ސުކޫލުގައި ކިޔަވަމުންދާ ކުޑަކުދިންނަށް ގިނަ ކުލާސްތަކެއްގައި ބައިވެރިވާންޖެހި، ސުކޫލުން ދޭ ފިލާވަޅުތައް ގިނަކަމަށް ބުނެ ކަޝްމީރު އަންހެން ކުއްޖެއްގެ ޝަކުވާ އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދަންނަވާ ވީޑިއޯއެއް މީސް މީޑިއާގައި އާންމު ވެއްޖެއެވެ.

މި ވީޑިއޯ މިހާތަނަށް 36.6 ލައްކަ މީހުން ބަލާ، ލައިކްދީފަައިވާއިރު، އެ ވީޑިއޯގައި ކަޝްމީރުގެ އަންހެން ކުއްޖާ އޭނާގެ އަމިއްލަ ތައާރަފެއް ދެމުން ބުނީ އޭނާއަކީ އުމުރުން ހަ އަހަރުގެ ކުއްޖެއް ކަމަށެވެ.

އަދި އޭނާގެ އުމުރު ކުދިންނަށް ދެމުންގެންދާ ވަރަށް ފިލާވަޅުދީ، އެވަރަށް ކުލާސްތައް ނަގަން ޖެހޭނީ އެއަށް ވުރެ މަތީ ގްރޭޑްތަކުގައި އުޅޭ ކުދިންނަށް ކަމަށް ބުނެއެވެ.

ބޮޑުވަޒީރު މޯދީއަށް ޝަކުވާ ހުށަހަޅަމުން އެކުއްޖާ ބުނީ ކޮންމެ ދުވަހަކު ހެނދުނު 10 އަކުން މެންދުުރު ފަހު 2 ޖަހަންދެން ކުލާހުގައި އިންނަން ޖެހޭ ކަމަށެވެ.

މިހާރު މި ވީޑިއޯއަށް ވަނީ ޖައްމަ އާއި ކަޝްމީރުގެ ގަވަރުނަރު، މަނޯޖް ސިންހާގެ ސަމާލުކަން ވެސް ލިބިފައެވެ.

ގަވަރުނަރު ޓްވީޓް ކުރައްވާ ވިދާޅުވީ ސްކޫލް އެޑިއުކޭޝަން ޑިޕާޓްމެންޓްތަކުން ކުޑަކުދިންނަށް ކިޔެވުމުގެ ސަބަބުން ބުރަނުވާނެހެން ކަންތައްކުރުމަށް ގޮވާލައިފައެވެ.

ކުޑަކުދިންނަކީ ލެއްވި ރަހުމަތެއް ކަމަށާއި، އެކުދިންގެ ޅައުމުރުގެ ދުވަސްތައް ހޭދަކުރަން ވާނީ މަޖާކޮށް، އުފަލާއި ހިތްހަމަޖެހިގެން ކަމަށް ފާހަގަ ކުރައްވާފައިވެއެވެ. އަދި ގްރޭޑް ފަހަކުން ދަށުގެ ކުދިންނަށް ގޭގައި މަސައްކަތް ކުރަން ފިލާވަޅު ނުދިނުމަށް ގަވަރުނަރު ތާއީދުކުރައްވާފައިވެއެވެ.

ވީޑިއޯގައި ކުއްޖާ ދައްކާ ވާހަކަ އަކީ މީހުން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު