މަޝްހޫރު ބަތަލާ ޝްރީދޭވީއާއި ޕްރޮޑިއުސަރ ބޯނޭ ކަޕޫރުގެ ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރު ޗުއްޓީ ހޭދަކޮށްލުމަށް ރަހުމަތްތެރިންނާއި އެކު ރާއްޖެ އައިސްފިއެވެ. ޖާންވީ ރާއްޖެ އައިސް ހުރީ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގައެވެ.

އެމެރިކާގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު ދެން ޖާންވީގެ މަންޒިލަކަށްވީ އެހެން ވެސް ބޮލީވުޑު ފަންނާނުންނެކޭ އެއްފަދައިން ދިވެހިރާއްޖެއެވެ.

ބޮލީވުޑުގެ ފަންނާނުން ރާއްޖެ އައުން ގިނަ ވެފައިވާތީ އެތައް ބަޔަކު އެކަމާ ޖޯކު ޖަހަމުން ދަނިކޮށް ޖާންވީ ވެސް ރާއްޖެ އައިސް އޭނާގެ އިންސްޓަގުރާމުގައި ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ ރާއްޖެ އަންނަ ފަންނާނުންގެ ލިސްޓުގެ އެންމެ ފަހަތުގައި އޮތީ އޭނާ ކަމަށެވެ.

 

ރަހުމަތްތެރިންނާއި އަދި ޖާންވީ އެކަނި ނަގާފައިވާ ހިތްގައިމު ފޮޓޯތައް އިންސްޓަގުރާމުގައި ޕޯސްޓުކޮށް ޖާންވީ ރާއްޖޭގައި ހޭދަކުރަމުންދަނީ އުފާވެރި ޗުއްޓީއެއްކަން އޭނާގެ ފޮލޯވަރުންނާއި ސަޕޯޓަރުންނަށް އަންގައިދީފައިވެއެވެ.

އިރުއޮއްސޭ ވަގުތުގެ ހިތްގައިމު ކަމާއި ރާއްޖޭގެ މޫދުތަކުގެ ޗާލުކަން ޖާންވީގެ އިންސްޓަގުރާމު ފޮޓޯތަކުން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމުގެ ކުރިން ޖާންވީ ވަނީ އެލްއޭއާއި ނިއުޔޯކްގައި އޭނާގެ ކޮއްކޮ ކުޝީ ކަޕޫރާއި އެކު ވަގުތު ހޭދަކޮށްފައެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ބަތަލާ ޝްރައްދާ ކަޕޫރެވެ. ޝްރައްދާ ވަނީ މި އަހަރުގެ ފުރަތަމަ ތިންމަސް ތެރޭގައި ތިން ފަހަރަށް ރާއްޖެ އައިސްފައެވެ. ޝްރައްދާ މިހާރު ވެސް ހުރީ ރާއްޖޭގައެވެ.

މީގެއިތުރުން އާލިއާ ބަޓް، ޓައިގަރ ޝްރޯފް، ޑިޝާ ޕަޓާނީ ފަދަ އެތައް ފަންނާނުންނެއް މި އަހަރު ރާއްޖެ އައިސްފިއެވެ.