ތެލެގޫ އަދި ހިންދީ ފިލުމުތަކުގައި އެކްޓިންގެ މޮޅު ހުނަރު ދައްކާލާ އެތައް ބައެއްގެ ލޯބި ހޯދާފައިވާ އިލިއާނާ ޑި ކުރޫޒްއާއި ގުޅޭގޮތުން ފަތުރާފައިވާ އެތައް ގިނަ ދޮގު ޚަބަރުތަކަކަށް ރައްދުދީ އެކަންތައް އޮތްގޮތް ކިޔައިދީފިއެވެ.

2012 ވަނަ އަހަރު ފިލުމު ''ބަރްފީ'' އިން ބޮލީވުޑު ފިލުމު އިންޑަސްޓްރީއަށް ތަޢާރަފްވި އިލިއާނާ 2018 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެންޑްރިވް ނީބޯންގެ ދަރިއަކަށް ބަލިވެ އިންކަމަށާއި އަދި އެ ދަރިފުޅު އެބޯޓް ކޮށްލައިފައިވާ ކަމަށް ބުނެ އެތައް އަޑުތަކެއް އެރިއެވެ.

މި ވާހަކަތަކަށް ރައްދުދެމުން ޕޯޓަލްއަށް ދިން އިންޓަވިއުއެއްގައި އިލިއާނާ ބުނެފައިވަނީ އޭނާ ބަނޑުބޮޑުވި ކަމަށާއި އެބޯޓް ކުރި ކަމަށް ބުނެ ބަޔަކު ދޮގު ޚަބަރު ފަތުރާފައިވާ ކަމަށާއި އޭނާ ބަނޑުބޮޑު ނުވާ ކަމަށާއި އަދި އެބޯޓް ކޮށްފައި ވެސް ނުވާނެ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިލިއާނާ އަމިއްލައަށް މަރުވަން އުޅުނު ކަމަށް ބުނެ ވެސް އަޑުތަކެއް އަރާފައިވާ ކަމަށާއި އެ ވާހަކަތައް އަޑު އިވުމުން އޭނާ ގާތަށް ހިނިއަންނަ ކަމަށް ވެސް ބުނެފައިވެއެވެ. އިލިއާނާ އަމިއްލައަށް މަރުވަން އުޅުނު ކަމަށާއި އެ ޚަބަރު ޔަގީން ކޮށްދީފައިވަނީ އޭނާގެ ގޭގައި މަސައްކަތް ކުރަން އުޅުނު މީހަކަމަށް ވެސް ވާހަކަ ދެކެވިފައިވެއެވެ.

މިކަމަށް ރައްދުދެމުން އިލިއާނާ ބުނެފައިވަނީ އޭނާގެ ގޭގައި މަސައްކަތް ކުރުމަށް މީހަކު ނުގެންގުޅޭ ކަމަށާއި ދުވަހަކު ވެސް އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި މީހުން މިފަދަ ވާހަކަތައް އުފައްދަނީ ކިހިނެއްތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު