ޓިކްޓޮކް ޗެލެންޖެއް ފުރިހަމަ ކުރަން އުޅުނު 12 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

އެމެރިކާގެ އަވަށެއްގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ބްލެކް އައުޓް ޗެލެންޖް ފުރިހަމަ ކުރަން އުޅުނު ކުއްޖެކެވެ.

ޖޯޝުއާ ހެއިލްޔެސަސް ކިޔާ އެ ފިރިހެން ކުއްޖާ ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ވަނީ 22 މާޗް ވަނަ ދުވަހުއެވެ.

އަދި 19 ދުވަސް ވަންދެން އޭނާ ލައިފް ސަޕޯޓްގައި ދުނިޔޭގައި އޮތެވެ.

ޖޯޝުއާގެ ޓްވިން ކޮއްކޮ އަށް އޭނާ ފެނުނީ އޭނާ ފާހަނާގެ ބިންމަތީގައި ހޭނެތިފައި އޮއްވައެވެ.

ބްލެކް އައުޓް ޗެލެންޖަކީ އަމިއްލަ އަށް ކަރުގައި ހިފައިގެން ހޭނެތެން ދެން އޮންނަ ޗެލެންޖެކެވެ. އަަދި ހޭނެތުމުން އެހެން މީހުން އެކަަމަށް އިޖާބަ ދޭ ގޮތް ވީޑިއޯ ކުރެއެވެ. އާއްމުކޮށް ވަކި ވަގުތެއް ތެރޭގައި މިގޮތަށް ހޭނެތުމުން ހޭ އަރައެވެ. އަދި އެކަމުން ނޭދެވޭ އަސަރެއް ނުކުރެއެވެ.

ނަމަވެސް މި ޗެލެންޖުގެ ސަބަބުން ފުރާނަ އަށް ނުރައްކާވުން ފަދަ ކަންކަން ދަނީ ދިމާވަމުންނެވެ. ކަރުގައި މާ ބާރަށް ހިފުމާއި، ހަށިގަނޑަށް އޮކްސިޖަން ލިބުން މަނާވުން ކަހަލަ ކަންކަން ފާހަގަކޮށްލެވެއެވެ.

އާއިލާ ބުނާ ގޮތުން ޖޯޝުއާ ބޭނުންވީ އަސްކަރިއްޔާ އަށް ވަންނާށެވެ. އަދި ފުރަތަމަ ސަފުގައި ކޮންމެވެސް ދުވަހަކުން މަސައްކަތް ކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެކެވެ.

އެހާ ހަގު އުމުުރުގައި އޭނާ މަރުވުމުން އާއިލާ އިން ތިބީ ފުން ހިތާމައެއްގައެވެ. ޖޯޝުއާގެ މަރާއެކު އެފަދަ ނުރައްކާތެރި ޗެލެންޖެއް ކުރިއަށް ދާން ދޫކޮށްލާފައި ވާތީ ޓިކްޓޮކްގެ މެނޭޖިން ޓީމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު