަށް ވަރަކަށް މަސް ފަހުންނެވެ. އަދި ކައިވެންޏަށް ދެ ކުދިންވެސް އެބަތިއްބެވެ.

މިނިސްޓަރ މާރިޔާ ދެއްވި ކައިވެނީގެ "ޓިޕްސް"

  • ދެ މީހުން ދެ ތަނެއްގައި އުޅުން އެހާ ރަނގަޅެއް ނޫން، ކައިރީގައި އެއްތަނެއްްގައި އުޅެވޭތޯ ވިހާވެސް ބެލުން
  • ދެބައި މީހުންވެސް ވިހާވެސް އޯޕެންކޮށް އެކަކު އަނެކަކާއި ވާހަކަދެއްކުން، ހުރިހާ ކަމަކާއި ދޭތެރޭވެސް ވާހަކަދެއްކުން މުހިންމު
  • ބިޒީ ޝެޑިއުލްގައިވެސް އެކަކު އަނެކަކަށް ކަންކަމުގައި އެހީވުން.
  • ކޮމިއުނިކޭޝަން އަބަދުވެސް ބޭއްވުން
  • ހިތްހަމަނުޖެހޭކަންކަން ކޮންމެ ކައިވެންޏެއްގައިވެސް ދިމާވާނެ. އެކަމަކު ވާހަކަދައްކައިގެން ޙައްލުވާނެ
  • ރުޅި އައިސްގެން ތިބެ ނިދާކަށް ނުވާނެ، ދޫދީގެން އުޅުން މުޙިންމު
މާރިޔާ އާއި ފިރިކަލުން އާމިރު

ކާމިޔާބީގެ ތަޖުރިބާއަށް ކަޅިއެއް

މިނިސްޓަރ މާރިއާއަކީ ރާއްޖޭގެ ފުުރަތަމަ އަންހެން ޤާނޫނީ ވަކީލާއެވެ. އެކަމަނާ ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ނަމަވެސް ފުރަތަމަ ވަކާލާތު ކުރެއްވުމުގެ ފުރުސަތެއް ލިބިނުލައްވަ އެވެ. އެހެން ނަމަވެސް އެކަމަނާ އުންމީދުކަނޑާ ނުލައްވައެވެ. އޭގެ ބަދަލުގައި އަބަދުވެސް ހުންނެވީ ކުރިޔަށް ވަޑައިގެންނެވުމުގެ ވަރުގަދަ އަޒުމްގައެވެ. މިގޮތުން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ބަޔަކާއި ގުޅިވަޑައިގެން ލޯފާމެއް އުފައްދަވައި، ވަކީލުކަން ކުރެއްވުމުގެ ހުވަފެން ހަޤީޤަތަކަށް ހެއްދެވިއެވެ.

މިނިސްޓަރ މާރިޔާ ރައްޔިތުންގެ މަޖިލީހަށް ޝައުގުވެރިވެ ވަޑައިގަތީ، އިސްލާޙީ މަސައްކަތްތަކެއްގެ އުންމީދުފުޅާއެކު އެވެ. ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުމާއެކު، އެއީ ކުރެއްވިދާނެ މަސައްކަތެެއްކަން ޤަބޫލުފުޅު ކުރައްވާތީއެވެ. ބޭނުންވީ އިސްލާޙީ އެޖެންޑާއަށް ހެޔޮ ބަދަލެއް ގެނައުމަށެވެ. އެހެންވެ އަމިއްލަފުޅަށް ގޮނޑިއަކަށް ކުރިމަތިލެއްވީއެވެ. މިނިސްޓަރ މާރިޔާ ފުރަތަމަ ކުރިމަތިލެއްވީ މާލެ އަތޮޅު ދާއިރާއަށެވެ. އެއިރު މަލްޓިޕާޓީ ސިސްޓަމެއް ނޯންނައިރު، މިނިސްޓަރ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މެމްބަރުކަމުގައި ހުންނަވައިގެންނެވެ.

