ފިލުމު ބާގްބާންއާއި ސެކްޝަން 375 ފަދަ ފިލުމުތަކުން ފެނިގެން ދިޔަ އެކްޓަރ ސާހިލް ޗައްދާއާއި އޭނާގެ އަންހެނުން ޕްރޮމިލާ އެންބިއުލެންސެއްގައި ޖެހި އަނިޔާވެއްޖެއެެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު މުމްބާއީގައެވެ.

ސާހިލްއާއި އޭނާގެ އަންހެނުން ޕްރޮމިލާ މީޓިންއެއް ނިންމާލުމަށްފަހު އެސްޓީ ޒެވިއަރ ކޮލެޖު ކައިރީގައި ޕާކުކޮށްފައިވާ ކާރަށް އަރަން އައި ވަގުތު ފަހަތުން އައި އެންބިއުލެންސެއްގައި ޖެހުނީ ކަމަށް ރިޕޯޓްތަކުގައިވެއެވެ. އެންބިއުލެންސްގައި ޖެހުމަށްފަހު ދެ ފޫޓު ދުރަށް ސާހިލް ވިއްސައިގެން ދިޔަ ކަމަށާއި އޭނާގެ ބަނޑަށާއި ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވެއެވެ. އަދި އޭނާގެ އަންހެނުން ޕްރޮމިލާގެ ފައިގެ ދެ ތަނެއް ފުރެކްޗަރވެފައިވާ ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

މުމްބާއީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްސާހިލްއަށް އިތުރު ފަރުވާ ދެވެމުން ދާއިރު އޭނާގެ އަންހެނުން ހުރީ އޭނާގެ ކޮއްކޮއެއްގެ ކައިރީގައެވެ. ޕްރޮމިލާއަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވިއެވެ. އަދި ސާހިލްއަށް ވެސް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް އަދި ދުވަސްތަކަކަށް ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސާހިލް ބުނެފައިވަނީ މި އެކްސިޑެންޓަކީ އޭނާއަށް ކުއްލި ސިހުމެއް ލިބުނު އަދި އެހާމެ ބިރުވެރި އެކްސިޑެންޓެއް ކަމަށެވެ. އެންބިއުލެންސް ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސާހިލްއަކީ ފިލުމު ބާގްބާންގައި އަމީތާބުގެ ހަތަރު ދަރިންގެ ތެރެއިން ރޯހިތު މަލޯތުރާގެ ރޯލު އަދާކޮށްފައިވާ ފަންނާނެވެ. މީގެއިތުރުން ''ލާލް ދުޕައްޓާ މަލްމަލްކީ''، ''ޚޫނީ ރާތު'' ފަދަ ފިލުމު ތަކުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު