އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލުން ނެއްޓި ލާ ކޮންމެ ނޭވާއަކަށް ކޮންމެ މީހަކު ވެސް އެތައް ބުރަ މަސައްކަތެއް ކުރަން ޖެހިފައިމިވާ ވަގުތުގައި މަޝްހޫރު އެތައް ފަންނާނުންނެއް ދަނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފައިސާގެ އެހީއާއި ސިއްހީ ބައެއް އާލާތްތައް ފޯރުކޮށްދިނުމުގެ އިތުރުން ގިނަ ފަންނާނުންގެ މީސް މީޑިޔާ އެކައުންޓުތައް ވެސް މިހާރު ބޭނުން ކުރެވެމުން ދަނީ އެކި ފަރާތްތަކަށް އެހީތެރިކަން ހޯދައި ދިނުމާއި ކޮވިޑާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށެވެ.

ކޮވިޑްގެ މި ހާލަތުގައި ހޮސްޕިޓަލްތަކާއި ސިއްހީ ފަރުވާދޭ ތަންތަން ފުރިބާރުވެފައިވާ މި ހާލަތުގައި އެހީއަށް ބޭނުންވާ މާބަނޑު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިފަހަރު ނިކުތީ ބޮލީވުޑުގައި ކުރިއަރަމުން އަންނަ އެކްޓަރެއް ކަމަށްވާ ކާތިކް އާރްޔާންއެވެ.

ކާތިކު އޭނާގެ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މާބަނޑު އަންހެނުންނަށް ސިއްހީ ފަރުވާ ހޯދަން ޖެހިއްޖެ ހާލަތެއްގައި އެހީ ހޯދުމަށް ''އެންސީޑަބްލިޔު އިންޑިޔާ'' އަށް މެއިލް ކުރުމަށް ނުވަތަ ވަޓްސްއަޕްއިން ގުޅޭނެ ނަންބަރެއް ހިއްސާ ކޮށްފައިވެއެވެ.

ކާތިކްގެ މި ޕޯސްޓު ނިންމާލާފައިވަނީ އެހެން މީހުންނަށް އެހީތެރިވެވޭތީ އެކަމާ އުފާވާކަމަށް ބުނަމުންނެވެ. މީގެއިތުރުން ކާތިކްއަކީ ކޮރޯނާ ވައިރަސް ފެށުނީއްސުރެ ވައިރަހަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް މީސް މީޑިޔާ އެކައުންޓުތަކުގައި ކުރަމުން އައި ފަންނާނެކެވެ. އަދި ވެކްސިން ޖެހުމަށް އެންމެންނަށް ގޮވާލާފައިވެއެވެ.

ކާތިކް އާރްޔާންގެ އިތުރުން އެހެން ފަންނާނުން ވެސް އެމީހުންގެ މީސް މީޑީޔާ އެކައުންޓުތައް މެދުވެރިކޮށް ދަނީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު