ވެކްސިން ދިނުމުގައި ފިލްމު އިންޑަސްޓްރީގެ ފަރާތްތަކަށް އިސްކަން ދޭންޖެހޭ ކަމަށް ބޮލީވުޑުގެ ސީނިއަރ އެކްޓްރެސްއެއް ކަމަށްވާ ޕޫނަމް ދިލޮން ބުނެފިއެވެ. ޕޫނަމް މިހެން ބުނެފައިވަނީ އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ހާލަތު މިހާރު އޮތް ގޮތާއި މެދު ވާހަކަ ދައްކަމުންނެވެ.
ސަރުކާރުން ފުރަބަންދަކާއި ހަމައަށް ދަންދެން މީހުން ފަރުވާ ކުޑަ ކުރާ ކަމަށާއި ވައިރަސްއަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ވައިރަހާއި މެދު ފަރުވާ ކުޑަކުރެވޭ މިންވަރު ވެސް އިތުރުވެގެންދާ ކަމަށް ޕޫނަމް ބުނެފައިވެއެވެ. މާސްކު އެޅުމަކީ ނަމެއްގައި ކުރާ ކަމެއް ކަމަށާއި އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށް އޭނާ ބުނެއެވެ. ވައިރަހުގެ ނުރައްކާތެރިކަން ކައިރީގައި އުޅޭ ފަރާތްތަކަށް ވިސްނައިދިނުމަކީ ވެސް ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށާއި ޑަބަލް މާސްކު އެޅުމާއި ކޮންމެ ދުވަހަކު އާވިއެރުވުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ޕޫނަމް ބުނެފައިވެއެވެ.
ވައިރަހުގެ މި ނުރައްކާތެރި ވަގުތުގައި ވެސް ޝޫޓު ކުރަމުންދާ ޕޫނަމް ބުނެފައިވަނީ އޭނާގެ ސެޓުގައި އެންމެން ވެސް މާސްކު އެޅުމާއި ހުންނަ ގަވާއިދު ތަކަށް އުޅުމަށް ބުނާ ކަމަށެވެ. ފުރަބަންދު ކުރި ނަމަވެސް ޝޫޓިންތައް ކުރިއަށް ގޮސް ތިއޭޓަރތައް ހުޅުވިފައިވާ މި ދުވަސްވަރު އިންޑަސްޓްރީގެ ގިނަ ފަންނާނުންތަކެއް ވައިރަހަށް ފައްސިވަމުުންދާތީ ކަންބޮޑުވާ ކަމަށް ވެސް ޕޫނަމް ބުނެފައިވެއެވެ.
އެހެންކަމުން ވެކްސިން ދިނުމުގައި އިންޑަސްޓްރީގެ ފަރާތްތަކަށް އިސްކަން ދޭންޖެހޭނެ ކަމަށް ބުނެ ކުރަމުންދާ ޓްވީޓު ތަކުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެވޭތޯ މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި އަހަރު އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަކަށް ވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ޕޫނަމް ބުނެފައިވެއެވެ.
އިންޑިއާގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ވެކްސިން ލިބުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ޕޫނަމް ވ ގަދަ ! ތީ ޕޫނަމް ގެ ވިސްނުން!