އިންޑިއާގެ ކޮވިޑް ދެވަނަ ރާޅުގައި ފިލްމް އިންޑަސްޓްރީއަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މަހާރަޝްތުރާ ސްޓޭޓް މިހާރު ވެސް ފުރަަބަންދު ކޮށްފައި އޮތުމާއި އެކު ބައެއް ޕްރޮޖެކްޓް ތަކުގެ މަސައްކަތް ވަނީ މަޑު ޖައްސާ ލެވިފައެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު ސިނެމާތަކުން ފެންނާނެ ކަމަށް ބުނެފައިވާ 'އަޕްނޭ 2' ގެ މަސައްކަތް ވަނީ ލަސް ކުރެވިފައެވެ.

ފިލްމް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރާ އަނިލް ޝަރްމާ މިދިޔަ އަހަރު ބުނެފައިވަނީ 2007 ވަނަ އަހަރު ގެނެސްދެވިފައިވާ ފިލްމުގެ ލީޑް އެކްޓަރުންނާއި އެކު ގެނެސްދެން ނިންމާފައިވާ ފިލްމެކެވެ. ލީޑް އެކްޓަރުންގެ ގޮތުގައި ފެނިގެން ދާނީ ދަރޭ އާއި އޭނާގެ ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްއެވެ.

ޕަންޖާބްގައި ޝޫޓިންގް ކުރިޔަށް ގެންދަން ނިންމާފައިވާ މި ފިލްމު ނެރޭ ތާރީހަށް އައި ބަދަލާއި އެކު ޝޫޓިންގް ކުރިޔަށް ދާނެ މަންޒިލް ވެސް ވަނީ ބަދަލުވެފައެވެ. އަނިލް ޝަރްމާ މީޑިއާއަށް ދިން އިންޓަވިއު އެއްގައި ބުުނީ ދެން ޝޫޓިންގް ކުރިޔަށް ދާނީ ލަންޑަނުގައި ކަމަށެވެ. 45 ދުވަސް ލަންޑަނުގައި ހޭދަ ކުރުމަށް ފަހު އެނބުރި ޕަންޖާބް އަށާއި މުމްބާއީގެ ޝޫޓްތައް ކުރިޔަށް ގެންދާނީ ކަމަށް އޭނާ ބުންޏެވެ.

އަނިލް ބުނިގޮތުގައި މި ދަނޑިވަޅުގައި ފިލްމުގެ މަސައްކަތް ނުފަށާ ލަސްކޮށްލަން ނިންމީ، ދަރޭގެ ސިއްހަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭތީއެވެ. އޭގެ އިތުރުން ތިއޭޓަރުތައް ވެސް އަލުން ހުޅުވާލަން ނިންމާފައިވަނީ ދެތިން މަސް ފަހުން ކަމަށް ވާތީ މިހާރު ކޮންމެހެން ފިލްމުގެ މަސައްކަތް ނިންމަން ނޫޅުނީ ކަމަށް ބުންޏެވެ.

ފިލްމު މިއަހަރު ނުނެރޭނެ ކަމަށް ބުނެ ފަސްކުރި ނަމަވެސް، ދެން ފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު