އެމެރިކާއިން ދުނިޔޭގެ އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރު އުފައްދައިފިއެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރު އުފެއްދިކަމުގެ ރެކޯޑް އޮންނަނީ ޗައިނާގެ އަތުގައެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ ހަލުވި ސުޕަރކޮމްޕިއުޓަރުވެސް އުފެއްދީ ޗައިނާއިންނެވެ.

އެމެރިކާއިން އުފެއްދި "ސަމިޓް" ނަމަކަށް ކިޔާ މި ކޮމްޕިއުޓަރު ހުންނަނީ އޯކް ރިޖް ނެޝަނަލް ލެބޮރެޓޮރީގައެވެ. މި ކޮމްޕިއުޓަރުން ސިކުންތަކު 200 ކުއަޑްރިލިއަން ކަލްކިއުލޭޝަން ހަދައެވެ. މި ކޮމްޕިއުޓަރުގައި 37000 ޕްރޮސެސަރ ހުރެއެވެ. ބޮޑުމިނަކީ ޓެނިސްކޯޓުގެ ދެ ކޯޓުގެ ބޮޑުމިނެވެ. 4608 ސާރވަރ ހުރެއެވެ.

މިއީ އާދައިގެ ކޮމްޕިއުޓަރަށްވުރެ އެއް މިލިއަން ގުނަ އަވަސް މިނެކެވެ. މި ކޮމްޕިއުޓަރުގެ މެމޮރީއަކީ 10 ޕެޓަބައިޓެވެ.

މި ކޮމްޕިއުޓަރު ބޭނުންކޮށްގެން ފޮޓޯތަކާއި މަންޒަރުތައް ދެނެގަނެ ތަހުލީލު ކުރުމާއި މީހަކާ ނުލައި އުޅަނދުފަހަރު ދުއްވުމާއި އެކި ކަހަލަ ވީޑިއޯ ގޭމްފަދަ ތަކެތީގައި މިހާރުވެސް އެކަށީގެންވާ އާޓިފިޝަލް އިންޓެލިޖެންސްގެ މިންވަރަކަށް ބޭނުން ކުރެވޭނެއެވެ.

އަދި ޖައްވީ ބޮޑެތި ދުރުމީތަކުން ނަގާ ފޮޓޯތަކުން މިހާރު ފާހަގަ ނުކުރެވޭ ތަކެތި ފާހަގަ ކުރުމުގައި މި ކޮމްޕިއުޓަރުގެ އެހީތެރިކަން ހޯދާ އިރު ހޯދުން އުނދަގޫ ޑީއެންއޭ ގެ ތަހުގީގާއި ތަހުލީވެސް އެތައް ގުނައަކަށް ފަސޭހަވެ، އިތުބާރު ބޮޑުވެގެންދާނެއެވެ.

އެމެރިކާއާއި ޗައިނާއާއި ޔޫރަޕިއަން ޔުނިއަންގެ ބައެއް އެހެން ގައުމުތަކުގެ އަމާޒަކަށް ވެފައި ވަނީ ސިކުންތަކު ކުއިންޓިލިއަން ކަލްކިއުލޭޝަން ވަރުގެ އަވަސް ސުޕަރ ކޮމްޕިއުޓަރެއް އުފެއްދުމެވެ.

ކިޔުންތެރިންގެ ހިޔާލު