މިނިސްޓަރ ފާހަގަކުރައްވާ ގޮތުން އެކަމަނާއަށް މަޖިލީހުގައި ހުންނަވައިގެން ކުރެވުނު އެންމެ ކާމިޔާބު އަދި އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނެވި މަސައްކަތްޕުޅަކީ ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުމެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު މާރިޔާ – ފޮޓޯ: މަޖިލިސް

އެމެރިކާ ސަރުކާރުން ދެއްވާ "އިންޓަރނޭޝަނަލް ވުމަން އޮފް ކަރޭޖް" ނުވަތަ "އެންމެ ހިތްވަރުގަދަ އަންހެނާ"ގެ އެވޯޑް ރާއްޖެއިން އެންމެ ފުރަތަމަ ހާސިލްކުރެއްވި ބޭކަނބަލަކީވެސް މިނިސްޓަރ މާރިޔާ އެވެ. އަދި ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރައިގެ އެންމެ އިސްވެރިއެއްގެ މަޤާމަށް ވަޑައިގެންނެވި ފުރަތަމަ ކަނބަލަކީވެސް އެކަމަނާއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުހައްމަދު

    ހަމަ އެ ދަތުރުގަ އަމިއްލައަށް ހަދައިގެން އުޅޭ ގާނޫން އަސާސީ މައްޗަށް ފައިން އެރީވެސް. . . . . ؟

    63
    4
    • ދޯދި

      ނާމޫނާ އަކަށް ބެލި ބަޔަކު ގޮސް ނަރަކަ އަޑިޔަށް ބަނޑުވަތަށް ވެއްޓޭނެ

      30
      2
  2. ފިދަނަ

    بسم الله الرحمن الرحيم ލިޔެފައި އޮތް ގާނޫނު އަސާސީގެ މައްޗަށް ކުޅުފައިން އެ ރީ ފިދަނަ.

    63
    2
  3. ޞޗ

    ވާވާ....ތިވަ ރެއް ނެތް...ކަލޯނޭ ޗަމެން ބާރަށް އަތްޖަހާ ...

    45
    1
  4. ސުދާ

    މިނިސްޓަރ މާރީއަށް ސާބަހާއި އައްސަރިބަސް!

    15
    39
  5. ލޮލް

    ކާމިޔާބޭ؟؟ކާމިޔާބޭ؟؟ ދެން ކޮބާ އާޚިރަތް؟ އެތާ ނުޖެހެނީތަ ކާމިޔާބުވާން؟

    34
  6. Anonymous

    ވަގުތު ނޫސް ރީނދޫ ކުލަޔަށް ބަދަލު ކޮށްލުން ކިހިނެތް ވާނެތޯ

    25
    2
  7. ރިސާރޗް

    މާރިޔާ އަށް 62 އހަރު އަސްލު! 1993ވަނަ އހަރު ހަވީރުގަ މީހުން ކޮލަމް ގަ އިން 33 އހަރު ކަމަށް ދެން އެހެންވެ ހޯދި ހޯދުން ތަކުން އެގުނީ މާރިޔާ އުފަންވީ 1959 ގަ ކަން

    19
    2
  8. ކެނެރީ

    ޔޫކޭ ގައި ކިޔަވަންހުރި އިރު ތެލުލި ރިހާކުރު ގަންނަން ކިތަށް މިލިޔަން ޕައުންޑު ހޭދަވިބާ ...

    23
    2
  9. ފާރިސް

    ގާނޫނު އަސާސީ އަށް އެންމެފުރަތަމަ ފައިން އެރި އަންހެނާ.އެވާހަކަވެސް ލިޔެލިނަމަ.

    30
    1
  10. ޢަހުމަދު އަލީ

    މާރިޔާ ޔޫކޭގަ ކިޔަވަން ޚަރަދުކުރީ ކުރީގެ ފިރިކަލުން މާކުން ސައްތާރު. މާކުން ސައްތާރާއި އަލިވާގެ އިލްޔާސް އަކީ އެފްޕީއައިޑީ ހިންގުމުގަ އިސްކޮށް އުޅުއްވި ދެ ބޭފުޅުން. މާރިޔާ އަކީ ލޯޔަރެއް. ޤާނޫނު އަސާސީ އަށް ކޮޅަށް އެރި މީހެއް. ސިފައިންނަކީ ފިދަނައިން ކަމަށް ބުނި މީހާ.

    26
    2
  11. އަލީ ރާޖާ

    ހަމަ އެދަތަރުގެ ކީރިތި ގުރާއާނުގެ އިސްމަފުޅުތައް ލިޔެފަހުރި ގާނޫންއަސާސީއަށް ފައިން އެރީ. ހަމަ އެދަތުރުގެ ދިވެހި ސިފައިންނަކީ ފިނޑިންނޭ ގޮވީ. ކީއްކުރާނީ މީނަޔަށް މިއަދު ދިވެހި ސިފައިން ސެލިއުޓް ނަގަމުން ދުވަނީ

    26
  12. ވެރިން

    ތިހެން އިންޓަވިއު އެއް ނަގަން ޖެހޭވަ ރުގެ މީހެއްކަމެއް ނުދެކެން، މިކަހަލުގެ މީހުންގެ އިންޓަވިއު ޖެހީމަ މީ އައްނަން އޮތްޖީލައް ދެވޭ ނުބާއި މެސެޖެއް.

    29
    1
  13. ޕީޕީއެމް ކުއްޖާ

    ވަރަށް ފުރިހަމަ ލިޔުމެއް. މިނިސްޓަރު މާރިޔާއަކީ ދިވެހި ރައްޔިތުން ނަށް ނަމޫނާ ދައްކުވައިދިން ފިސާރި ކެރޭ ހިތް ވަރުގަދަ އަންހެނެއް. ދިވެހި ރާއްޖޭގެ އަންހެނުންނަށް ހުރި ރީތި ނަމޫނާ އަންހެނެއް. ކެރޭ ކުޅަދާނަ. ވަޒީރެއް

    5
    20
  14. ހުސޭނުބޭ

    ކިތަންމެ އޮމާންކޮށް އިންޓަވިއު ދިނަސް މާރިޔާއަކީ ދިވެހި ސިފައިންނަށް ހުރި ހުތުރެއް! މިކަން ބަދަލެއްނުވާނެ!

    19
    2
  15. ރައްޔިތު މީހާ

    މިނިސްޓަރ މާރިޔާ އަކީ ސިޔާސީ ގޮތުން ނަމޫނާ ބޭކަނބަލެއް. ރައްޔިތުންގެ މީހެއް. އެމްޑީޕީގެ އެހެން 'ބޮޑުން' އޮޔާ ދިޔަޔަސް މެޑަމް މާރިޔާގެ ކެރިއަރ ވަރަށް އުޖާލާ.

    2
    14
  16. އަބްދޫ

    އެފްޕީއައޑީ ގެ ފައިސާއިން އިގިރޭސިވިލާތުގަ ކިޔަވާވިދާޅުވިންތޯ؟

  17. އަސްލި

    ފުރަތަމަ މަޖިލިސް މެންބަރަކަށް ވެވަޑައިގަތީ ރައީސް މައުމޫންގެ މެންބަރެއްގެ ގޮތުން. އެޓާނީގެ އިސް މަގާމެއް ވެސް ދެއްވި. ރައީސް ނަޝީދުގެ ވައްކަމުގެ މައްސަލައިގައި ދައުލަތް ތަމްސީލު ކުރައްވައި އެ ކުށް ސާބިތުކުރެއްވި.

  18. މާރީތި

    ނަމޫނާ މިނިސްޓަރެއް، ދައުލަތުގެ އެންމެ ޤާބިލް ވަޒީރު، ކަމަނާއަށް އަސަރިބަހާއި ސާބަސް ދަންނަވަން!

    3
    4