މަޝްހޫރު ބިރުވެރި ފިލްމު ދި ކޮންޖުއަރިން ތިންވަނަ ބައިގެ ޓްރެއިލާ ދައްކާލައިފިއެވެ.

މައިކަލް ޗޭވްސް ޑައިރެކްޓް ކޮށްފައިވާ ދި ކޮންޖުއަރިން - ދި ޑެވިލް މޭޑް މީ ޑޫދެޓް އަކީ ވެސް ކުރިން ގެނެސްދެވިފައިވާ ދި ކޮންޖުއަރިން ފިލްމުގެ ދެބައެކޭ އެއްފަދައިން ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޓްރެއިލާ ރިލީޒް ވެފައިވާއިރު އޭގެން ފެނިގެން ދަނީ ފޭނުން އުންމީދު ކުރިފަދައިން ވަރަށް ބިރުވެރި މަންޒަރުތަކެވެ.

މައިގަނޑު ގޮތެއްގައި ފިލްމުން ދައްކުވައިދެނީ 1981 ވަނަ އަހަރު މަރުގެ ތުހުމަތު ތަކެއް ކޮށްފައިވާ މީހެއްގެ މަރުގެ ވާހަކައެވެ.

ކޮންޖުއަރިންގެ ތިންވަނަ ބައި ރިލީޒް ކުރަން ހަމަޖެހިފައިވީ މިދިޔަ އަަހަރުގެ ސެޕްޓެމްބަރ މަހުއެވެ. ނަމަވެސް، އެތައް ފިލްމުތަކެއްގެ މަސައްކަތަށް ބުރޫ އެރިފަދައިން މި ފިލްމުގެ މަސައްކަތް ވެސް ފަސްކޮށްލަން މަޖުބޫރުވީ ދުނިޔެއަށް އެކި ކަންކަމުން ބަދަލު ގެނުވި ކޮރޯނާވައިރަހުގެ ސަބަބުންނެވެ. އެޗްބީއޯ މެކްސްއިން ބުނެފައިވަނީ މިހާރު މި ފިލްމު ތިއޭޓަރ ތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.

މި ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނާއި ހިސާބަށް 2013 ވަނަ އަަހަރު ގެނެސްދެވިފައިވާއިރު، ދެވަނަ ބައި ގެނެސްދީފައިވަނީ 2016 ވަނަ އަހަރުއެވެ. ކާމިޔާބު ދެބައި ގެނެސްދީފައިވާ ދި ކޮންޖުއަރިން ލިމިޓެޑް ސީރީސްގެ ތިންވަނަ ބަޔަށް އިންތިޒާރު ކުރާ މީހުން މަދެއް ނޫނެެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ 2014 ވަނަ އަހަރު އެމްޕަޔާ ބެސްޓް ހޮރޯ ފިލްމުގެ އެވާޑުގެ އިތުރުން ކްރިޓިކްސް ޗޮއިސްގެ އެންމެ ރަނގަޅު ބިރުވެރި ފިލްމުގެ އެވާޑު ވެސް ކާމިޔާބު ކޮށްފައިވާ ފިލްމެކެވެ.