އިންޑިޔާގައި އުމުރުން 50 އަހަރުގެ ރުބާން ނަމަކަށް ކިޔާ ފިރިހެނަކު އަތް ސެނިޓައިޒް ކުރުމަށް ފަހު ސިގިރޭޓް ރޯ ކުރުމުން ގައިގައި ރޯވެއްޖެ އެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް އުޅުނު ސީނިއަރ ޕޮލިސް އޮފިސަރަކު ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެރޭ މަސައްކަތް ނިންމުމަށްފަހު ރުބާން ޗެންނާއިގެ އަޝޯކް ނަގަރްގެ ޕުދޫރުގައި ހުންނަ އޭނާގެ ގެއަށް ދިޔައީ ވަރަށް ލަހުން ކަމަށެވެ.

ގެއަށް ދިޔުމަށްފަހު އޭނާ އަތް ސެނިޓައިޒް ކުރިއެވެ. އަދި ސެނިޓައިޒް ކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ޓީޝާޓަށް ސެނިޓައިޒް އެޅުނު ކަމަށް އޭނާގެ އަންހެނުން ބުނުމުން ވެސް އެކަމާއި އަޅާ ނުލި ކަމަށް ބުންޏެވެ.

ފެންވެރުމަށް ފަހު ޓީޝާޓް ބަދަލު ކުރާނެ ކަމަށް ބުނުމަށް ފަހު ފާހާނާއަށް ވަން ކަމަށް ވެއެވެ.

އަދި ފާހާނާއަށް ވަނުމަށް ފަހު ރުބާން ސިގިރޭޓެއް ރޯކޮށްލުމުން އަލިފާން ކަނިކޮޅެއް ޓީޝާޓުގެ ސެނިޓައިޒަރ އުގުޅު ހިސާބުގައި ޖެހުނީ ކަމަށާއި، އެއަށްފަހު އޭނާގެ ގައިގައި އަލިފާން ރޯވި ކަމަށް ވެސް އޮފިސަރ ބުނެފައިވެއެވެ.

ރުބާންގެ އާއިލާގެ މީހުުން ވީ އެންމެ އަވަހަަކަށް ރުބާން ގެންދިޔައީ ސަރުކާރުގެ ކިލްޕޯލް މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ބުނެފައިވަނީ ރުބާންގެ ހާލު ސީރިއަސް ކަމަށެވެ. އޭނާގެ މޫނާއި ކަރާއި މެޔާއި ބަނޑާއި އަދި ދެއަތް ވެސް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުސް އޮފިސަރ ބުނެފައިވެއެވެ.

ސެނިޓައިޒަރ ބޭނުން ކުރުމަށް ފަހު އެވަގުތު އަލިފާން ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު