ބޮލީވުޑު ފިލުމުތަކުގައި މަންމަގެ ރޯލުތަކުން ގިނަ ބައެއްގެ މަގޫބުލުކަން ހޯދާފައިވާ އުމުރުން 68 އަހަރުގެ ކިރަން ޚޭރު ލޭގެ ކެންސަރު ޖެހި އެ ބައްޔަށް ފަރުވާ ހޯދަން ފަށައިފިއެވެ.

ބީޖޭޕީގެ މެމްބަރެއް ކަމުގައިވާ ކިރަންއަށް ލޭގެ ކެންސަރު ޖެހި އެ ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް ބީޖޭޕީގެ ރައީސް އަރުން ސޫދު ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައެވެ. އަދި ކިރަންގެ ފިރިމީހާ އަނޫޕަމް ކޮށްފައިވާ ޓްވީޓަކުން މިކަން ވަނީ ޔަގީން ވެފައެވެ.

ކިރަންގެ ސިއްހަތާއި ބެހޭގޮތުން މީޑިޔާތަކުގައި ދައުރުވަމުންދާ ވާހަކަތަކަށް ރައްދު ދިނުމަށް ކިރަންގެ ފިރިމީހާ އަނޫޕަމް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ކިރަންއަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމަށާއި އަދި މުމްބާއީގެ ހޮސްޕިޓަލެއްގައި އެކަމަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ކިރަން ރަނގަޅުވާނޭ ކަމަށް އުއްމީދު ކުރާ ކަމަށާއި ކުރިއަށް ވުރެ ވެސް ސިއްހަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް މި ޓްވީޓްގައިވެއެވެ.

ކިރަންއަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ މީހެއް ކަަމަށާއި މިކަމުން ސަލާމަތްވުމަށް ވެސް އޭނާ ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް އަނޫޕަމް ބުނެފައިވެއެވެ. އަދި ކިރަންއަށް އަވަސް ޝިފާއެއް ލިބެން އެދުމަށް އެންމެންގެ ކިބައިން އެދިފައިވެއެވެ.

ކުރިން ބިނދިފައިވާ އަތަކަށް މިދިޔަ އަހަރު ނޮވެމްބަރުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން އެނގުނީ ކިރަންއަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމަށް ބީޖޭޕީގެ ރައީސް ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު