ޗާލްސް ސޮބްރާޖްއަކީ މިހާރު މީހުންނަށް އެހާ ދަންނަ ނަމަކަށް ނުވި ނަމަވެސް، މީގެ އަހަރުތަކެއް ކުރިން އެއީ މަޝްހޫރު ނަމެކެވެ. އޭނާ އަކީ 1970 ގެ އަހަރުތަކުގައި އޭޝިއާގެ އެންމެ ނުބައި ނުލަފާ މީހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މީހެކެވެ. މަދުވެގެން 12 މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުން ދީފައިވާއިރު އޭނާ އަކީ ވައްކަމާއި، މަކަރާއި ހީލަތުން މީހުންގެ މުދާ ފޭރިގަންނަ މީހެއްގެ ގޮތުގައި ނަން މަޝްހޫރު މީހެކެވެ.

މި މީހާގެ ދިރިއުޅުން ކޮންމެވެސް ސިފައެއްގައި ދައްކުވައިދޭ 8 އެޕިސޯޑުގެ ނެޓްފްލިކްސް ސީރީސްއެއް އިއްޔެ ވަނީ ނެރެފައެވެ.

މި ސީރީސް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ޗާލްސް ސޮބްރާޖް އާއި އޭނާގެ ބައިވެރިޔާ މޭރީ އޭންޑްރީގެ ދިރިއުޅުމަށެވެ. 1979 ވަނަ އަހަރު ސޮބްރާޖް އާއި އިންޓަވިއު ކޮށް އޮސްޓްރޭލިއާގެ ދެ ނޫސްވެރިޔަކު އޭނާގެ ވާހަކަ އާންމުންނާއި ހިސާބަށް ގެނެސްދީފައިވެއެވެ. މި ސީރީސްގައި ސޮބްރާޖްގެ ރޯލުން ފެނިގެންދާނީ ޓަހަރް ރާހިމްއެވެ. ރާހިމް ބުނެފައިވަނީ ސޮބްރާޖްގެ ޒުވާން ދުވަސްވަރު އޭނާ ހިންގައިފައިވާ ޖަރީމާތަކަށް ބަލައި އެ ރޯލް ކުޅުމަށް ޝަައުގުވެރިކަން އުފެދުނީ ކަމަށެވެ.

ދި ސާޕެންޓުގެ ލިޔުންތެރިޔާ ވަނީ ސޮބްރާޖްގެ ދިރިއުޅުމާ ބެހޭ ގޮތުން އެކި މީހުންނާ ސުވާލްކޮށް މައުލޫމާތު ހޯދާފައެވެ.

ޗާލްސް ސޮބްރާޖް ވަނީ ދެތިން ފަހަރެއްގެ މަތިން ކޯޓުން ހުކުމްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. 20 އަހަރަށް ޖަލު ހުކުމްކޮށް ބަންދުގައި ބެހެއްޓުމުން ގާޑުކަން ކުރަން ހުރި މީހާ މަސްތުކޮށްގެން އޭނާ ޖަލުން ފިލާފައި ވާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ފަހުންވެސް އޭނާ ވަނީ ބަންދުކުރެވިފައެވެ.

މިހާރު އުމުރުން 70 އަހަރުގެ ދުވަަސްތައް ގުނަމުންދާ ސޮބްރާޖްގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ޖަލުން މިނިވަން ކުރުމަށް އެދެމުން ދެއެވެ.