އެއް ދުވަސްތެރޭގައި އެންމެ ގިނަ މީހުން ބެލި ފިލްމަކަށް ސަލްމާން ހާންގެ "ރާދޭ" ވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް އީދާ ދިމާކޮށް ސަލްމާން ހާން އޭނާގެ ފޭނުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި އޭނާގެ ހާއްސަ ފިލްމެއް ނެރެއެވެ. ނަމަވެސް ފާއިތުވި އަހަރު ކޮވިޑާ ގުޅިގެން އެ އަހަރު ނެރުމަށް ހަމަޖެއްސި ފިލްމު ވަނީ ފަސްކޮށްފައެވެ. ދިގު އިންތިޒާރަކަށް ފަހު އެ ފިލްމު މިމަހުގެ 13 ގައި ނެރެފައިވާއިރު އެތައް މިލިއަން ބަޔަކު ވަނީ އެ ފިލްމު ބަލައިފައެވެ.

އެއްދުވަސްތެރޭގައި ސަލްމާން ހާންގެ ރާދޭ ބަލާފައިވާ މީހުންގެ އަދަދު 4.2 މިލިއަނަށް އަރައެވެ. އެ ފިލްމު ދައްކާފައި ވަނީ ޒީ5 އިންނެވެ. އަދި އިއްޔެ މި ފިލްމު ދުނިޔޭގެ މާކެޓަށް ވަނީ ނެރެފައެވެ.

'ސަލްމާންގެ 'ރާދޭ

ރާދޭ: ޔޯ މޮސްޓް ވޮންޓެޑް ބައި، އަކީ 2009 ވަނަ އަހަރު ނެރުނު ސަލްމާން ހާންގެ ފިލްމު "ވޮންޓެޑް" ގެ ސީކުއެލް އެކެވެ. ސަލްމާންގެ ހުރިހާ ފިލްމަކީވެސް އެތައް މިލިއަން ބަޔަކު ގަޔާވެގެން ބަލާ ފިލްމުތަކެކެވެ. އޭނާގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އިރު ސަލްމާން ފެނިގެންދާ ކޮންމެ ފިލްމަކަށްވެސް އަބަދުވެސް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރެވެއެވެ.

ފޮޓޯ: ގޫގުލް
ސަލްމާންގެ ރާދޭގެ ޝޫޓިންގެ ތެރެއިން ފޮޓޯ: ގޫގުލް

ފިލްމު ރާދޭ އަކީ އެކްޝަން ފިލްމެކެވެ. ސަލްމާން އަކީ އެކްޝަން ފިލްމެއް ކުޅުނު ކަމުގައި ވިޔަސް އެކްޓިން ގައި އެފަދަ ދެވަނައެއް ނުވާވަރުގެ ފަންނާނެކެވެ. ސަލްމާނު ކުޅެފައިވާ ލޯބީގެ ފިލްމުތައްވެސް އެހާ ގިނައެވެ.

ރާދޭގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާގޮތުގައި މި ފިލްމު ވިއްކައިގެން ލިބޭ ފައިސާގެ ވަކި ވަރެއް މިހާރު އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިން އަރައިގަތުމަށް އެހީތެރިވުމަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮކްސިޖަން ބޭނުންވާ ފަރާތްތަކާއި ހޮސްޕިޓަލްތަކުގެ އެނދު، ސިލިންޑާސް ފަދަ ތަކެތި ގަނުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައި ވެއެވެ.