އިންޑިޔާގައި ކޮރޮނާ ވައިރަސްގެ ދެވަނަ ރާޅާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މަރުވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އާއްމު ރައްޔިތުންނާއި މަޝްހޫރު ފަންނާނުންނާއި މަތީ މަގާމުތަކުގެ އެތައް ބަޔަކު މި ބައްޔަށް ފައްސިވެ، އަދި އެތައް ބައެއް ވަނީ މި ބަލީގައި މަރުވެފައެވެ.

މި ވައިރަހަށް އެންމެ ފަހުން ފައްސިވެފައިވަނީ ކަރީނާ ކަޕޫރު ޚާނާއި ކަރިޝްމާ ކަޕޫރުގެ ބައްޕަ އެކްޓަރ ރަންދީރު ކަޕޫރެވެ. ރަަންދީރު ކަޕޫރު ކޮވިޑަށް ފައްސިވެ ހޮސްޕިޓަލުގައި ފަރުވާދެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަންދީރު ކަޕޫރު އެނދުމަތި ކުރި ޚަބަރާއި އެކު އޭނާގެ މިހާރުގެ ހާލަތާއި ބެހޭ މައުލޫމާތު އޮޅުންފިލުވުމަށް އެތައް ބަޔަކު މަސައްކަތް ކުރަމުން ދަނިކޮށް ކޮކިލާބެން އަންބާނީ ހޮސްޕިޓަލުގެ ސީއީއޯ އަދި އެގްްޒެކެޓިވް ޑައިރެކްޓަރ ޑޮކްޓަރ ސަންތޯޝް ޝެޓީ ވަނީ ރަންދީރުގެ މިހާރުގެ ހާލަތު ބަޔާންކޮށް ބަޔާނެއް ނެރެފައެވެ.

ޑޮކްޓަރ ސަންތޯޝް ބުނެފައިވާ ގޮތުގައި ރަންދީރު ކަޕޫރު ކޮވިޑަށް ފައްސިވެ ފަރުވާދިނުމަށް ކޮކިލާބެން އަންބާނީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށާއި ނަމަވެސް މިހާރު ރަންދީރުގެ ހާލު ރަނގަޅު ކަމަށެވެ.

ރަންދީރު ކަޕޫރު ކޮވިޑަށް ފައްސިވެފައި ވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ޖަހާފައި ވަނިކޮށެވެ.

އޭނާގެ އުމުރުން މިހާރު 74 އަހަރެވެ. އެހެންކަމުން އޭނާ ހިމެނެނީ ކޮވިޑް ޖެހިއްޖެނަމަ ހާލަތު ނުރައްކާވުމުގެ ފުރުސަތު އޮތް މީހުންގެ ކެޓަގަރީގައެވެ.

ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ފިލުމީ އާއިލާއެއް ކަމަށްވާ ކަޕޫރު އާއިލާއިން މިހާތަނަށް ވަނީ އެތައް ބަޔަކު ކޮވިޑަށް ފައްސިވެފައެެވެ. އޭގެތެރޭގައި ރިޝީ ކަޕޫރުގެ އަންހެނުން ބަތަލާ ނީތޫ ކަޕޫރާއި ރަންބީރު ކަޕޫރު ވެސް ހިމެނެއެވެ. ނީތޫ ކަޕޫރު ކޮވިޑުން ރަނގަޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. އަދި ރަންބީރު ކަޕޫރު ކޮވިޑުން ރަނގަޅުވެފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު