ބޮލީވުޑްގެ ކުޅަދާނަ ތަރި ސަލްމާން ހާން ވަރަށް މުހިންމު މެސެޖެއް މުޅި ދުނިޔެއަށް ދީފިއެވެ،

އޭނާގެ އެންމެ ފަހުގެ ފިލްމު ރޭސް-3 އާއި ބެހޭ ގޮތުން މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ނޫސްވެރިއަލކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސަލްމާންހާން ބުނީ ފިލްމީ ތަރިއަކަށް ވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކީ އެތަކެއް ވަގުތެއް އެކަމަށް ހޭދަވާ ބުރަ ކަމެއް ކަމަށެވެ. އަދި ސަލްމާން ހާން ބުނީ ފިލްމީތަރިއަކަށް ވުމަކީ ހަލުވާތަށްޓެއް ކާލުންހާ ފަސޭހަ ކަމެއް ނޫން ކަމުގައެވެ.

"އަހަރެން ފެށީ އެންމެ ތިރިން. މިއަދު އަހަރެން މިހުރީ ބޮލީވުޑްގެ އެންމެ އުހުގައި. ފާއިތުވި އަހަރުތަކުގައި އަހަންނަށް އެތަކެއް ކަމެއް ދަސްވި. އަދި ވަރަށް ގިނަ ކަންކަން އެނގިގެން ދިޔަ" ސަލްމާންހާން ބުނެފައިވެއެވެ.

މީގެ އިތުރުން ނާކާމިޔާބީއަކީ ތިމާގެ މޫނުބަލާ ލޯގަނޑު ކަމުގައި ނުހެދުމަށް ސަލްމާން ހާން ވަނީ ގޮވާލައިފައެވެ.

"އަބަދު އެންމެންނަށް ކާމިޔާބީއެއް ނުލިބޭނެ. އަދި އެންމެންގެ ލޯތްބެއް އަބަދަކު ނުވެސް ލިބޭނެ. އަހަރެންވެސް މިހާ ހިސާބަށް އައިއިރު ދެރަވެ ހިތާމަ ކުރަން ޖެހޭ އެތަކެއް ކަމެއް ދިމާވި. އަދި ލަދުގަންނަ އެތަކެއް ކަމަކާއި ކުރިމަތިވި. ފުރަތަމަ އަހަރެން ފިލްމު ކުޅެން ނުކުތް ދުވަސްވަރު ވަރަށް ގިނަ މިހުން އަހަންނަނީ "އަންހެންދުޅާ" މީހެކޭ ނުވަތަ "ރަނޑެކޭ" ވެސް ބުނި. ނަމަވެސް މިއަދު އެ ހުރިހާ މީހުންވެސް އަހަންނަށް ކުރަނީ ތައުރީފް" ސަލްމާން ހާން ބުންޏެވެ.

އަދި ދަންނަ މީހުންގެ ކައިރިން ކަންކަން އޮޅުން ފިލުވައި ނޭނގޭ ،ކަންކަން ދަސްކޮށް އަބަދުވެސް ކުރިއަށް ދެވޭނެ މަގެއް ހޯދުމަށް ސަލްމާން ހާން ވަނީ ގޮވާލައިފައެވެ.