އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޓެލެގްރާމާއި ފޭސްބުކް ފަދަ ބޮޑެތި މީސް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކުރުމުން އަމިއްލަ މީސް މީޑިއާ ޕްލެޓްފޯމެއް ހަދައި ލޯންޗް ކޮށްފިއެވެ.

ސަޕޯޓަރުންނާ ގާތް ގުޅުމެއް އުފެއްދުމުގެ ގޮތުން ހެދި ވެބްސައިޓްގެ ހޯމް ޕޭޖުން ފެންނަނީ ޓްރަމްޕް އޭނާގެ އަންހެނުންނާއެކު ނަގާފައިވާ ފޮޓޯއަކާއި، މިލިޓަރީ މެމްބަރުންނާއި، ދުނިޔޭގެ ބޮޑެތި ލީޑަރުންނާއެކު ނަގާފައިވާ ފޮޓޯއެވެ.

ވެބްސައިޓު މެދުވެރިކޮށް ޓްރަމްޕަށް މެެސެޖް ކުރެވޭ ގޮތް ވަނީ ހަދައިފައެވެ. އޭގެ އިތުރުން ހަރަކާތްތަކަށް ޓްރަމްޕަށް ދައުވަތުދީ ބުކިން ހެދުމުގެ ފުރުސަތު މެމްބަރުންނަށް ވަނީ ދީފައެވެ.

ޓްރަމްޕް އޭނާގެ އަމިއްލަ މީސް މީޑިއާ ޕްލެޓްފޯމެއް ހަދާފައިވަނީ ޖެނުއަރީ ހަ ވަނަ ދުވަހު ބަޣާވާތް ހިންގުމަށް ސަޕޯޓަރުންނަށް ގޮވާލަމުން، ބޮޑެތި މީސް މީޑިއާ ޕްލެޓްފޯމް ތަކުން ޓްރަމްޕް ބޭން ކުރުމުންނެވެ. ޓްރަމްޕްގެ އަމިއްލަ ވެބްސައިޓުގައި ހޯމް އިން ފެންނަ ގޮތަށް އެމެރިކާގެ 45 ވަނަ ރައީސް ކަމަށް ލިޔެފައިވެއެވެ.

ވެބްސައިޓުގެ "އެބައުޓް" ސެކްޝަން ހުޅުވާލުމުން ފެނިގެން ދަނީ 850 ބަހުގެ ސްޓޭޓްމެންޓެކެވެ. އޭގައި އެކުލެވިފައިވަނީ އޭނާގެ އެންމެ ބޮޑެތި ކުރިއެރުންތަކުގެ ވާހަކަ އާއި، ކޮވިޑްގެ ބަލިމަޑުކަމުގެ ކަންތައްތައް ކުރެވިފައިވާ ގޮތުގެ ވާހަކައެވެ.