ކާމިޔާބު އެތައް ފިލުމަކާއި ޝޯތަކާއި ސީރީޒްތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރ ބިކްރަމްޖީތު ކަންވަރްޕާލް ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ. ބިކްރަމްޖީތު މަރުވެފައިވަނީ އުމުރުން 52 އަހަރުގައި، މިދިޔަ ހުކުރު ދުވަހުއެވެ.

ބިކްރަމްޖީތު ކޮވިޑަށް ފައްސިވެ، ހާލަތު އިތުރަށް ގޯސްވެ ފަރުވާ ދިނުމަށް ގެންދެވިފައިވަނީ މުމްބާއީގެ ސެވަން ހިލްސް ހޮސްޕިޓަލަށެވެ. އޭނާ މަރުވެފައިވަނީ މި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެކްޓު ކުރުމުގެ އިތުރުން އާރމީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ބިކްރަމްޖީތު މިދިޔަ އަހަރު ހިއްސާ ކޮށްފައިވާ ޔޫޓިއުބް ވީޑިއޯއެއްގައި ބުނެފައިވަނީ އެންމެން ވެސް ގޭގައި ތިބުމަށާއި އަދި އޭނާގެ އާއިލާ މީހުންނާއި ދުރުގައި ހުރުމުން އެމީހުން މަތިން ހަނދާންވާ ކަމަށާއި އެމީހުންގެ ގާތަށް ދިޔުމަށް ބޭނުންވާ ކަމަށެވެ.

ބިކްރަމްޖީތު މަރުވުމަށް އޭނާއަށް ތައުޒިޔާ ކިޔާ ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވަނީ މީސް މީޑިޔާގައި ޕޯސްޓުތައް ހިއްސާ ކޮށްފައެެވެ. އޭގެތެރޭގައި މަނޯޖު ބާޖްޕާއީ، އަޝޯކް ޕަންޑިތު، ރޯހިތު ރޯއީ، ނީލް ނިތިން މުކޭޝް، ވިކްރަމް ބަޓްއަޝްވިން މުޝްރާން ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.

''2 ސްޓޭޓްސް''، ''ޣާޒީ''، ''ޖޯކަރ''، ''ބާގް ޖޯނީ''، ''ހެއި ބޭބީ'' ފަދަ އެތައް ގިނަ ފިލުމެއް މަސައްކަތް ކޮށްފައިވާ ބިކްރަމްޖީތު އެންމެ ފަހުން ފެނިފައިވަނީ ޑިސްނޭ ހޮޓް ސްޓާރގެ ވެބް ސީރީޒެއް ކަމަށްވާ ''ސްޕެޝަލް އޮޕްސް'' އިންނެވެ.

އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅުގައި ބޮލީވުޑު އެތައް ފަންނާނުންނެއް ވަނީ މި ވައިރަހަށް ފައްސިވެފައެވެ. އަދި ބައެއް ފަންނާނުންވަނީ މި ބަލީގައި މަރުވެ ގޮސްފައެވެ.